އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 26 ސިކުންތު
މީގެ ދުވަސްތަކެއް ކުރިން އަޅުގަނޑަށް އެއިރު ކަންތައްތައް ކުރިމަތިވެފައިވާ ގޮތް ހާމަކޮށް މިއަދުނޫހާއި ސުވާލެއް ކުރީމެވެ. ޖަވާބުވެސް ލިބުނެވެ. ޢަމަލުވެސް ކުރީމެވެ. މިހާރު ބޭނުންވަނީ މިހާރުގެ ޙާލަތު ބުނެލަދޭށެވެ.
އެއިގެ 2 މަހެއްހައި ދުވަސްފަހުން އެއްދުވަހު ހަވީރު ގެއަށް އައިސް އަޅުގަނޑު ވަރިކުރީއެވެ. ނަޞީބަކުން ވަޤުތުން ގެއިން ނުކުންނާކަށް ނުބުނެއެވެ. އެކަމަށް ﷲ އަށް ޙަމްދުކުރީމެވެ.
އުންމީދުކޮށްގެން އިނީ ރުޖޫޢަކުރާނެ ކަމަށެވެ. އެހެން އިންދައި ޢިއްދަ ހަމަވިތަނާހެން ކައިވެނިކޮށްގެން ލޯބިވެރިޔާ ގެއަށް ގެނެސްފިއެވެ. އެކަމަކަށްވެސް އަޅައެއް ނުލަމެވެ. ގެއިން ނެރެނުލާތީ ޝުކުރުވެރިވެގެން އިނީއެވެ. ނުކުމެގެން ގޮސް ވަންނާނެ ތަނެއްވެސް ނެތުމުންނެވެ.
އޭނާ އަޅުގަނޑަކަށް އެއްޗެއް ނުބުނެއެވެ. އެކަމަކު އަނބިމީހާ ވަރަށް ފުރައްސާރަކުރިއެވެ. ގެއިން ނުނުކުމެ އިންނަނީ އަޅުގަނޑުގެ ނިކަމެތިކަން ބަޔާންކޮށް ކަމަށް ބުނެ ފުރައްސާރަ ނުކުރާ ދުވަހެއް މަދުވާނެއެވެ. ނަމަވެސް ރައްދެއް ނުދެމެވެ. އޭނާ އެބުނަނީ ހަމަ ތެދެއްކަން ޤަބޫލުކުރެވޭތީ ޝުކުރުކޮށްލައިގެން އިނީއެވެ.
އެއީ ދަރިފުޅު ބަލިވެގްން ޑޮކްޓަރަށް ދައްކަން ދިއަ ދުވަހެކެވެ. އެނބުރި ގެއަށް އައިސް ވަންނަންވެގެން ތަޅުދަނޑިން ތަޅު ހުޅުވިނަމަވެސް ދޮރެއް ނުހުޅުވުނެވެ. ހުރީ އެތެރެއިން ތަންޑު އަޅުވައިފައެވެ. ބެލްޖަހަޖަހައިވެސް ނުހުޅުވުމުން ދޮރުކައިރީގައި ތަޅުންމަތީގައި ދަރިފުޅު އުނގަށްލައިގެން އިނީއެވެ.
އެހެން އިންދައި ފިރިމީހާ ބޭރުން އައިސް ގެއަސް ނުވަދެ ތިއައިނީ ކީއްވެގެންތޯ ސުވާލުކުރުމުން ޖަވާބެއް ނުދެމެވެ. ދެން އޭނާ ދޮރުހުޅުވަން ހިފިއެވެ. ހިފީމާ ދޮރުހުރީ ތަޅުހުޅުވާފައިކަމާއި އެތެރެއިން ތަންޑުއަޅުވާފައިކަން އެނގުނެވެ.
ފިރިމީހާ ފޯނެއްކުރިކަން އެނގުނެވެ. އިރުކޮޅަކުން ދޮރުހުޅުވީމާ ފިރިމީހާ އަޅުގަނޑުގެ އަތުން ދަރިފުޅު ނެގައިގެން ގެއަށް ވަންނަން ހިނގައިގަތެވެ. ފަހަތުން އަޅުގަނޑުވެސް ވަނީމެވެ.
ފިރިމީހާ ގޮސް ސޯފާގައި އިށީނުމުން ގޮސް ދަރިފުޅު ނަގައިގެން އަޅުގަނޑު ދިއައީ ކޮޓަރިއަށެވެ. ކޮޓަރި ހުޅުވިއިރު ކޮޓަރީގައި ފިރިހެނަކު ހުއްޓެވެ. އަޅުގަނޑަށް ބާރަށް ބުނެވުނެވެ. "ތިއައީ ކާކު؟ މިކޮޓަރިއަށް ކަލޭ ވެއްދީ ކާކު؟" އެއަޑަށް ފިރިމީހާ އައުމުން އަޅުގަނޑު ގޮސް ސޯފާގައި އިށީނީއެވެ.
