އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 20 މިނެޓް, 40 ސިކުންތު
މުސްލިމް އަޚުންނޭވެ! الله سُبْحَانَهُ وَتَعَالَى އެކަލާނގެ ކަލާމްފުޅުގައި، އަޅުތަކުންނަށް އަމުރުކުރައްވައިފައިވަނީ، ކިޔަމަންގަތުމާއި ހެޔޮ ޢަމަލުތަކުގައި ކުރިއަރައިދިއުމަށެވެ. އެއްބައިވަންތަވުމަށާއި ގުޅިގެން އުޅުމަށެވެ. ބައިބައިވުމާއި ދެބަސްވުންތައް ވަނީ ނަހީކުރައްވައިފައެވެ. މާތް ﷲގެ މަތިވެރިކަމަށާއި އެކަލާނގެ ޛާތުފުޅަށް ޓަކައި އެއް ބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވުމަށާއި، ހެޔޮ ކަމާއި ތަޤްވާވެރިވުމުގައި އެހީތެރިވާ ބަޔަކަށް ވުމަށެވެ. އެ ކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާ ނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ." އެބަހީ: ތިޔަބައިމީހުންގެ ހައިބަތާއި އާރާއި ބާރު ނެތިހިނގައިދާނެއެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (اَلْمُسْلِمُوْنَ تَتَكَافَأُ دِمَاؤُهُمْ، وَيَسْعَى بِذِمَّتِهِمْ أَدْنَاهُمْ، وَيـُجِيْرُ عَلَيْهِمْ أَقْصَاهُمْ، وَهُمْ يَدٌ عَلَى مَنْ سِوَاهُمْ)[1] މާނައީ: ޤިޞާޞްހިފުމާއި ދިޔަދިނުމުގައި މުސްލިމުންނަކީ ހަމަހަމަ ބަޔެކެވެ. އެންމެ އާދައިގެ މުސްލިމަކު ކާފިރަކަށް ޙިމާޔަތްދީ ޢަހުދެއްކޮށްފި ނަމަ، އެ ކަމަށް ރައްކާތެރިވުން އެންމެހައި މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވެއެވެ. އަދި މުސްލިމުންނަކީ އެ ނޫން މީހުންގެ މައްޗަށް އެކަތިގަނޑަކަށްވެގެންވާ އެއްބައިވަންތަ ބަޔެކެވެ." އަދިވެސް އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (عَلَيْكُم بِالْـجَمَاعَةِ، وَإيَّاكُم وَالْفُرْقَةَ، فَإِنَّ الشَّيْطَانَ مَعَ الْوَاحِدِ، وَهُوَ مِنَ الْإِثْنَيْنِ أَبْعَدُ، مَنْ أَرَادَ بُـحْبُوْحَةَ الْـجَنَّةِ فَلْيَلْزَمِ الْـجَمَاعَةَ)[2] މާނައީ: "ތިޔަބައިމީހުން ޖަމާޢަތާ އެކުގައި ވާށެވެ! ބައިބައިވުމާ މެދު ބިރުވެތިވެ ރައްކާތެރިވާށެވެ! އެހެނީ ޝައިޠާނާ ގާތްކަން ކަށަވަރީ އެކަހެރި މީހާއާއެވެ. އޭނާ ދެ މީހުންނާ ދުރުހެލިވުން ބޮޑެވެ. ސުވަރުގެއިން އެންމެ މަތިވެރި މަޤާމު އެދޭ މީހާ ޖަމާޢަތާ ވަކިނުވާހުށިކަމެވެ."
މުސްލިމް އަޚުންނޭވެ! އެންމެ ނުބައި މީހަކީ، އެ މީހެއްގެ ޤައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާއެވެ. ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެއެވެ. އަދި ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުރު ބަހުން މުޚާޠަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިސްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ، ފަތުވާ ދިނުމަށް އަވަސްވެގަންނަ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުކަމުގެ ސަބަބުން ސީދާ މަގު ގެއްލިފައިވާ ބަޔަކަށް ވެސް ޤައުމު އެއްގަލަކަށް ނޭރުވޭނެއެވެ. ފަހެ ފުރެދުމާއި، ފަސާދައާއި، އިލްޙާދަށް ގޮވައިލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާ މެދު ތިޔަބައިމީހުން ބިރުވެތިވާށެވެ! ތިޔަބައިމީހުން ޙިކުމަތްތެރިކަމާއި މެދުމިނުގައި ހިފަހައްޓާށެވެ!
މުސްލިމް އަޚުންނޭވެ! އެކަކު އަނެކަކަށް ރަޙުމުކޮށް އޯގާވެރިވެ އުޅުމަށް ވަޞިއްޔަތްކުރުމަކީ، މާތް ﷲއާ ކުއްތަންކޮށްދޭ މަތިވެރި ޢަމަލެކެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ދެން އީމާންވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް ވަޞިއްޔަތް ކޮށް، އަދި މީސްތަކުންނަށް ރަޙުމު ބެހެއްޓުމަށް އެކަކު އަނެކަކަށް ވަޞިއްޔަތް ކޮށް އުޅުނު މީހުންގެ ތެރެއިން އޭނާ ވާނެތެވެ. ކަނާތް ފަރާތުގެ މީހުންނީ، އެއުރެންނެވެ." އެހެންވީމާ ތިބާއީ އަމިއްލަ ނަފުސަށާއި، އެހެން މީހުންގެ މައްޗަށް އޯގާތެރި މީހަކަށްވާށެވެ! ތިބާއަށް ލިބިގެންވާ ހެޔޮ ކަން ހަމައެކަނި ތިބާއަށް ލިބިގެންވާ އެއްޗެއް ކަމުގައި ނުހަދާށެވެ! އަދި ކިއެއްތަ! އެކަންވާހުށީ މީސްތަކުންނަށް ރަޙުމުކޮށްގެންނެވެ. ނުދަންނަ މީހުންނަށް އުނގަންނައިދީގެންނެވެ. ހާޖަތްތެރީންނާއި ފަޤީރުންނަށް ތިބާގެ ޖާހާއި މާލުން އެހީތެރިވެގެންނެވެ. ބޮޑެތި މީހުންނަށް އިޙްތިރާމުކޮށްގެންނެވެ. ކުޑަކުދީންނަށް އޯގާތެރިވެގެންނެވެ. ކުށްކުރާ މީހުންނަށް ރަނގަޅު މަގުދައްކައިދީގެންނެވެ. ޖަނަވާރުންނަށް އޯގާތެރިވެގެންނެވެ. ފަހެ ﷲގެ ރަޙްމަތާ އެންމެ ކުއްތަންވެގެންވާ މީހުންނީ، އެ ކަލާނގެ ޚަލްޤުތަކުންގެ މައްޗަށް އެންމެ އޯގާވެރިވާ މީހުންނެވެ. އެފަދަ މީހުންނަށް މާތް ﷲ ރަޙުމަތްލައްވައި، އެ ކަލާނގެ ދީލަތިވަންތަކަމުގެ ގޮވައްޗަށް ވައްދަވާނެތެވެ. ކަށްވަޅުގެ ޢަޛާބުންނާއި ޤިޔާމަތްދުވަހުގެ ބިރުވެރިކަމުން އަމާންކަން ދެއްވައި، އެ ކަލާނގެ ހިޔާވަހިކަން ދެއްވާނެތެވެ.
