އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތިލަފުށީ ޕޯޓްގެ އީއައިއޭ އަދި ހައިޑްރޯ ސަރވޭ ކޮށްދޭނެ ކޮންސަލްޓެންޓެއް ހޯދުމަށް އަލުން އިޢުލާން ކޮށްފިއެވެ. މި އިޢުލާނަކީ މިދިޔަ އޭޕްރީލް މަހު ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ތަރުޙީބެއް ނުލިބުމުން ކުރެވުނު އިޢުލާނެކެވެ.
އެމްޕީއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ފުރުޞަތުގައި ތިލަފުށީ ޕޯޓްގެ އީ.އައި.އޭ، ޖިއޯޓެކްނިކަލް، ހައިޑްރޯ-ސާރވޭ އަދި ބަތިމެޓްރީ ސާރވޭ ކޮށްދޭނެ ކޮންސަލްޓެންޓެއް ހޯދުމަށް ހުޅުވާލާފައިވެއެވެ. މި ފުރުޞަތު މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށް އެމްޕީއެލްއިން ވިދާޅުވެފައިވެއެވެ.
ރައީސް ޑރ.މުޢިއްޒު ސަރުކާރުން ވަނީ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ނިންމަވާފައެވެ. މިއީ މާލޭ ކޮމާޝަލް ހާބަރުގެ އޮޕަރޭޝަނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް އެޅޭ ފިޔަވަޅެކެވެ. މިހާރުވެސް އެމްޕީއެލްއިން އަންނަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ތިލަފުށީގައި 30 މީޓަރުގެ ކީވޯލެއް އެޅުމުގެމުގެ މަސައްކަތް ކުރަމުންނެވެ.
އެމްޕީއެލްއިން ކުރިން ހާމަކުރެއްވި ގޮތުގައި، މިހާރު ކާގޯ ބޯޓެއް ހުސްކުރުމަށް 5 އިން 9 ދުވަހާ ހ ހަމައަށް ނަގާއިރު، ޕޯޓު ތިލަފުއްޓަށް ބަދަލުކުރެވުމުން މި މުއްދަތު 2 ނުވަތަ 3 ދުވަހަށް ކުޑަވެގެންދާނެއެވެ. މި ބަދަލާއެކު، ވިޔަފާރި ބަނދަރުގެ މަސައްކަތްތައް އެކި މަރުހަލާތަކަށް ބަހާލައިގެން ތިލަފުއްޓަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
އާ ޕޯޓު ފުލް އޮޕަރޭޝަނަށް ބަދަލުވުމުން، ހުޅުމާލޭގައި މިހާރު ބޭނުންކުރާ ބަނދަރު ޓްރާންސްޝިޕްމެންޓް ބަނދަރަކަށް ބަދަލުކުރުމަށްވެސް ވަނީ ރޭވިފައެވެ. މި ބަދަލުތަކަކީ ރާއްޖޭގެ ވިޔަފާރި އަދި އިޤްތިޞާދަށް އެދެވޭ ކުރިއެރުމެއް ގެނެސްދޭނެ ކަމެއްކަމަށް ބެލެވެއެވެ.
Advertisement
8 މެއި 2025