ފިރިމީހާ ރުޅިގަދަވެ ކުރި ސުވާލުތަކުން އެނގުނީ އޭނާއަކީ ފަރިިމީހާގެ އަނބިމީހާގެ ލޯބިވެރިޔާކަމެވެ. ޙަޤީޤަތުގައި މިވީ ގޮތަކީ އޭނާގޭގައި ގެންގުޅެނިކޮށް އަޅުގަނޑަށް ގެއަށް އައުދެވުނީއެވެ. ދޮރުނުހުޅުވައި އޭނާ ފޮރުވަންވެގެން އުޅެނިކޮށް ފިރިމީހާއަށް އައުދެވިގެން ފޯނުކުރީމާ ދެްނގޮތެއް ނެތިގެން ދޮރުހުޅުވީއެވެ. އަވަސް އަރުވާލައި ކުރިމަތީގައި ހުރި ސާވަންޓް ރޫމަށް ވައްދަން އުޅެނިކޮށް އޮޅިގެން އަޅުގަނޑުގެ ކޮޓަރިއަށް ވެއްދުނީއެވެ. ފިރިމީހާ ވަޤުތުން އަނބިމީހާ ވަރިކޮށްލައި ދެމީހުން އެކުގައި ގެއިން ނެރެލިއެވެ.
އެއިން އެއްވެސް ކަމަކަށް ބަހެއް ނުބުނަމެވެ. އެއްވެސް އަޑެއް އިވުނު ކަމަކަށްވެސް ނުހަދަމެވެ. ފިރިމީހާވެސް އަޅުގަނޑު ގާތަކު އެއްވެސް އެއްޗެއް ނުބުނެއެވެ. އެކަމަކު ހަމަ އެރޭ ބައަކު ގެއަށް ގެނެސް އަޅުގަނޑު ލައްވައި ރަންކިޔުއްވައި 3 ވަނަ ދުވަހު ކައިވެނިކުރިއެވެ.
އެއިގެ ފަހުން 2 އަހަރުވީއެވެ. ތެދަށް ބުނާނަމަ ބުނަންޖެހޭނީ ކުރިއަށްވުރެވެސް މިހާރު ފިރިމީހާ މާހެޔޮކަމަށެވެ. އޭނާއަށް ކުރެވުނު ހިތި ތަޖުރިބާގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އެހެންވެ މިވާހަކަ މިއަދުނޫހާއި ޙިއްޞާކޮށްލީއެވެ. އަޅުގަނޑަށް ކުރިމަތިވި ނިކަމެތި ޙާލާއި ގުޅިގެން ކުރި ސުވާލަށް ދެއްވި ޖަވާބަށް ޢަމަލުކުރުމުން ކުރި ފައިދާ ފެނި ހާމަކޮށްލަން ބޭނުންވީއެވެ.
- ޝަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް
ކިޔުންތެރިޔާ ކުރިން ކުރި ސުވާލާ ސުވާލަށް ދިން ޖަވާބު:
"އަޅުގަނޑުމެންވެސް ކައިވެނިކުރީ ލޯބިވެގެން އެތައް ދުވަހަކު އުޅެފައެވެ. 2 އަހަރަށްވުރެ ގިނަ ދުވަހު ވާހަކަދައްކައި އެކުގައި ވަޤުތުވެސް ހޭދަކޮށްފައެވެ. އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާކަމަށް ދެމީހުންވެސް ބުނަމުންނެވެ.
ކައިވެނީގައި ދަރިއަކު ލިބުނު ހިސާބުން އަޅުގަނޑު ކަމަކު ނުދެއެވެ. އަބަދުވެސް ފިރިމީހާއަށް ފެންނަނީ އަޅުގަނޑުގެ ކުށްތަކެވެ. ސަބަބު އޮޅުންފިލުވަން ކުރި މަސައްކަތުން އެނގުނީ އަޅުގަނޑު ބަލިވެ އިންތަނާ އޭނާއަށް ތަނަވަސް އަންހެނަކާއި ގުޅުމުގެ ފުރުޞަތު ލިބިފައިވާކަމެވެ.
ކޮންމެއަކަސް މިހާރު ޙާލަތު ހުރިގޮތުން ވަރިކުރާނީ މިއަދުނޫންކަމެއްވެސް ނުއެނގެއެވެ. އަޅުގަނޑަކީ އަޅައިލާނެ އެއްވެސް މީހަކު ނެތް އެކަނިވެރިއަކީމެވެ. މިޙާލަތުގައި އަޅުގަނޑަށް ހަމްދަރުދީވާނެ މީހަކުވެސް ނެތެވެ.
އަޅުގަނޑުގެ ސުވާލަކީ މިފަދަ ބޮޑު ހިތްދަތިކަމަކުން އަރައިގަނެވޭނެ ގޮތަކީ ކޮބައިތޯއެވެ؟"
ކިޔުންތެރިޔާއަށް ބުނެލަންޖެހެނީ އެންމެ ފަހު ވަޤުތައްވެސް ކެތްތެރިވާން މަސައްކަތްކުރާށެވެ! ﷲ އަށް ތެދުވެރިވެ އިނދެ ދުޢާކުރަމުން ގެންދާށެވެ! އިޚްލާޞްތެރިއަޅުންގެ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެތެވެ! ވަރިކޮށްފައި ގެއިން ނެރެލިނަމަވެސް ނުކުމެވޭނީ އުފާވެރިކަމުގެ ފެށުމެއްގެ ކޮޅުމަތިކަން ޔަޤީންކޮށްގެން ހުރެ ދުޢާކުރަމުން ގެންދާށެވެ. ހަމައެއާއިއެކު އަނިޔާވެރިންނަށް ކަރުނައަޅަން ޖެހުން އޮންނާނީ ދާދި ގާތުގައެވެ.
Advertisement
3 މެއި 2025