އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ އިސްކަންދޭނީ ޕާޓީގެ ސަފުތައް އަލުން އިޢާދަކޮށް، އެއްބައިވަންތަކަން ޤާއިމުކޮށް ޕާޓީ އުފެއްދުމަށް މަސައްކަތްކުރި އެންމެންނާ އިލްމުވެރިން ޕާޓީގެ ހިޔާވަހިކަމުގެ ތެރެއަށް ގެނައުމަށް!: ޑރ. ޝަހީމް

އެންމެ އިސްކަންދޭނީ ޕާޓީގެ ސަފުތައް އަލުން އިޢާދަކޮށް، އެއްބައިވަންތަކަން ޤާއިމުކޮށް ޕާޓީ އުފެއްދުމަށް މަސައްކަތްކުރި އެންމެންނާ އިލްމުވެރިން ޕާޓީގެ ހިޔާވަހިކަމުގެ ތެރެއަށް ގެނައުމަށް!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 42 ސިކުންތު

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢަދާލަތުޕާޓީ އާއި ގުޅިވަޑައިގަންނަވަން ނިންމަވައި އެމަނިކުފާނުގެ ތަޞައްވުރު ހާމަކުރައްވައިފިއެވެ. 

ޑރ. ޝަހީމްގެ ބަސްފުޅު:  

ރާއްޖޭގެ ކަންކޮޅުތަކުގައި ތިއްބެވި އަދާލަތު ޕާޓީގެ މުއައްސިސުންނާއި ދާއިރާތަކުގެ ރައީސުންނާއި ލޮބުވެތި ޢާއްމު މެމްބަރުން! 

ޕާޓީއަށް އަލުން ވަނުމަށް އަޅުގަނޑު އިޢުލާންކުރުމާއެކު، ޕާޓީގެ ވަރަށް ގިނަ ބޭފުޅުން އެކަމަށް މަރުޙަބާ ކިޔުއްވައި އަޅުގަނޑުގެ ތަޞައްވުރަކީ ކޮބައިތޯ އަޅުގަނޑަށް ގުޅުއްވައި މެސެޖްކުރައްވަމުން ގެންދަވާތީވެ ދަންނަވަމެވެ. 

އަދާލަތު ޕާޓީއަށް ދިއުމަށް އަޅުގަނޑު ނިންމާފައިވަނީ ފުރިހަމަ ޝާމިލް ތަޞައްވުރަކާއެކުގަ. އިންޝާ ﷲ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރާނަން. މެންބަރުން ޕާޓީގެ ރައީސްކަމަށް އަޅުގަނޑު އިންތިޚާބު ކޮށްފި ނަމަ ޕާޓީ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރާނަން. އެންމެ ފުރަތަމަ ކުރާނެ އެއްކަމަކީ ޕާޓީގެ ސަފުތައް އަލުން އިޢާދަކުރުން. ޕާޓީގެ އެއްބައިވަންތަކަން ޤާއިމު ކުރުން. ޕާޓީ އުފެއްދުމަށް މަސައްކަތްކުރެއްވި ބޭފުޅުންނާއި އިލްމުވެރިން ޕާޓީގެ ހިޔާވަހިކަމުގެ ތެރެއަށް ގެނައުން. 

ދެވަނަ އަށް އިސްކަންދޭނެ ކަމަކީ (އޭޕީ ޑިވެލޮޕްމަންޓް ފަންޑު)ގެ ނަމުގައި މެންބަރުން ޝާމިލުވާނެހެން ޕާޓީގެ ފަންޑެއް ޤާއިމުކޮށް ޕާޓީގެ އަމިއްލަ ފުދުންތެރިކަން ޤާއިމުކުރަށް މަސައްކަތްކުރުން. މީގެ މަޤުޞަދަކީ، މެމްބަރުން ބިނާކުރުމާއި މެންބަރުން އިތުރު ކުރުމާއި މެމްބަރުންނަށް ޒަމާނީ މަތީ ތައުލީމު ދިނުމާއި ޚާއްޞަ ޙާލަތްތަކުގައި އެހީވުމާއި އިންތިޚާބުތަކުގައި ޚަރަދަށް ބޭނުންވާ ފައިސާ ޙަލާލުގޮތުގައި ހޯދުން. އަދި މިފަންޑު ފުޅާ ކުރުމަށް އިންވެސްޓްކުރެވޭނެ ނިޒާމެއް ޤާއިމުކުރާނަން. މިފަންޑު ބަލަހައްޓަން މެންބަރުންގެ ތެރެއިން ބޯޑް އޮފް ޓްރަސްޓީސް އެއް އުފައްދާނަން. ފަންޑުގެ ސީއީއޯ އަކަށް ލާނީ އިސްލާމީ އިޤުތިޞާދު ކިޔަވައިފައި ހުރި ތަޖުރިބާކާރު ޕާޓީގެ މެންބަރެއް. މިފަންޑު ޤާއިމުކުރާނީ މެންބަރުންގެ ކޮންޓްރިބިއުޝަނާއި ފަހުން އަދާކުރާގޮތައް އިސްލާމީ އުޞޫލުން ހޯދާ ލޯނުން. 

އިލްމުވެރިންގެ މަޖްލިސްގެ ދައުރު ފުޅާކޮށް އަދާލަތު އެކަމަކަށްޓަކައި ޤާއިމުވި އަސާސްތައް ރާއްޖޭގައި ދަމަހައްޓަން އިސްލާމީ ރިސާލަތު ނަގަހައްޓައި ފެތުރުން ވަރުގަދަ ކޮށް ފުޅާ ކުރާނަން. 

އިސްލާމީ މަކާރިމުލްއަޚްލާޤުގެ އިމުގެ ތެރެއިން ޒުވާނުންނާއި އަންހެނުންގެ ދައުރު ޕާޓީގައި ފުޅާ ކުރާނަން. ބައިނަލްއަޤުވާމީ ޖަމާޢަތްތަކާއި އަވަށްޓެރި ޤައުމުތަކާ ރަނގަޅު ގުޅުމެއް ޤާއިމުކުރާނަން. ފަލަޞްޠީނުގެ މައްސަލައަށް ޕާޓީގެ ޚާއްޞަ މަންދޫބެއް ޢައްޔަންކުރާނަން. އަދި އިސްލާމީ ދުނިޔެއާ ގުޅުންތައް ބަދަހި ކޮށް އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާނީ ހަރުދަނާ ޕާޓީއަކަށް އަދާލަތު ޕާޓީ ހަދާނަން. އިންތިޚާބުތަކުގައި ވަކި މީހަކަށް ތާއިދުކުރުމަށް ޕާޓީއަށް މަޖްބޫރެއް ނުކުރާނަން. ޕާޓީގެ ކަންކަން ނިންމާނީ ދިމުޤްރާޠީ އުޞޫލުން މަޝްވަރާގެ ތެރެއިން. ޚިޔާލުތަފާތުވުމަށް ޖާގަ ދޭނަން. އަޅުގަނޑުގެ ދައުރު ނިމޭ އިރު ޕާޓީގެ ޒަޢާމަތަށް އަންނާނެ މީހުން ތައްޔާރުކުރާނަން. ޕާޓީގެ ދާއިމީ މަރުކަޒީ އޮފީހެއް ޤާއިމުކުރާނަން. މި ނޫންވެސް މުހިންމު ގިނަކަންކަން ޕާޓީ ކުރިއަރުވަން ކުރާނަން. އިންޝާ ﷲ. 

ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

އޭޕީގެ އެއް މުއައްސިސް.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު