އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު
ޢާއިޝަތު ރަފާޙް ޢަލީ
ގާތް މީހަކު މަރުވުމުން ވަރަށް ދެރަވެއްޖައިން ކަމަށް ބުނެލުމަކުން ނުފުދޭނެއެވެ. އެމީހަކަށްޓަކައި ހެޔޮދުއާކުރަންވާނެއެވެ. އަދި މަރުވި މީހާއަށް ޘަވާބު ދެއްވަވާނެ ކަމެއް ކުރަންވެސް މަސައްކަތްކުރަންވާނެއެވެ. ހެޔޮއެދުމަކީ އެއީއެވެ.
މީހަކު މަރުވުމުން ތަޢުޒިޔާ ކިޔުމަށް ވަކި މުއްދަތެއް ނުވެއެވެ. މިޘާލަކަށް 3 ނުވަތަ 4 ވަރަކަށް ދުވަސް ފަހުންވެސް ކީދާނެއެވެ. ސަބަބަކީ ބައެއްފަހަރަށް މީހާ މަރުވިތާ 5 ދުވަސް ނުވަތަ 6 ދުވަސް ނުވަތަ އެއަށްވުރެ ގިނަދުވަސް ފަހުންވެސް އެ ޚަބަރު ލިބިދާނެއެވެ.
ތަޢުޒިޔާ ކިޔުމަކީ ވަކި ވަގުތެއް ކަނޑައެޅިގެން ވާއެއްޗެއް ނޫނެވެ. އަދި މީހަކު މަރުވެގެން އެ ޚަބަރު ލިބުމުން 4 ނުވަތަ 5 ދުވަސް ފަހުން ތަޢުޒިޔާ ކިޔަސް އެއީ މައްސަލައެއް ނޫނެވެ. އަދި އެކަމުގައި އެއްވެސް ނުބައެއް ފާފައެއް ނެތެވެ.
ތިން ދުވަސް ލިބިފައި ވަނީ އެއީ އެކަމާ ހިތާމަކޮށް ރުއިން ހުއްދަ ކަމަށެވެ. މިސާލަކަށް އަންހެނެއް އޭނާގެ ގާތްތިމާގެ މީހެއް މަރުވުމުން ހިތާމަކޮށް ރުއިން ހުއްދަ 3 ދުވަސް ލިބެއެވެ. ރަސޫލާ ސައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވާގޮތުން "އަންހެނަކަށް އޭނާގެ ގާތް މީހަކު މަރުވެގެން ހިތާމަކުރުން ހުއްދަ ވަނީ 3 ދުވަހަށެވެ. ނަމަވެސް އެއަށްވުރެ ގިނަ ދުވަހަށް ފިރިމީހާ މަރުވެއްޖެނަމަ ހިތާމަކުރުން ހުއްދަވެގެން ވެއެވެ."
މީހަކު މަރުވުމަށްފަހުގައިވެސް އެމީހަކަށް ޘަވާބު ދެމިހުންނަން ބޭނުން ނަމަ ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އެގޮތުން މިސްކިތަކަށް މުޞްޙަފެއް ހަދިޔާކުރާށެވެ. އެއިގެ ސަބަބުން އެކިޔަވާ ކޮންމެ އަކުރަކަށް އެމަރުވެފައިވާ މީހާއަށް ޘަވާބު ލިބިގެން ދާނެއެވެ.
އަނެއް ކަމަކީ މަރުވެފައިވާ މީހާގެ ނަމުގައި ކޮންމެވެސް ހޮސްޕިޓަލަކަށް ފުރޮޅުލީގޮނޑި އެއް ހަދިޔާކުރާށެވެ. އެގޮތުން ހޮސްޕިޓަލަށް ދާ ބަލިމީހުން ފޮރޮޅުލީ ގޮނޑި ފަދަ ތަކެތި ބޭނުން ކުރުމުން މަރުވެފައިވާ މީހާ އަށް ޘަވާބު ލިބި ލިބި ހުންނާނެއެވެ. ތިންވަނަ ކަމަކަށް މިސްކިތެއް އަޅާށެވެ. ނުވަތަ މިސްކިތެއް ބިނާކުރުމުގައި ބައިވެރިވާށެވެ.
މިސްކިތެއް ބިނާ ކުރުމުގެ ސަބަބުން އެމީހާ މަރުވުމަށްފަހުގައިވެސް ޘަވާބު ލިބިގެން ދާނެއެވެ. ހަތަރުވަނަ ކަމަކަށް މީސްތަކުންނަށް ފަސޭހައިން ފެންލިބޭނެ ގޮތެއް ހަދައިދޭށެވެ. މީސްތަކުން ޖަމާވާ ތަންތަނުގައި ފެން ކޫލަރ އެއް ބަހައްޓާށެވެ. ފަސްވަނަ ކަމަކަށް ގަހެއް އިންދާށެވެ. މިފަދަ ކިތަންމެ ކަމެއްވެސް ކުރެވިދާނެއެވެ.
މީގެ އިތުރުން މި ވާހަކަތައް އިތުރުމީހުންނާއި ޙިއްސާ ކުރާށެވެ. ހުޔޮ ބަސްތައް މީހުންނާ ހިއްސާކޮށް ސޯޝަލް މީޑިއާ ގައިވެސް ހެޔޮ ބަސްތައް ބުނާށެވެ.
Advertisement
2 މެއި 2025