اِبْنُ الْقَيِّمِ رَحِـمَهُ الله ވިދާޅުވެފައި ވެއެވެ. ﷲ تَعَالىއީ ރަޙީމުވަންތަ، މީސްތަކުންނަށް ރަޙުމުކުރާ މީހުން ދެކެ ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން އަޅުތަކުންކުރެ އެކަލާނގެ ރަޙުމުކުރައްވަނީ މީސްތަކުންނަށް ރަޙުމުކުރާ މީހުންނަށެވެ. އެކަލާނގެއީ އަޅުތަކުންގެ ސިއްރުތައް ގިނަގިނައިން ވަންހަނާކޮށްދެއްވާ، އަޅުތަކުންގެ ސިއްރުތައް ވަންހަނާކޮށްދޭ އަޅުތަކުން ދެކެ ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. އެކަލާނގެއީ މީސްތަކުންނަށް ގިނަގިނައިން ޢަފޫކުރައްވާ ފާފަ ފުއްސަވާ، މީސްތަކުންނަށް މަޢާފުކުރާ އަޅުތަކުން ދެކެ ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. އެކަލާނގެއީ ނުހަނު އޯގާވަންތަވެރި، މީސްތަކުންނަށް އޯގާވެރިވާ އަޅުތަކުން ދެކެ ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ހިތް ހަރުކަށި ޚުލްޤު ނުބައި ކިބުރުވެރި ޖައްބާރު މީހުން ދެކެ ކޯފާވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. އެކަލާނގެއީ އޯގާވެރިވަންތަ ޙަލީމުވަންތަ، އޯގާވެރިކަމަށާއި މަޑުމައިތިރިކަމަށް ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. އެކަލާނގެއީ އިޙްސާންތެރިވަންތަ، އިޙްސާންތެރިކަމަށާއި އެ ކަމުގެ އަހުލުވެރިން ދެކެ ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. އެކަލާނގެއީ ޢަދުލުވެރިވަންތަ، ޢަދުލުވެރިކަމަށް ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. އެކަލާނގެއީ އަޅުތަކުންގެ ޢުޛުރު ޤަބޫލުކުރައްވާ، އަޅުތަކުންގެ ޢުޛުރު ޤަބޫލުކުރާ މީހުން ދެކެ ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. މި ސިފަތައް ހުރިނެތް ގޮތެއްގެ މައްޗަށް އަޅުތަކުންނަށް ޖަޒާދެއްވައެވެ. މީހަކު އެހެން މީހުންގެ އަބުރަށް އަރައިގަނެ ފަޟީޙަތްކުރުމާއިގެން ތެދުވެއްޖެ ނަމަ މާތް ﷲ އެ މީހަކު ފަޟީހަތްކުރައްވާ ހުއްޓެވެ. އެހެން މީހަކަށް ހެޔޮކަމެއް ލިބޭން ނޭދޭ މީހާ ހެޔޮކަމުން މަހުރޫމުކުރައްވަތެވެ. މީހަކަށް ދަތިކޮށްފި މީހާއަށް ދަތިކުރައްވާ ހުއްޓެވެ.
އެހެން މީހަކަށް މަކަރުހަދައި ކެހިދީފި މީހަކަށް އެ ކަމާ އެއް ފަދަ ސަޒާ ދެއްވާ ހުއްޓެވެ. އަޅާ، މީހަކާ މުޢާމަލާތުކުރާ ގޮތަކަށް، ދުނިޔެއާއި އާޚިރަތުގައި ވެސް މާތް ﷲ އޭނާއާ މުޢާމަލާތުކުރައްވާހުއްޓެވެ.
މުސްލިމް އަޚުންނޭވެ! ﷲގެ އަޅުތަކުންނަށް ފައިދާކޮށްދިނުމަކީ އެންމެ މަތިވެރި ޚުލްޤެވެ. މީސްތަކުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ ޢިއްޒަތާއި ޝަރަފާއި ޤަދަރުވެރިކަމުގައެވެ. ފަހެ ތިބާއީ މީސްތަކުންނަށް ފައިދާހުރި، ހެޔޮފޯރުވައި އުޅޭ މީހަކަށް ވާށެވެ! ކީރިތި ރަސޫލާ z ޙަދީޘްކުރެއްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މީސްތަކުން ކުރެ ﷲ تَعَالىގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު މީހަކީ، މީސްތަކުންނަށް އެންމެ ފައިދާހުރި މީހާއެވެ. އަދި ﷲ تَعَالى އެންމެ ލޯބިވެވޮޑިގަންނަވާ ޢަމަލަކީ މުސްލިމެއްގެ ހިތަށް އުފާވެރިކަމެއް ގެނެސްދިނުމެވެ. ނުވަތަ އޭނާއަށް ޖެހިފައިވާ ދަތިއުނދަގޫކަމެއް ލުއިކޮށްދިނުމެވެ. ނުވަތަ އޭނާގެ މަތީން ދަރަންޏެއް ފުއްދައިދިނުމެވެ. ނުވަތަ އޭނާގެ ބަނޑުހައިހޫނުކަން ފިލުވައިދިނުމެވެ. ތިމަންކަލޭފާނުގެ އަޚަކަށް ޖެހިފައިވާ ބޭނުމެއް ފުއްދައިދިނުމަށް ދިޔުން އަލްމަސްޖިދުއްނަބަވީގައި އެއް މަސްދުވަހު އިޢުތިކާފަށް އިނުމަށް ވުރެ ތިމަންކަލޭގެފާނަށް ލޮބުވެތިކަން ބޮޑެވެ."[3] ތިބާގެ އެހީތެރިކަމާއި، ދީލަތިކަމާއި، ހޭދަކުރުން ދޫކޮށްނުލާށެވެ! ތިބާ މުށްބާރުނުކުރާށެވެ! ބޭނުމެއް ޖެހިގެން އަތްދިއްކޮށްލާ މީހާއަށް ކުޑަނަމަވެސް ހެޔޮކަމުގެ އަތެއް ދިއްކޮށްލާށެވެ! ނުވަތަ ހިތްހެޔޮކަމާ އެކު ރީތިކޮށް އޭނާއަށް ޖަވާބުދޭށެވެ! އޭނާގެ ނިކަމެތިކަމާހުރެ ސަލާންޖެހުމުން ހުސްއަތާ ދާންޖެހުމާއި، ތިބާގެ ހަރުކަށިކަމާއި ނުރުހުން އެކުވިޔަނުދޭށެވެ. ދީލަތި މީހާގެ ވަޢުދު އަވަހަށް ފުއްދާނެއެވެ. ބަޚީލު މީހާ ބަހަނާތައް ދައްކައި، މާދަމާ އަންނާށޭ ބުނާނެއެވެ. އެއްޗެއް ދޭނެކަމަށް ބުނެ ދިގުދެންމުމަށް ވުރެ ޞަރީޙަ ޖަވާބުދިނުން ހެޔޮކަން ބޮޑެވެ.
މުސްލިމް އަޚުންނޭވެ! މުއުމިނުންނަކީ މީހުންގެ ބޭނުންތައް ފުއްދައިދޭ، މީހުންނަށް ޖެހޭ އުނދަގޫތައް ދުރުކޮށްދޭ ބަޔެކެވެ. أَبُوْ مُوسَى الْأَشْعَرِي - رَضِيَ اللهُ عَنْهُ ވިދާޅުވެފައި ވެއެވެ. ތިމަންމެން ދެންނެވީމެވެ. ﷲގެ ރަސޫލާއެވެ! އެންމެ ހެޔޮ މުސްލިމަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެ މީހެއްގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ."[4] ފަހެ ތިޔަބައިމީހުން މުސްލިމަކަށް އުނދަގޫކޮށް، އޭނާގެ މައްޗަށް ބާޠިލު ތުހުމަތުތައް ކޮށް، ދޮގު ބުހުތާނު ވާހަކަތައް ފަތުރައި، އޭނާ ދެރަކޮށް، ނިކަމެތިކޮށްނުލާށެވެ! އޭނާއަށް ބަދުބަސް ބުނެ، ލަޢުނަތްދީ، އޭނާ ކާފިރުކޮށް، ބިދުޢަވެރި ފާސިޤެއްކަމުގައި ނުހަދާށެވެ! އޭނާއަށް ކުރެވޭ ކުށްތައް ހާމަކޮށް، ފަޟީޙަތްނުކުރާށެވެ! އޭނާގެ މުދާ ވަގަށް ނަގައި، ކެހިދީ، އަބުރު ނަގައިލައި، އޭނާގެ ފުރާނަޔަށާއި އަބުރަށް އަރައިނުގަންނާށެވެ! ކީރިތި ރަސޫލާ z މިންބަރަށް އަރައިވަޑައިގެން ހުންނަވައި ހަރުއަޑުފުޅުން ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ އެ ބަޔެއްގެ ދުލުކުރީން އީމާންވެ، އެ އީމާންކަން ހިތާހަމައަށް ނުފޯރާ މީހުންނޭވެ! ތިޔަބައިމީހުން މުސްލިމުންނަށް އުނދަގޫ ނުކުރާށެވެ! އެ މީހުންނަށް ޢައިބުނުކިޔާށެވެ! އެ މީހުންގެ ކުށްތައް ހޯދައި ހާމަނުކުރާށެވެ! އެހެނީ ތިމާގެ މުސްލިމް އަޚާގެ ކުށްތައް ހޯދައި އުޅޭ މީހުންގެ ކުށްތައް މާތް ﷲ ހާމަކުރައްވާ ހުށްޓެވެ. އަދި އެ ފަދަ މީހާ ގޭގައި ފިލައި އޮތަސް، މާތް ﷲ އޭނާ ފަޟީޙަތްކުރައްވާ ހުށްޓެވެ." އެއްދުވަހަކު ކަޢުބާއާ ދިމާއަށް ބައްލަވައިލައްވައި، އިބުނު ޢުމަރު ވިދާޅުވިއެވެ. "ތިބާގެ މަތިވެރިކަމާއި ޙުރުމަތްތެރިކަމުގެ ބޮޑުކަމާއެވެ! ﷲގެ ޙަޟްރަތުގައި ތިބާގެ ޙުރުމަތަށްވުރެ މުއުމިނާގެ ޙުރުމަތްތެރިކަން މާ ބޮޑެވެ."[5] ރަސޫލާ z ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚާއެވެ. އޭނާ އޭނާގެ މައްޗަށް އަނިޔާވެރިއެއް ނުވާނެއެވެ. އޭނާ އޭނާއަށް އެހީތެރިވެނުދީ ދޫކޮށެއްނުލާނެއެވެ. އޭނާ ނިކަމެތިކޮށެއް ވެސް ނުލާނެއެވެ. މުސްލިމަކު އޭނާގެ އަޚާއަށް ނިކަމެތިކޮށްހިތުން، ނުބައިކަމަކަށް ފުދެއެވެ. ކޮންމެ މުސްލިމެއްގެ ލެޔަށާއި މުދަލަށާއި އަބުރަށް އަރައިގަތުން އަނެއް މުސްލިމެއްގެ މައްޗަށް ޙަރާމްވެގެންވެއެވެ.."[6] އެހެން ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. "މުސްލިމަކަށް ހަޑިހުތުރު ބަސް ބުނުމަކީ ފާސިޤުކަމެވެ. އަދި އޭނާއާ ހަނގުރާމަކުރުމީ ކުފުރުގެ ޢަމަލެކެވެ."