އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު
މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން، ހުއްދަ ހޯދުމަކާ ނުލައި މުޒާހަރާ ކުރެވޭނެ 4 ސަރަހައްދެއް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ވަނީ ކަނޑައަޅައިފައެވެ.
މިގޮތުން ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހެންވޭރު ކާނިވާ ސަރަހައްދާއި، ރަސްފަންނު ސަރަހައްދު، މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް) އަދި އުސްފަސްގަނޑު ސަރަހައްދު ހިމެނެއެވެ.
މިނިސްޓްރީން މިކަން އިޢުލާނުކޮށްފައިވަނީ ޤާނޫނު ނަންބަރު 2013/1 (ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުންނެވެ. މީގެ ކުރިން މިފަދަ ހަރަކާތްތަކަށް ކަނޑައަޅާފައިވަނީ އެންމެ ސަރަހައްދެއް ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މި ސަރަހައްދުތަކުގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ލިޔުމުން ދޭ ހުއްދައެއް ހޯދާކަށް ނުޖެހޭނެއެވެ.
މި ނިންމުމަކީ ރައްޔިތުންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އިތުރަށް ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
Advertisement
2 މެއި 2025