އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުގެ ޓެކްސީ ލައިނާއެކު ނަމޫނާ ޚިދުމަތެއް ފެނިގެންދާނެ: ވަޒީރު އަމީން

ސަރުކާރުގެ ޓެކްސީ ލައިނާއެކު ނަމޫނާ ޚިދުމަތެއް ފެނިގެންދާނެ: ވަޒީރު އަމީން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ސަރުކާރުން ތައާރަފްކުރާ އައު ޓެކްސީ ލައިނާއެކު، ނަމޫނާ ޓެކްސީގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު އަމީން ވިދާޅުވީ، ސަރުކާރުން ޓެކްސީ ޚިދުމަތުގެ ދާއިރާއަށް ވަންނަން ނިންމި އެންމެ މުހިންމު އެއް ސަބަބަކީ، މިހާރު ރައްޔިތުންނަށް ބޭނުންވާ ފެންވަރުގެ ޓެކްސީ ޚިދުމަތެއް ނުލިބޭތީ ކަމަށެވެ.

"މާލޭގައި ޓެކްސީ ޚިދުމަތް ފެށިތާ 25 އަހަރު ވެގެން ދިޔައިރުވެސް، ޓެކްސީ ނުލިބޭ މައްސަލައާއި އެކަށީގެންވާ ޚިދުމަތެއް ނުލިބޭކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން އަބަދުވެސް އަޅުގަނޑުމެންނަށް ލިބެމުންދޭ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އަމީން އިތުރަށް ވިދާޅުވީ، ބައެއް ޓެކްސީ ޑްރައިވަރުން އެމީހުން ބޭނުންވާ ވަގުތެއްގައި އަދި ދާން ބޭނުންވާ ތަނަކަށް އެކަނި ދަތުރު ނަގާ މައްސަލައަކީ ވަކި ދިރާސާއެއް ކުރަން ނުޖެހޭ ވަރަށް ފެންނަން އޮތް ޙަޤީޤަތެއް ކަމަށެވެ.

މި މައްސަލަތަކަށް ޙައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން 100 އިލެކްޓްރިކް ޓެކްސީ މެދުވެރިކޮށް އައު ޚިދުމަތެއް ފެށުމަށް ނިންމާފައެވެ. ވަޒީރު އަމީން ވިދާޅުވީ މި އައު ޚިދުމަތަކީ ޓެކްސީ ދުއްވުމުގެ ގަވާއިދުތަކާ އެއްގޮތަށް ހިންގޭ، 24 ގަޑިއިރު ލިބެންހުންނާނެ ފުރިހަމަ ޚިދުމަތަކަށް ހަދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ގެންނަ ބަދަލާއެކު ރައްޔިތުންނަށް ނަމޫނާ ޓެކްސީ ޚިދުމަތެއް ފެނިގެންދާނެ. މިއީ ރައްޔިތުން އެދޭ ފަދަ، އިތުބާރުހުރި އަދި ފަސޭހައިން ލިބޭނެ ޚިދުމަތަކަށް ވާނެ،" ވަޒީރު އަމީން ވިދާޅުވިއެވެ.

މި އައު ޓެކްސީ ޚިދުމަތް ފެށޭނެ ސީދާ ތާރީޚެއް ވަޒީރު ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، މި ޚިދުމަތް ފެށުމުން މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ފަސޭހަވެގެންދާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު