އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ތަޤްވާވެރި މީހެއްގެ ގާތުންވިޔަސް ތިމާއަށްޓަކައި ހެޔޮދުޢާކޮށްދޭން އެދޭއިރު ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-

ކިތަންމެ ތަޤްވާވެރި މީހެއްގެ ގާތުންވިޔަސް ތިމާއަށްޓަކައި ހެޔޮދުޢާކޮށްދޭން އެދޭއިރު ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 49 ސިކުންތު

މީހަކަށް ބޮޑުކަމެއް ޖެހިގެން އުޅޭނަމަ އަދި ކަމެއް ޙާޞިލުކުރަން ކުރިމަތިލާނަމަ ފުރަތަމަވެސް ކުރަން އޮތް ކަމަކީ އެކަމެއް ހިންމަވައި ދެއްވެވުން އެދި ﷲ ތަޢާލާއަށް ތިމާ ދުޢާކުރުމެވެ. އަދި މިފަދަ ޙާލަތުގައި ތިމާއަށްޓަކައި ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކޮށްދޭން ބުނެވިދާނެއެވެ. ބަލިހާލެއްގައި އުޅޭ މީހެއްގެ ފަރާތުންވެސް ބުނެވިދާނެއެވެ. އޭނާއަށް ޝިފާދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކޮށްދިނުމަށެވެ!  

ނަމަވެސް ނުކުރެވޭނެ ކަމެއް އެބައޮތެވެ. އެއީ އެހެން މީހުންގެ ކިބައިން ވާގިއެދުމެވެ. މިވެނި މީހަކު ދުޢާކޮށްދިފިނަމަ އެކަމެއް ހިންމަވައިދެއްވަވާނެ ކަމަށް ޤަބޫލުކުރުމެވެ. ކިތަންމެ ބޮޑު ޢިލްމުވެރިއަކު ނަމަވެސް ޖެހޭނީ ހަމަ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ. އޭނާއަށް އަމިއްލައަށް އެއްވެސް ކަމެއް ކޮށެއް ނުދެވޭނެއެވެ. ވީމާ މިވެނި މީހަކު ދުޢާކޮށްދީފިނަމަ ހިންމަވައި ދެއްވަވާނެ ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ.  

ކަންކަން ޖެހުމުން ބައެއް މީހުންނަށް އެހެން މީހުންގެ ކިބައިން ވާގިއެދެވެނީ އެކުރެވެނީ ކިހައި ވަރެއްގެ ބޮޑު ފާފައެއްކަން ނުވެސް އެނގި ތިބެއެވެ. އެއީ ތިމާ ދީނުން ބޭރުވެގެން ހިނގައިދާނެ ފަދަ ބޮޑު ފާފައެކެވެ.  

ތިމާގެ ބޭނުންތަކަށް އެދި ދަންނަވަން އެންމެ އަޢުލާކަންބޮޑީ ތިމާއެވެ! އެހެންކަމާއިއެކުވެސް ހެޔޮއެދޭ އެކުވެރިންނާއި ގާތް މީހުންނާއި އަދި ޢާއިލާގެ މީހުންނާއި އަދި ދީނުގެ ޢިލްމުވެރިންނާއި އިމާމުން ގާތު ތިމާއަށްޓަކައި ހެޔޮ ދުޢާއެއް ކޮށްދިނުމަށް އެދުމަކީ މައްސަލައެއް ނޫނެވެ.  

މަރުވެފައިވާ އެއްވެސް މީހެއްގެ ކިބައިން ވާގިއެދުމަކީ ޝިރުކުގެ ޢަމަލެކެވެ. އެއްވެސް މީހަކު މަރުވުމަށް އެހެންމީހަކަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޮއޮންނާނެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިމައުޟޫގައި މީހާ ދީނުން ބޭރުވާނެ ކަންކަން ބަޔާންކުރައްވަމުން އައްޝައިޚް އިމްރާން މުޙައްމަދު ޢަލީ ވިދާޅުވެފައިވެއެވެ.  

"އެ މީހަކާ މާތް ﷲ އާ ދެމެދު މެދެވެރިންތަކެއް ލުމުގެ މިޘާލަކީ: މަރުވެފައިވާ މީހުންގެ ކިބައިން ކަންތައްތައް ކޮށްދިނުމަށް އެދި ދުޢާކުރުމާއި ބޮޑެތި ކަންތައްތައް ޖެހުމުން އެބައިމީހުންގެ ގާތުން އެކަންކަން ކޮށްދިނުމަށް އެދުމެވެ. ނުވަތަ މަރުވެފައިވާ މީހުންނަށް ދުޢާކޮށްފައި ﷲ ގެ ޙަޟްރަތުގައި ދުޢާކުރާމީހާ އެދޭ ކަންތައްތައް ދަންނަވާ ދެއްވުމަށް އެދި ބުނުމެވެ. އަދި ﷲ ގެ ޙަޟްރަތުގައި ޝަފާޢަތްތެރިވެ ދިނުމަށާއި މެދުވެރިންތަކެއް ކަމުގައި ވުމަށް، މަރުވެފައިވާ މީހުންގެ ކިބައިން އެދުންވެސް އެކަމުގައި ހިމެނޭނެއެވެ. މިއީ އިސްލާމީ އުންމަތުގައި ވަރަށް ބޮޑަށް ފެތުރިފައިވާ ކަމެކެވެ. 

މީހަކު މަރުވުމުން އެމީހެއްގެ މައްޗަށް ކަށުނަމާދުކުރަނީ މަރުވެފައިވާ މީހާއަށްޓަކައި ހެޔޮ ދުޢާކޮށްދިނުމަށެވެ. މަރުވެފައިވާ މީހުންނަކީ ދިރި ތިބީންނަށް އެއްވެސް ފައިދާއެއް ކޮށްދެވޭނެ ބައެއް ނޫނެވެ. މަރުވެފައިވާ މީހެއްގެ ކިބައިން ކަމަކަށް އެދުމަކީ ބޮޑު ޝިރުކެވެ."

