އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު
ބުއްދިވެރިއަކު ވިދާޅުވެފައިވެއެވެ.
"ރުޅިވެރިކަމުގަ ހުރެ އެއްވެސް ނިންމުމެއް ނުނިންމާށެވެ! އަނެކާ ތިބާގެ ކިބައިން ވަގުތުން ކަމެއް ނިންމުމަށް އެދުނަސް ނުނިންމާށެވެ! ރުޅި އައިސްގެން ހުންނައިރު ތިބާގެ ސިކުނޑީގައި ވެރިކަންކުރާނީ ޝައިޠޯނާއެވެ! ނިންމޭ ނިންމުންތައް ނިންމޭނީ ޝައިޠޯނާ ޭނުންވާ ގޮތަށެވެ!"
މިބަސްކޮޅު ގުޅުވައިލުން އެންމެ މުހިންމު އެއްކަމަކީ ދެމަފިރިއަކު ރުޅިއައިސް ޒުވާބުކުރަމުންދާ ވަޤުތެވެ. ފުރަތަމަ ކަމަކީ ފިރިމީހާ ބޭނުންވެގެންވެސް ރުޅިމަތީގައި ހުރެ ވަރިނުކުރުމެވެ. ދެވަނަ ކަމަކީ އެފަދަ ޙާލަތުގައި އަނބިމީހާ ކިތަންމެ ބޮޑަށް އެދުނަސް ވަރިނުކުރުމެވެ.
ވިސްނާށެވެ! ގަދަ ރުޅިއަކީ ޝައިޠޯނާގެ ފަރާތުން އަންނަ އެއްޗެކެވެ. އެހެންކަމުން ގަދަރުޅިމަތީގައި ހުންނައިރު އެމީހާގެ ސިކުނޑީގައި ވެރިކަންކުރާނީ ޝައިޠޯނާއެވެ. ކުރެވޭނީ އެމީހަކު ލައްވައި ޝައިޠޯނާ ކުރުވަން ބޭނުންވާ ކަންކަމެވެ. ބުނެވޭނީ ޝައިޠޯނާ ބުނުވަން ބޭނުންވާ ބަސްތަކެވެ.
އެމީހަކަށް ހެޔޮވިސްނުން ލިބޭނީ ރުޅިމަޑުވެ ހަމަޖެހުން ލިބުމުންނެވެ. ރުޅިމަތީގައި ހުރެ ކުރެވޭ ކަންކަމަށާއި ބުނެވޭ ބަސްތަކަށް ފަހުން ހިތާމަކުރަންޖެހޭ ސަބަބަކީ އެއީއެވެ. އެންމެ ބާރުގދަ މީހަކީ ހަށިގަނޑުގެ ބާރު ނުވަތަ އަތުގެ ބާރުގަދަ މީހާ ނޫންކަމަށާއި ރުޅި ކޮންޓްރޯލް ކުރެވޭ މީހާކަމަށް ޙަދީޘްފުޅުގައި އޮތީ އެހެންވެގެންނެވެ.
ވަރިއަކީ ކުޅޭ ކުޅިވަރަކަށް ހަދައިގެން ނުވާނެއެވެ. ވަރިިކުރުން ހުއްދަނަމަވެސް ވަރިކުރުން އަދި ވަރިވުންވެސް އޮތީ ދެން އެހެން ގޮތެއް ނެތުމުންނެވެ. ވީމާ ރުޅިމަތީގައި ހުރެ ވަރިނުކުރާށެވެ! އަދި ވަރިއަށް ނުވެސް އެދޭށެވެ. އެކަން އެއަންނަނީ ޝައިޠޯނާގެ ކިބައިންކަމަށްވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
2 މެއި 2025