އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު
ނިމިދިޔަ ޕްރެސް ފްރީޑޮމް ޑޭގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސިނަމާލެ އަދި މާލެހިޔާ ސަރަޙައްދުގައި ފްލެޓް އެޅުމަކީ ސަރުކާރުގެ ވަރަށް ބޮޑު ވަޢުދެއް ކަމަށާއި، މި މަޝްރޫޢު މިހާރު ކުރިއަށްދަނީ ސިޓީ ކައުންސިލްގެ ތެރެއިން ކަމަށެވެ.
ޕްރެސް ފްރީޑަމް ޑޭގެ ގޮތުގައި ފާހަގަކުރާ 3 މެއި ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންގެ ސުވާލުތަކަށް 14 ގަޑިއިރަށްވުރެ ގިނައިރު ޖަވާބުދެއްވަމުން ވިދާޅުވި ގޮތުގައި މި މަޝްރޫޢުއަކީ އެމަނިކުފާނު މޭޔަރުކަމުގައި ހުންނެވިއިރުވެސް ސޮއިކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން އެޅިގެންދާނީ 4 ކޮޓަރި، 3 ކޮޓަރި އަދި 2 ކޮޓަރީގެ ޖުމްލަ 1360 ފްލެޓް ހިމެނޭ ޢިމާރާތްތަކެއް ކަމަށް ރައީސް ހާމަކުރެއްވިއެވެ.
އަދި ފުރަތަމަ އަޅާނީ މިހާރު ހުރި ސިނަމާލެ މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް، އެތަންތަން ބާވެފައި ހުރުމުގެ ސަބަބުން ބަދަލުވާނެ ޢިމާރާތެއް ކަމަށްވެސް ވިދާޅުވިއެވެ. މި މަޝްރޫޢަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިފައިވާ ވަޢުދެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. މިއީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ހަބަރު: ސަރުކާރު
Advertisement
6 މެއި 2025