އިސްލާމްކަން ގެއްލޭ ކަންތައްތައް 

ދަންނާށެވެ! އިސްލާމްކަން ގެއްލޭ ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑެތި ކަންތައްތަކުގެ ތެރޭގައި ދިހަ ކަމެއް ހިމެނެއެވެ. 

ފުރަތަމައީ: ﷲ ތަޢާލާއަށް އަޅުކަންކުރުމުގައި އެއިލާހަށް ޝަރީކުކުރުމެވެ. (އެބަހީ: އެހެން ފަރާތެއް ބައިވެރިކުރުމެވެ.) އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. 

﴿إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚوَمَن يُشْرِكْ بِاللَّهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا [سورة النساء ٤٨]

މާނައީ: "ހަމަކަށަވަރުން ﷲ، އެއިލާހަށް ޝަރީކުކުރުމުގެ ފާފައެއް ނުފުއްސަވާނެއެވެ. އެ ނޫން ފާފަތައް، އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވާނެއެވެ. އަދި ﷲއަށް ޝަރީކުކުރާމީހާ (ދަންނައެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ދޮގެއްހަދައި ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ." 

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ﴾ [سورة المائدة ٧٢]

މާނައީ: "ހަމަކަށަވަރުން ﷲއަށް ޝަރީކުކުރާ މީހާ (ދަންނައެވެ!) ފަހެ ﷲ އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިކަން ކަށަވަރެވެ. އަދި އެމީހެއްގެ ހިޔާވެހިކަމަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: ޝަރީކުކުރާ މީހުންނަށް) ނަޞްރުދޭނޭ އެއްވެސް ބަޔަކު ނުވެއެވެ" 

އެކަމުގެ ތެރޭގައި ﷲ ނޫން ފަރާތަކަށް (ޖަނަވާރެއް) ކަތިލުން ހިމެނެއެވެ. އެއީ ޖިންނީންނަށް ނުވަތަ މަރުވެފައިވާ މީހަކަށް (މާތްކޮށް ހިތުމުގެ ގޮތުން ނުވަތަ ކުއްތަންވުމުގެ ގޮތުން) ކަތިލުން ފަދަ ކަންކަމެވެ. 

ދެވަނައީ: އެ މީހަކާ މާތް ﷲ އާ ދެމެދު މެދެވެރިންތަކެއް ލައިފި މީހެކެވެ. އެ ފަރާތްތަކަށް (އެބަހީ: އެ މެދުވެރިންނަށް) ދުޢާކޮށް، ޝަފާޢަތަށް އެދި، ވަކީލުކޮށްފި މީހަކު ދަންނައެވެ. ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައިވަނީ އެފަދައިން ޢަމަލުކޮށްފިމީހަކީ ކާފިރެއްކަމުގައެވެ. 

ތިންވަނައީ: މުޝްރިކުން ކާފިރު ނުކޮށް ނުވަތަ އެމީހުންގެ ކާފިރުކަމާމެދު ޝައްކުކޮށް ނުވަތަ އެމީހުންގެ ގޮތަކީ ރަނގަޅު ގޮތްކަމުގައި ޤަބޫލުކުރާ މީހާއެވެ. ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައިވަނީ އެފަދައިން ޢަމަލުކޮށްފިމީހަކީ ކާފިރެއްކަމުގައެވެ. [1] 

ލިބިގެންދާ އިރުޝާދުތައް 

*އިސްލާމްކަން ގެއްލޭ ކަންތައްތަކަކީ އެކަމެއް ކުރުމުން މީހެއްގެ އިސްލާމްކަން ބާޠިލުވެ، އެމީހަކު ކާފިރަކަށްވެ، މިއްލަތުން ބޭރުވާ ކަންތައްތަކެވެ. 

*ޝިރުކުކުރުމަކީ: ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ކަމެއްގައި އެހެން ފަރާތެއް އެއިލާހާ ހަމަހަމަކުރުމެވެ. އެއީ އެންމެ ބޮޑު ފާފައެވެ. އަދި އެއީ އެއިލާހުގެ ރައްބުވަންތަކަމާއި ހަމައެކަނި އެއިލާހަށް އަޅުކަން ޙައްޤުވެގެންވާކަން ނަފީކުރުމެވެ. 

މިޘާލު: ﷲ ތަޢާލާއަށް އަޅުކަންކުރާ ފަދައިން ޢީސާގެފާނަށް ނުވަތަ މަލާއިކަތަކަށް އަޅުކަންކުރުމެވެ.

ނުވަތަ ﷲއަށް އަދާކުރަން ޖެހޭ އަޅުކަމެއް ޖިންނިއަކަށް ނުވަތަ މަރުވެފައިވާ މީހަކަށް އަދާކުރުމެވެ. އެއީ ޖިންނިއަކަށްޓަކައި އެއްޗެއް ކަތިލުމެވެ. ނުވަތަ މަރުވެފައިވާ މީހަކަށް ކުއްތަންވުމުގެ ގޮތުން އެއްޗެއް ކަތިލުމެވެ. 

ނުވަތަ ﷲ ނޫން ފަރާތަކަށް ނަދުރުބުނުމެވެ. މިޘާލަކަށް ތިމަންނައަށް މިވެނި ކަމެއް ޙާޞިލުވެއްޖެނަމަ އުތީމު ގަނޑުވަރަށް މިވެނިކަމެއް ކޮށްދޭނަމޭ ބުނުމެވެ.

 

 

=ނުނިމޭ =


 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް