އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު
ހުޅުމާލޭގައި މީހުން އުޅެން ފެށިތާ 21 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އުރީދޫ ގުޅިގެން މަސް ރޭހެއް ބޭއްވުމަށް ނިންމައިފިއެވެ.
އުރީދޫއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަސް ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. ރޭސް ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިންނެވެ. އަދި ރޭސް ކުރިއަށްދާނީ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށެވެ.
މި ރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ 2025 ވަނަ އަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހެވެ.
ރޭހުގައި ބައިވެރިވެ އެންމެ ގިނައިން މަސް ބާނާ ޓީމަކަށް 21,000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ހަމަޖެހިފައިވާ ކަމަށް އުރީދޫއިން ބުނެފައިވެއެވެ. އަދި އެންމެ މޮޅު ކެޔޮޅަކަށް 5,000 ރުފިޔާގެ އިނާމެއް ދޭން ވެސް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން، ހުޅުމާލޭގައި މީހުން އުޅެން ފެށިތާ 21 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެއް ހަފުތާގެ މުއްދަތަށް ދެމިގެންދާ ފެސްޓިވަލެއް ބޭއްވުމަށް ވެސް އެޗްޑީސީން ވަނީ ނިންމާފައެވެ. މި ފެސްޓިވަލް ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ރޭވިފައެވެ.
ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށީ 2004 ވަނަ އަހަރުއެވެ. އޭގެފަހުން މިއަދާ ހަމައަށް ހުޅުމާލެ ވަނީ ބޮޑުތަނުން ތަރައްޤީވެފައެވެ. މިހާރު ހުޅުމާލޭގައި 100,000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ކަމަށް މައުލޫމާތުލިބިފައިވެއެެވެ.
Advertisement
5 މެއި 2025