އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު
ހުވަފެނުގައި ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންވެސް ފެނެއެވެ. އަދި ހެޔޮލަފާ މީހުންވެސް ފެނެއެވެ. ކްރިސްޓިއަނަކު އެދީނާއިމެދު ޝައްކު އުފެދި އެންމެ ރަނގަޅު ދީނަކީ ކޮބައިކަން ދެނެގަންނަން މަސައްކަތްކުރަމުން ދަނިކޮށް އޭނާއަށް ހުވަފެނުގައި ޢީސާގެފާނު ފެނުނެވެ. ވަޞިއްޔަތް ކުރެއްވެވީ މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އަށް ތަބަޢަވުމަށެވެ. އިސްލާމްދީން އިޚްތިޔާރުކުރުމަށެވެ. އެކަމާއި ގުޅިގެން އޭނާ އިސްލާމްވިއެވެ.
ހަމައެފަދައިން ބައެއް މީހުންނަށް ހުވަފެނުގައި މަރުވެފައިވާ ހެޔޮލަފާ މީހުންވެސް ފެނެއެވެ. އެމީހުން ހެޔޮނަޞީޙަތްދެއެވެ. އެއީ އެމީހުންގެ މޮޅުކަމުން މެދުވެރިވާ ކަމެއް ނޫނެވެ. އެފަދަ ހުވަފެނެއް ފެނިއްޖެނަމަ އެއީ ﷲ ތަޢާލާގެ ޙަޟްރަތުން އެމީހަކަށް ލިބުނު އިރުޝާދެކެވެ.
ބަރުޒަޚުގެ ޢާލަމުގައި ހޭދަކުރަންޖެހޭ މުއްދަތުގައި ކަންކަން މެދުވެރިވާނީ އެންމެންނަށް އެއްގޮތަކަށް ނޫނެވެ. މަރުވުމަށްފަހު އަލުން ދުނިޔެއަށް އައިސް ކަންކަން ކުރުމަކީ ހަމައެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. މަރުވުމުން ދުނިޔެއަށް އަލުން އައިސް ކަންކަން ކުރުމުގެ ފުރުޞަތު އެންމެންނަށްވެސް ބަންދުވާނެއެވެ.
ނަމަވެސް މަރުވެފައިވާ ހެޔޮލަފާ މީހުން ހުވަފެނުގައި ފެނެއެވެ. އަދި ހުވަފެނުގައި އެމީހުންގެ ޙާލަތުވެސް ކިޔައިދެއެވެ. ބައެއް ކަންކަން ކޮށްދިނުމަށްވެސް އެދެއެވެ. ތިބާއަށް ފައިދާކުރާނެ ކަންކަން ކުރަންވެސް ބުނެއެވެ.
އަދި ބައެއް ފަހަރު ތިބާއަށް ކުރެވެން އުޅެވޭ ކަމަކީ ރަނގަޅު ކަމެއް ނޫންނަމަ ރުޅިއައިސްފައި ހުއްޓައިވެސް ފެނިދާނެއެވެ. ރަނގަޅުކަމެއް ނަމަ އުފާވެފައި ހުއްޓާވެސް ފެނިދާނެއެވެ. މިފަދަ ކަންކަން ވަނީ އެތައް ބައަކަށް ތަޖުރިބާ ކުރެވިފައެވެ. އަދި މިހާރުވެސްދަނީ ތަޖުރިބާކުރެވެމުންނެވެ. މިފަދަ ކަންކަމުން އެނގެނީ މަރުވި ނަމަވެސް ﷲ ތަޢާލާ އިރާދަކުރައްވަވާ އަޅުންނަށް ފުރުޞަތުތަކެއް ދެއްވަވާ ކަމެވެ.
އެއްފަހަރު ގިނަ ދަރިންތަކެއް ތިބި މީހެއްގެ ހުރިހާ ދަރިންނަށް އެއްރޭ ހުވަފެނުގައި ބައްޕަ ވަޞިއްޔަތެއް ކުރިއެވެ. މީހެއްގެ ގާތަށް ގޮސް ބައްޕަގެ ފަރާތުން މާފަށް އެދުމަށެވެ. އެކުދިން އެކަންކުރިއެވެ. އެކަންވީވެސް ހަމަކުރަންޖެހިފައި އޮތް ކަމަކަށެވެ.
އޭނާއަކީ ވަރަށް މާތް، ހެޔޮލަފާ ދިރިއުޅުމެއް އުޅުނު މީހެކެވެ. މިކަމުންވެސް އެނގެނީ ކިތަންމެ ތަޤްވާވެރި ނަމަވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެވިއްޖެނަމަ މާފަށް އެދެންޖެހޭނެ ކަމެވެ.
ހަމައެއާއިއެކު ހުވަފެނުގައި ބައްޕައަކު އޭނާގެ ދަރަންޏެއް އަދާކުރަން ދަރިންނަށް ވަޞިއްޔަތްކުރިއެވެ. ދަރިން އޭނާގެ ގާތަށް ގޮސްބެލިއިރު އެކަން އޮތީ ހަމަ އަދާކުރަންޖެހޭ ދަރަންޏެއްގެ ގޮތުގައެވެ. ވީމާ މަރުވުމުގެ ކުރިން ދަރަނިތައް އަދާކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ހުވަފެނުގައި ވަޞިއްޔަތްކުރުމުގެ ފުރުޞަތު ނުދެއްވަވައިފާނެކަމަށް ބިރުވެތިވާށެވެ! އަދި ވަޞިއްޔަތްކުރިނަމަވެސް ނުފުއްދައިފާނެކަމަށްޓަކައެވެ.
--އިމާމް ޢުމަރު ސުލައިމާނުގެ ދަރުސަކުން
Advertisement
5 މެއި 2025