އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު
ސަރުކާރު ބަދަލުވީއިރު ސްކޫލްތަކުގެ ޢުމްރާނީ މަސައްކަތްތަކާއި ގުޅޭގޮތުން ނުދައްކާހުރި 263 މިލިޔަން ރުފިޔާ ދައްކާ ނިންމާލައިފިކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަފީޢު ވިދާޅުވިގޮތުގައި، ސަރުކާރު ބަދަލުވިއިރު ސްކޫލްތަކުގެ ޢުމްރާނީ މަސައްކަތްތަކާ ގުޅިގެން ނުދައްކާ ހުރި 280 މިލިޔަން ރުފިޔާގެ ތެރެއިން މިހާރު ނުދައްކާ ހުރީ އެންމެ 17 މިލިޔަން ރުފިޔާއެވެ. މިއީ ކުރީގެ ސަރުކާރުން ނުދައްކާ ދޫކޮށްލާފައި ހުރި ފައިސާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު މިނިސްޓްރީއާ ހަވާލުވިއިރު 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުރީ ނުދައްކާ. ކޮންޓްރެކްޓަރުންނަށް ފައިސާ ނުދެވި ހުރުމުން މަސައްކަތް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައި ވަނީ. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެން ވާނީ 17 މިލިއަން ރުފިޔާ ފިޔަވައި އެހެން ހުރިހާ ފައިސާއެއް ދައްކާ ނިންމާފައި،" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ލަސްވާ ހާލަތްތަކުގައި، އެ މަސައްކަތްކުރާ ކުންފުނިތައް ޓަރމިނޭޓްކޮށް، އެހެން ފަރާތްތަކާ ހަވާލުކޮށްގެން ނަމަވެސް މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މިގޮތުން މިހާރުވެސް ބައެއް ސްކޫލްތަކުގެ ހުއްޓިފައިވާ މަސައްކަތްތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި ހުރި ސްކޫލްތަކުގެ ޢުމްރާނީ މަސައްކަތްތައް އަލުން ފެށި، އަވަސް މުއްދަތެއްގެ ތެރޭގައި ނިންމާލެވޭނެކަމަށް ސަރުކާރުން އުންމީދުކުރާކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ވަސީލަތްތައް އިތުރަށް ފުޅާވެ، ދަރިވަރުންނަށް މޮޅު ތަޢުލީމެއް ލިބިގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
Advertisement
5 މެއި 2025