އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: މަންމައަށް ހެޔޮކޮށް ހިތުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށް ހަދައިގެން އުޅުނު ޒުވާނަކަށް ކުރެވުނު އާދަޢާ ޚިލާފަށް ފައިދާހުރި ތަޖުރިބާގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: މަންމައަށް ހެޔޮކޮށް ހިތުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށް ހަދައިގެން އުޅުނު ޒުވާނަކަށް ކުރެވުނު އާދަޢާ ޚިލާފަށް ފައިދާހުރި ތަޖުރިބާގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 51 ސިކުންތު

މައިންނަށް ހެޔޮކޮށް ހިތުމަށް އަބަދުވެސް ނަޞީޙަތްތެރިވަމެވެ. އެއީ އެކަމުން ދުނިޔޭގައިވެސް ކުރާ ފައިދާތައް ބޮޑުކަމުންނެވެ. ތިރީގައިވާ ވާހަކައަކީވެސް ވަރަށް ޢިބްރަތްތެރި ފިލާވަޅުތަކެއް ލިބިގެންދާނެ ވާހަކައެކެވެ. އިން ޝާ ﷲ  

އަހަރެން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ޢާއިލީ ގޮތުން ކޮންމެވެސް ވަރެއްގެ ތިމާގެ ކަމެއްވެސް އޮތް އަންހެންކުއްޖަކާއިއެވެ. އެހެންކަމުން އެގެއަށް ގޮސް އެކުގައި ވަގުތުވެސް ހޭދަކުރަމެވެ. ދެމީހުން އެކުގައި ބޭރަށް ގޮސްވެސް އުޅުނީމެވެ. ނަމަވެސް އަހަރެމެންގެ މެދުގައި އެބާވަތުގެ އެއްވެސް ގުޅުމެއް އޮންނަކަން އެއްވެސް މީހަކަށް ނުއެނގޭނެއެވެ.  

ނުއަންގަނީ ކައިވެނިކުރަން ބޭނުންވުމުން ފަހަރެއްގައިވެސް ހުރަހެއް އަޅައި ބައްދަލުނުވެވޭނެ ގޮތް ހަދައިފާނެތީއެވެ. ހުރަސް އެޅިނަމަވެސް ކައިވެނިކޮށް ދެމީހުންނަށް އެކުގައި އުޅެވިދާނެކަން ޔަޤީންކުރެވޭ ހިސާބަށް ކަންކަން ކުރިއަށް ގެންގޮސްފައި ބުނަންވެގެންނެވެ. ހުރަސްއަޅައިފިނަމަވެސް ކައިވެނިކޮށް ވަކިން ދިރިއުޅެވޭނެ މަގު ފަހިކޮށްފައި ނޫނީ ނުބުނަންވެގެންނެވެ.  

ކޮންމެއަކަސް އެއީ ފުރަތަމަ ފަހަރަށް އަހރެން އަންހެން ކުއްޖާގެ ކޮޓަރިއަށް ވަންރެއެވެ. ކޮޓަރިއަށްވަނީ އެއްވެސް ނުބައި ކަމެއް ކުރުމުގެ ނިޔަތަކު ނޫނެވެ. އަނހެން ކުއްޖާގެ އަތުގައި ހުރި ސިއްރު އެއްޗެއް ސިއްރުން ބަލައިލަން ޖެހިގެންނެވެ. އެއީ ވާރުތަ މުދަލެއްގެ ސިއްރު ލިޔުންތަކެކެވެ. އަންހެން ކުއްޖާގެ ޢާއިލާއިން ވަރަށް ސިއްރުކޮށް ފޮރުވާފައި ހުރި އެއްޗަކަށްވާތީ ފައުޅުގައި ސިޓިންގ ރޫމްގައި އެބެލޭނެ ގޮތެއް ނެތިގެންނެވެ.  

ވަދެ ލިޔުންތައް ބަލަން އެނދުގައި ތިއްބާ ކުއްލިއަކަށް ބޭރުން ދޮރުގައި ޓަކި ޖަހައިފިއެވެ. އަދި މަންމަ ދަރިފުޅާ ދޮރުހުޅުވަބަލާށޭ ވެސް ބުނިއަޑު އިވުނެވެ. އެވަގުތު ހަތަރު އުދަރެސް ފެނުޖެހުނެވެ. ދޮރު ހުޅުވައިފިނަމަ ނުބައި ޝައްކެއް ކުރެވި އަހަރެންގެ ގުޅުމަށް ހުރަސް އެލިދާނެތީ އިންތިހާއަށް ކަންބޮޑުވިއެވެ. އެއްވެސް ނުބައި ނިޔަތެއް ނެތި ކުރެވުނު ކަމަކުން ބޮޑު ތުހުމަތެއް ކުރެވިދާނެކަމުގެ ބިރު އެހައި ބޮޑުވިއެވެ.  

އަންހެން ކުއްޖާ ރޯން ފެށިއެވެ. އަހަރެން ވިސްނައިލީމެވެ. އެވަގުތު އަހަރެންގެ ހަނދާނަށް އައީ ބޮޑުކަމެއް ޖެހިއްޖެ ނަމަ އެމީހަކަށް ކުރެވިފައިވާ ހެޔޮކަމެއްގެ ވާހަކައިން ދންނަވައި ދުޢާކުރަން ޢިލްމުވެރިއަކު ވިދާޅުވެފައިވާ ބަސްފުޅެވެ. ހޮހޮޅައިގެ ދޮރުމައްޗަށް ވެއްތުނު ބޮޑު ހިލަ އަމިއްލައަށް ފުރޮޅި ބަންދުވެފައި ތިބި 3 މީހުންނަށް ނުކުމެވުނު ގޮތުގެ ޙަދީޘްފުޅުގެ ވާހަކައެވެ.  

