އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤަނޫނުތަކާ ޚިލާފަށް އަދި ޢާންމު މަސްލަހަތު ގެއްލޭ ގޮތަށް އެއްވެއުޅުމުގެ ފުރުޞަތު ނުދޭނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވެއްޖެއެވެ.
މާލޭގެ މަޖީދީމަގުގައި މިހާރު ކުރިއަށްދާ އިހުތިޖާޖުގެ ސަބަބުން އާންމު ދަތުރުފަތުރުގެ ނިޒާމަށާއި، މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށާއި، އެމަޖެންސީ ޚިދުމަތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށް ފުލުހުން ނެރުއްވި ބަޔާނެއްގައި ފާހަގަކުރައްވާފައިވެއެވެ. އަދި ވިޔަފާރިތަކަށާއި ޖީސީއީ އޯލެވެލް އިމްތިހާނުތަކަށް ތައްޔާރުވަމުންދާ ދަރިވަރުންނަށްވެސް މި އިހުތިޖާޖުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން އެއްވުންތަކާއި ހިނގާލުންތައް އިންތިޒާމުކުރާ ފަރާތްތަކަށް އާންމު ރައްކާތެރިކަން ދެމެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މަގު ބޭނުންކުރުމާއި ދަތުރުފަތުރުކުރުމުގެ ޙައްޤުތައް ހިމާޔަތްވާނެ ގޮތަށް އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްޤުގެ ބޭނުން ކުރުމަށް ގޮވާލައްވާފައިވެއެވެ.
"އާންމު ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އުނިކަން އަންނަ ގޮތަށް ބާއްވާ އެއްވުންތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފުރުޞަތު ނުދޭނެ" ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ޤާނޫނާ ޚިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށް ޤާނޫނީ ބާރުގެ ބޭނުންކޮށް، އެފަދަ އެއްވުންތައް އިންތިޒާމުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބާއްވާ ސުލްހަވެރި އެއްވުންތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އެފަދަ އެއްވުންތައް ބާއްވާ ސަރަހައްދުތަކުގެ މަގުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސައިދޭނެކަމުގެ ޔަޤީންކަން ފުލުހުން ދެއްވާފައިވެއެވެ.
Advertisement
2 މެއި 2025