[7] އެހެން ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. "މީހަކު މީހަކާ ދިމާއަށް ކާފިރެކޭ ނުވަތަ ﷲގެ ޢަދުއްވެކޭ ބުނެފި ހިނދު، އެ ކަން އޮތީ އެ ގޮތަށް ކަމުގައި ނުވާ ނަމަ، އެ ބަސް ބުނި މީހާއަށް އެ ބަސް އެނބުރި ރައްދުވާ ހުށްޓެވެ."[8] އަދި އެހެން ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުން ކުރެ އެކަކު ވެސް އޭނާގެ އަޚާއާ ދިމާއަށް ހަތިޔާރު ދިއްނުކުރާށެވެ! އެހެނީ ޝައިޠާނާ އޭނާގެ އަތުގެ މައްޗަށް ފާވާނެ ވަގުތެއް ނޭނގޭނެއެވެ. ދެން ނަރަކައިގެ ވަޅުގަނޑަކަށް އޭނާ ވެއްޓިދާނެތެވެ."[9] އަދިވެސް އެހެން ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ: "ތިމާގެ އަޚާއާ ދިމާއަށް ދަގަނޑު ބުރިއެއް ދިއްކޮށްފި މީހާ، ދަންނާށެވެ! އެ އެއްލައިލައި އެއިން އެއްކިބާވެއްޖައުމަށް ދާންދެން، ހަމަކަށަވަރުން މަލާއިކަތުން އޭނާއަށް ލަޢުނަތްލައްވަތެވެ. އެ މީހަކީ އޭނާގެ އެއްބަނޑު އެއްބަފާ މީހަކުކަމުގައި ވިޔަސް މެއެވެ."[10] އަދިވެސް ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ޙައްޤަކާ ނުލައި މުއުމިނަކު ޤަތުލުކުރުމަށް ވުރެ، މުޅި ދުނިޔެ ނިމިދިއުމުގެ ނުބައިކަން ވެސް މާކުޑައެވެ."[11]
ތިޔަބައިމީހުން ހެޔޮކަމާއި ހިދާޔަތުގެ މަގުގައި ހިފާށެވެ! އަދި ނުބައިކަމާއި ފުރެދުމުގެ މަގުތަކުން އެއްކިބާވާށެވެ! އޭރުން ތިޔަބައިމީހުންނަށް އަބަދީ ބާއްޖަވެރިކަން ޙާޞިލުވާ ހުށްޓެވެ! އަދި މަތިވެރިވެގެންވާ ސުވަރުގެއަށް ވަންނަ ހުށްޓެވެ!
މުސްލިމް އަޚުންނޭވެ! ދުނިޔެއަކީ ދެމިހުރުން އޮތްތަނެއް ނޫނެވެ. ކޮންމެ މީހަކީ މި ދުނިޔެ ދޫކޮށް ދާނޭ މީހެކެވެ. ޒަމާނަކީ ހޭދަވާ ރޭދުވާ ފަދަ ވަގުތުކޮޅެކެވެ. މަރު އޮތީ ދާދި ގާތުގައެވެ. ދިރިހުރި އިންސާނާ ލާ ކޮންމެ ނޭވާއަކީ، އޭނާގެ ނަފުސު މަރާ ގާތްކޮށް، ދުނިޔެއަށް އަލްވަދާޢުކިޔާ ނޭވާއެކެވެ. ސުންގަޑި ކަނޑައެޅިފައިވާ ޙަޔާތުގެ އުންމީދަކީ ކޮންފަދަ އުންމީދެއްހެއްޔެވެ! ދިރިއުޅުގެ ބައެއް ކަންކަން ބައެއް ފަހަރު، އިތުރު ފުރުޞަތެއް ނެތް ވަގުތަކަށް ގޮސް ނިމޭ ތަން ފެނެއެވެ.
