އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 18 ސިކުންތު
އިސްލާމް ދީނުގައި އޮތީ އަވަށްޓެރިންގެ ޙާލުބަލައި އެހީތެރިވުމެވެ. ނަމަވެސް މިޒަމާނުގައި ޖެހިކެހިގެން ހުންނަ ދެފްލެތްގައި އުޅޭއިރުވެސް ގިނައީ އަނެއް ފްލެޓްގައި އުޅެނީ ކާކުކަންވެސް ނުއެނގޭ މީހުންނެވެ.
އެކަން އެގޮތަށް މެދުވެރިވާ ސަބަބުތަކެއްވެސް އެބަހުއްޓެވެ. އެއްސަބަބަކީ ހެޔޮއެދިގެންނަމަވެސް ގެއަށް ވައްދައި އުޅޭނަމަ ލަނޑުދޭ މީހުންވެސް އުޅޭތީއެވެ. އަނެއް ސަބަބަކީ ގެދޮރުގެ ދަތިކަން ހުންނަ ގޮތުން ބޭރު މީހުން ވެއްދެން ނުއޮންނަ ކަމެވެ.
މިޙާލަތުގައިވެސް ބައްދަލުވުމުން ސަލާމް ގޮވާލައި ޙާލު އަހާލަންވާނެއެވެ. އެހީތެރިކަމަކަށް ބޭނުންވެއްޖެނަމަ ބުނެލަން ދަޢުވަތުދޭންވާނެއެވެ. ބުނުމާއި ނުބުނުން އަނެކާއަށް ދޫކޮށްލާށެވެ!
މިހާރަކަށް އައިސް ސިޓީތަކުގައި ގިނަ މީހުން އުޅެނީ ފްލެޓްތަކުގައެވެ. ވީމާ ކުރިމަތިން ނުވަތަ ޖެހިގެން ހުންނަ ފްލެޓްތަކަށް ވައްދާތަކެތި ވަރަށް ފަސޭހައިން ފެންނާނެއެވެ. އަދި ލިފްޓުން އަރާއިރު އަނެކާގެ އަތުގައި ހުންނަ ތަކެތިވެސް ފެންނާނެއެވެ.
އަނެކާގެ ގެއަށް ވައްދާތަކެއްޗާއިމެދު ނުވިސްނާށެވެ. ވިސްނާނަމަ ކަންބޮޑުވެވޭނެއެވެ. އެކަންބޮޑުވުން ބަދަލުވާނީ ޙަސަދައަށެވެ. ޙަސަދައަކީ ކުރާ ހެޔޮކަން ނައްތައިލުވާ އެއްޗެކެވެ. ޙަދީޘްފުޅުގައި އޮތީ ހަސަދައަކީ އަލިފާން، ދަރުއަންދާ އުޞޫލުން އެމީހަކުކުރާ ހެޔޮކަން އަންދައިލާ އެއްޗެއް ކަމަށެވެ.
އަހަރެމެންގެ ތެރެއިން ގިނަބައަކަށް ކުރެވޭ ވަރަށް ނުބައިކަމެއް ފާހަގަކޮށްލާނަމެވެ.
މިޘާލަކަށް އެކުގައި އުޅުނު ދެމީހުންނެވެ. ފުރތަމަ 2 މީހުންވެސް އުޅުނީ ވަރަށް ފަޤީރު ޙާލުގައެވެ. އެއިރު ދެމީހުންވެސް އުޅުނީ ވަރަށް ގާތް އެކުވެރިކަމުގައެވެ. ދުވަސްކޮޅަކުން އެކަކަށް ތަނަވަސްކަން ލިބުނީއެވެ. ތަނަވަސްކަން ލިބުމުން އޭނާ އަނެކާގެމަތިން ހަނދާން ނައްތައިލީއެވެ. އެކުވެރިކަން ދޫކޮށްލީއެވެ.
އެހިސާބުން އެބަބުނެވެއެވެ. "ފަޤީރުއިރު އުޅުނީ ވަރަށް އެކުވެރިކަމުގައެވެ. އޭނާއަށް ތަނަވަސްކަން ލިބުމުން މިހާރު އަހަރެން ނުވެސް ފެނެއެވެ."
އެގޮތަށް ކަންތައް ކޮށްފިނަމަ ދެރަވާނެއެވެ. އެހެނަސް މިބުނި ވަރުގެ ބަހެއްވެސް ނުބުނާށެވެ! އެއިގެ ބަދަލުގައި އޭނާއަށް ނިޢްމަތް ދެއްވެވުން އެދި ދިޢާކުރާށެވެ! އެދުޢާއަކީ ތިބާގެ ތަނަވަސްކަން އިތުރުކޮށްދެއްވަވާ ސަބަބުކަމުގައިވެސްވެދާނެއެވެ. އިން ޝާ ﷲ
މިގޮތަށް ވިސްނާށެވެ! ގިނައިން ދެއްވަވާ މީހާއަށް ދެއްވަވަނީވެސް ﷲ އެވެ. ތިމާއަށް ދެއްވަވަނީވެސް ﷲ އެވެ. ދެއްވަވާނެ މިންވަރު ކަނޑައަޅުއްވަވަނީ ﷲ އެވެ. ހަމައެއާއިއެކު ތިމާއަށް ދެއްވަވަން އިރާދަކުރައްވަވާ މިންވަރަށް ލިބޭނެކަމުގެ ޔަޤިންކަމުގައި ހުންނާށެވެ! އެއިރުން އެހެން މީހުންނަށް ދެއްވަވާ ނިޢްމަތްތަކަށް ކަންބޮޑުވެ ޙަސަދަވެރިވާކަށް ނުޖެހޭނެއެވެ.
ވީމާ ޖެހިކެހިގެން ހުރިނަމަވެސް، އެއްލިފްޓަކުން އަރައި ފޭބިޔަސް އަނެކާގެ ފްލެޓަށް ގިނަތަކެތި ވައްދާނަމަ އެކަމަށް ހަސަދަވެރިނުވެ އޭނާއަށް އަދިވެސް އިތުރުކޮށް ދެއްވެވުން އެދިގެން ދުޢާކުރާށެވެ! އެއިރުން ކުރާނެ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
2 މެއި 2025