އަހަރެންނަކީ އަބަދުވެސް މަންމަގެ ރުހުން ހޯދަން މަސައްކަތްކުރާ މީހެކެވެ. ވަޒީފާއިން ލިބޭ މުސާރައިން އެންމެ ބޮޑުބައެއް މަންމައަށް ހޭދަކުރާ މީހަކީމެވެ. މަންމަގެ ބޭސްފަރުވާގެ ހުރިހާ ކަންކަން އަމިއްލައަށް ބެލެހެއްޓުމަކީ އުފަލެއް ކަމުގައި ދެކޭ މީހަކީމެވެ. އެހެންވެ އެކަންކަން މެދުވެރިކޮށް ދުޢާކުރީމެވެ. އެކަމުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދިއެވެ.  

ކަންތައް ވީގޮތް އެނގޭ ހެއްޔެވެ؟ ކިޔުނުހައި ހެޔޮ އެއްޗެއް ކިޔަމުން ﷲ އަށް ވަކީލްކޮށްގެން މޫނު ފުހެލައިގެން ދޮރު ހުޅުވީއެވެ. އަހަރެން ހަމަ އިންގޮތަށް އެނދުގައި އިންދައެވެ. ދޮރު ހުޅުވުމުން މަންމަ ކޮޓަރި ތެރެއަށް ބަލައިވެސް ނުލައެވެ. "އެހެން ފަހަރަކުން އެބަ އަންނަން ކަމަކު" ބުނެލާފައި ހެވިފައި ހުރެގެން ދިއައީއެވެ.  

ލިބުނު ފުރުޞަތުގައި ނުކުމެގެން ގޮސް ދެން ތިބީ ސިޓިންގ ރޫމްގައެވެ. ނިންމީ ކޮންމެ ހާލަތެއް ކުރިމަތިވިނަމަވެސް ކައިވެނީގެ ކަންތަކުގައި މައިންބަފައިންނާއި ވާހަކަ ދެއްކުމަށެވެ. ނިމިގެން އަންނާނެ ގޮތް ﷲ އަށް ވަކީލް ކުރުމަށެވެ.  

އަހަރެމެން ދެމީހުންނަކީވެސް ފަސްވަގުތު ނަމާދުކުރާ ދެމީހުންނެވެ. އަހަރެމެން އިސްތިޚާރާއެއް ނުކުރަމެވެ. ނަމަވެސް ވަރަށް ގިނައިން ދުޢާކުރުމަށްފަހު ދެމީހުން އެކުގައި ތިބެގެން އަންހެން ކުއްޖާގެ މައިންބަފައިންނަށް ހުށަހެޅުމުން ލިބުނީ ވަރަށް ކުރު ޖަވާބެކެވެ. "ދައްތަ (ޙަމީދުގެ މަންމަ) ރުހޭނަމަ މާދަންވެސް ފޯމުލާށެވެ! ތިއަކަން މިހާރުވެސް މާލަސްވެއްޖެއެވެ. އަވަސްކުރާށެވެ! ތިއައީ ހަމަ ހުރިހާ ގޮތަކުންވެސް މިގޭ ކުއްޖެކެވެ."  

އެއިގެ 2 ހަފްތާއެއްފަހުން ކައިވެނިކުރެވުނެވެ. ކައިވެންޏަށް 8 އަހަރުވީއެވެ. ފަޚުރުވެރިކަމާއިއެކު ބުނެލާނަމެވެ. ދެމަފިރިކަމާއި ލޯބީގެ ގުޅުމުގެ އިތުރުން ބެސްޓް ފްރެންޑުންގެ ގޮތުގައިވެސް އަހަރެމެން ދެމަފިރިންގެ ގުޅުމަކީ ހަމަ ވަރަށް ބަދަހިގުޅުމެކެވެ.  

ކިޔުންތެރިންނާއި ހިއްޞާކޮށްލަން ބޭނުންވީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަމެވެ. އެކަމަކީ ތިމާއަށް ދުނިޔޭގައި ކުރިމަތިވާ ބޮޑެތި މުޞީބާތްތަކުންވެސް ސަލާމަތްކުރައްވަވައިދެއްވަވާނެ ކަމެއްކަން އަހަރެންނަށް ވެސް ތަޖުރިބާ ކުރެވިފައިވާ ކަމެވެ. ހަމައެއާއިއެކު ކިތަންމެ ވަރަކަށް ލޯބިވެގެން އުޅުނު ނަމަވެސް އިންތަކުގައި ސާބިތުވެ ތިބުމުން ﷲ ގެ ރަޙްމަތް ލިބިގެންދާ ކަމެވެ. އަހަރެމެން ދެމަފަރިން ޤަބޫލުކުރަނީ އަހަރެމެންގެ ކާމިޔާބީގެ ހުރިހާ ވެސް ސިއްރަކީ އެއީ ކަމެވެ.

 

- އިޙްސާން/ މިއަދުނޫހުގެ ކިޔުންތެރިއެއް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް