އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒައިނުލް ޢާބިދީން: ރަސޫލާގެ މުނިކާފަ ދަރިކަލުންގެ ޙަޔާތްފުޅުން ލިބޭ އަގުހުރި ފިލާވަޅުތައް-

ޒައިނުލް ޢާބިދީން: ރަސޫލާގެ މުނިކާފަ ދަރިކަލުންގެ ޙަޔާތްފުޅުން ލިބޭ އަގުހުރި ފިލާވަޅުތައް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 22 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

ޒައިނުލްޢާބިދީންއަކީ މާތް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މުނިކާފަ ދަރިކަލެކެވެ. ބައްޕާފުޅަކީ ސުވަރުގޭގެ ޒުވާނުންގެ ސާހިބާކަމުގައި މާތް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވައިފައިވާ ޙުސައިން ބިން ޢަލީ ރަޟިޔަالله ޢަންހުއެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖްރައިން 38 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އިސްލާމީ އުއްމަތުގެ ޚަލީފާއެއްކަމުގައި ހުންނެވީ ލޮބުވެތި ކާފާފުޅު އަމީރުލް މުއުމިނީން ޢަލީ ބިން އަބީތާލިބު ރަޟިޔަالله ޢަންހުއެވެ. ޒައިނުލްޢާބިދީންގެ އަސްލު ނަންފުޅަކީ ޢަލީ ބިން ޙުސައިންއެވެ.

އެކަލޭގެފާނުގެ އެންމެ ޒުވާން ދުވަސްވަރު އުމުރުފުޅުން 23 އަހަރުފުޅުގައި ކަރުބަލާގެ މައިދާނުގައި ލޮބުވެތި ބައްޕާފުޅު ޙުސައިންގެފާނު ޝަހީދުކޮށްލެވުނެވެ. ތިމާގެފުޅު އެތައް ބޭފުޅުންނެއް އިހާނެތިކަމާއެކު ޝަހީދުކުރެވުނެވެ. އޭރު ޒައިނުލްޢާބިދީން އުޅުއްވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާއެވެ. ބައްޕާފުޅުގެ ދިފާއުގައި ހަނގުރާމަ ނުކުރެވުނު ސަބަބަކީ އެއީއެވެ. އަހުލުބައިތުންގެ ފިރިހެން ބޭފުޅުންގެ ތެރެއިން ސަލާމަތްވީ ހަމައެކަނި އެކަލޭގެފާނެވެ. ޙުސައިންގެފާނު ޝަހީދުކޮށްލުމަށްފަހު އުމަވީން އެކަލޭގެފާނުގެ ހަށިކޮޅުގައި އަސްދުއްވައި ޗިސްޗިސްކޮށްލިއެވެ. 

ހަނގުރާމައިގެ މައިދާނުން އަހުލުބައިތުން ގެންދެވުނީ އިބްނު ޒިޔާދުގެ އަރިހަށެވެ. ޒައިނުލް ޢާބިދީން ފިޔަވައި ދެންތިއްބެވީ އަންހެން ބޭފުޅުންނާއި ކުޑަކުދީންނެވެ. އިބްނު ޒިޔާދު ޒައިނުލް ޢާބިދީން ވެސް ޤަތުލު ކުރުމަށް އުޅުނެވެ. އެހިނދު މާތް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކާފަދަރިކަނބަލުން ޒައިނަބު ބިންތި ޢަލީ ރަޟިޔަالله ޢަންހާ ކޯފާ އިސްކުރައްވައި ވިދާޅުވިއެވެ. [ الله ގަންދެމެވެ. އަހަރެން ދިރިހުއްޓަކާ މިކުއްޖާ ޤަތުލެއް ނުކުރެވޭނެއެވެ.] ދެން އިބްނު ޒިޔާދު ޒައިނުލް ޢާބިދީން ޤަތުލުނުކޮށް ދޫކޮށްލެއްވިއެވެ. 

ޒައިނުލްޢާބިދީންއަކީ ތެދުވެރި އަމާނާތްތެރި ބޭކަލެކެވެ. ޚުލުޤުފުޅު ހެޔޮ ބޭކަލެވެ. ތަޤުވާވެރި ވަރައަވެރި ބޭކަލެކެވެ. ޤުރައިޝުންގެ ތެރެއިން އެކަލޭގެފާނަށްވުރެ ހެޔޮ ބޭކަލަކު ދެކެވަޑައިނުގަންނަވާ ކަމަށް އިމާމު ޒުހުރީ ވިދާޅުވެފައިވެއެވެ. އަދިވެސް އިމާމު ޒުހުރީ ވިދާޅުވެފައިވެއެވެ. [ތިމަން ވަރަށް ގިނައިން އެކަލޭގެފާނާއެކު މަޖިލީސް ކުރަމެވެ. އަހަރެން ދުވަހަކުވެސް އެއަށްވުރެ ޢިލްމުވެރި ބޭކަލަކު ނުދެކެމެވެ. އެކަލޭގެފާނަކީ ބަސްފުޅު މަދު ބޭކަލެކެވެ.] 