މާތް ﷲގެ އަޅުތަކުންނޭވެ! ހަނދާންކޮށްދޭ މީހެއްގެ އަޑު ނާހައި ތިބާ ހުއްޓުމެއް ނެތި ތިޔަގޮތަށް ދާނީ ކިހައި ދުވަހަކަށްހެއްޔެވެ؟ ތިބާގެ ޙަޔާތާ މެދު ބިނާކުރަނިވި ފާޑުކިޔުންތެރިޔާއަށް ބީރުކަންފަތެއް ދީގެން އުޅޭނީ ކިހައި ދުވަހަކަށްހެއްޔެވެ؟ ހިތް މަޑުމޮޅިވާންވީ ވަގުތު، އަދިވެސް ނާދޭހެއްޔެވެ؟ ތަހައްޖުދަށް ތެދުވާކަށް އަދިވެސް ނުވޭހެއްޔެވެ؟ އަހަރެމެންނަށް މި ތިބެވެނީ ނިދިފައިހެއްޔެވެ؟ ނޫނީ ހިތުގައި ވިންދު ނުޖަހަނީހެއްޔެވެ؟ އަޚާއެވެ! ތިބާ ނިދި ހަމަކޮށް ތެދުވާށެވެ! ނަރަކައިގެ އަލިފާން އަނދައަނދައި ހުއްޓައި ތިބާ ނިދަނީހެއްޔެވެ! އޭގެ ހޫނު މަޑުވާނެ ދުވަހެއް ނާންނާނެއެވެ. އަދި އެއީ އޭގެ އަނގުރު ނިވޭކަށް ހުރި އަލިފާނެއް ނޫނެވެ. ލޮލަށް ފެންނަ މަންޒަރުތަކުން ޢިބުރަތް ލިބި، ދެ ކަންފަތުން ދަރުސްތައް އަޑުއަހާ މީހާގެ ގާތަށް، އިންޛާރުދިނުމަށް ކީރިތި ޤުރްއާން އަތުވެއްޖެއެވެ. އޭގެ ކަލިމަފުޅުތައް އޭނާގެ ކަންފަތަށް އެބަ އިއްވެއެވެ. ނިކަމެތިކަމާ އެކު، ތިބާގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް ކުރިމަތިލައި އަންނާށެވެ! ފާފަ ފުއްސެވުމަށް އެދޭ ޙާލު އެ ކަލާނގެ ދީލަތިކަމުގެ ދޮރޯށީގައި ޓަކިޖަހާށެވެ! ނިކަމަތިކަމާ އެކު އެކަލާނގެ ދީލަތިވަންތަކަމަށް އެދި ދެ އަތް އުފުލައިލާށެވެ! ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން ދުވާލު ކުށްކުރާ މީހާ ތައުބާވުމަށް ޓަކައި، މާތް ﷲގެ އަތްޕުޅު ރޭގަނޑު ދިއްކޮށްލައްވާ ހުއްޓެވެ. އަދި ރޭގަނޑު ކުށްކުރާ މީހާގެ ފާފަ ފުއްސެވުމަށް ޓަކައި، އެކަލާނގެ އަތްޕުޅު ދުވާލު ދިއްކޮށްލައްވާ ހުއްޓެވެ. އެއީ ހުޅަނގު ފަރާތުން އިރު އަރައްޖައުމަށް ދާންދެނެވެ."
އިންސާނާ ނޭވާހޮޅިއަށް އެޅިއްޖައުމަށް ދާންދެން ތައުބާގެ ދޮރުކޮޅު ވަނީ ހުޅުވިފައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އުޑާހަމައަށް އަރާ ވަރަށް ތިޔަބައިމީހުން ފާފަކުރިކަމުގައި ވިޔަސް ތިޔަބައިމީހުން ތައުބާވުމުން މާތް ﷲ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާހުއްޓެވެ."[12] އެހެން ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. "މާތް ﷲ ވަޙީކުރެއްވިއެވެ. ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ރެޔާއި ދުވާލު ފާފަކުރަމުއެވެ. އަދި ތިމަންރަސްކަލާނގެ ހުރިހައި ފާފައެއް ފުއްސަވަމުއެވެ. ފަހެ ތިޔަބައިމީހުން ފާފަފުއްސެވުމަށް އެދި ތިމަން ރަސްކަލާނގެ ޙަޟްރަތުގައި ދަންނަވާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ފާފަފުއްސަވާހުށީމެވެ."
(މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ކިޔާފައިވާ ޚުޠުބާއަކީ މަދީނާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ ޞަލާޙުލްބުދައިރު ޢަރަބި ބަހުން މިދިޔަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ދެއްވި ޚުޠުބާގެ ދިވެހި ތަރުޖަމާ: އިސްލާމިކް މިނިސްޓްރީ)
Advertisement
2 މެއި 2025