މުނިކަފާފުޅު ފަދައިން ޒައިނުލްޢާބިދީންއަކީވެސް ވަރަށް ދީލަތިފުޅު ބޭކަލެކެވެ. ރޭގަނޑުގެ ކަނު އަނދިރީގައި ސިއްރުން ރޮށި ހިއްޕަވައިގެން ވަޑައިގެން ފަގީރުންނަށް ދެއްވާ ހައްދަވައެވެ. އެކަލޭގެފާނު ވިދާޅުވެއެވެ. [ރޭގަނޑުގެ އަނދިރިކަމުގައި ވަންހަނާކޮށް ދެވޭ ޞަދަޤާތުގެ ސަބަބުން ރަޙްމާންވަންތަ ރަސްކަލާނގެ ކޯފާ މަޑުކުރައްވައެވެ.] އެކަލޭގެފާނު އަވަހާރަވީއިރު ބުރަކަށިފުޅުގައި ހުރީ ލަކުނު ލައިފައެވެ. އެއީ ހުވަފަތްވެފައިވާ ނިކަމެތި އަންހެނުންގެ ގޭގެއަށް ގޮދަން ބަސްތާތައް އުފުލެއްވުމުގެ ސަބަބުންނެވެ. 

މީސްތަކުންގެ ދަރަނި އަދާކޮށްދެއްވުމާއި އަޅުން މިނިވަން ކުރެއްވުމަށް އެކަލޭގެފާނު ޙާއްޞަ ސަމާލުކަމެއް ދެއްވެވިއެވެ. ޒައިނުލްޢާބިދީންއަކީ ޝީޢީން އިމާމެއްކަމުގައި ބަލާ ބޭފުޅެކެވެ. އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ފަދަ ޞަޙާބީނަށް ބަދުބަސް ބުނެ އިހްތިރާމު ކުޑަކުރުމަކީ ޝީޢީންގެ އާދައެކެވެ. އެއްފަހަރަކު މީހަކު އަބޫބަކުރުގެފާނާ ބެހޭ ގޮތުން އެއްޗެއް ބުނުމުން އެކަލޭގެފާނު ވިދާޅުވިއެވެ. [އަބޫބަކުރުގެފާނާއި ޢުމަރުގެފާނަށް ލޯބިކުރާށެވެ. އެދެބޭކަލުންގެ ސުންނަތަށް ތަބާވާށެވެ.] މިފަދަ މިސާލުތައް ތާރީޚުން ފެންނަ ހުރިއިރުވެސް ޝީޢީންވަނީ ޞަޙާބީންނާމެދު ހައްދުފަހަނައަޅައި ގޮސްފައެވެ. 

ޞަޙާބީންގެ ކުރިއަށް ތިއްބެވި ބޭކައުކަނބަލުންގެ އަރިހުން ޒައިނުލްޢާބިދީން ޙަދީޘް ރިވާކުރެއްވިއެވެ.  އެގޮތުން ބައްޕާފުޅު ޙުސައިންގެފާނުގެ އަރިހުންނާއި ބޮޑުބޭބޭފުޅު ޙަސަންގެފާނު އަދި މަޝްހޫރު ޞަޙާބީ އަބޫހުރައިރާގެ އަރިހުން ޙަދީޘް ރިވާކުރެއްވިއެވެ. ޙުރުމަތްތެރި ތިން ދޮންމުނިމާމާފުޅުން ކަމުގައިވާ އުއްމުލް މުއުމިނީން ޞަފިއްޔަތުގެފާނާއި އުއްމުލް މުއުމިނީން އުއްމުސަލަމަތުގެފާނާއި އުއްމުލް މުއުމިނީން ޢާއިޝަތުގެފާނުގެ އަރިހުންވެސް ޙަދީޘް ރިވާކުރެއްވިއެވެ. ބުޚާރީ އާއި މުސްލިމުގައި އެކަލޭގެފާނުގެ ސަނަދުން ރިވާކޮށްފައިވާ ޙަދީޘްތައް އެބަހުއްޓެވެ. 

ޒައިނުލްޢާބިދީން އަވަހާރަވީ ހިޖްރައިން 94 ވަނަ އަހަރުގެ ތެރޭގައެވެ. އެ އަހަރުގެ ރަބީޢުލްއައްވަލުމަހުގެ 14 ވީ އަންގާރަ ވިލޭރޭގައެވެ. ފަސްދާނުވެޑުވިފައިވަނީ މަދީނަތުލް މުނައްވަރާގެ ޖަންނަތުލް ބަޤީޢުގައެވެ. ޙުސައިންގެފާނުގެ ދަރިކޮޅު ހިނގައިފައިވަނީ ހަމައެކަނި ޒައިނުލްޢާބިދީންގެ ފަރާތްޕުޅުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް