އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަހަރު ފުރަތަމަ ކުއާޓާގައި ދައުލަތުގެ ޚަރަދު 21 އިންސައްތަ ދަށަށް

މިއަހަރު ފުރަތަމަ ކުއާޓާގައި ދައުލަތުގެ ޚަރަދު 21 އިންސައްތަ ދަށަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 59 ސިކުންތު

ދައުލަތުގެ ޚަރަދުތައް ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށައިފިއެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ދައުލަތުގެ ޖުމްލަ ޚަރަދު 21.3 އިންސައްތަ ދަށްވެފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން މޭ މަހުގެ 1 ވަނަ ދުވަހު ނެރުނު "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓް" ގައިވާ ގޮތުން، މިއަހަރުގެ ފުރަތަމަ 4 މަހުގެ ނިޔަލަށް ދައުލަތަށް 13.5 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު، ދައުލަތުގެ ޚަރަދު ހުރީ 12.0 ބިލިއަން ރުފިޔާގައެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން ބުނާ ގޮތުގައި، ސަރުކާރުގެ ފިސްކަލް ޕޮލިސީ ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތައް ތަންފީޒުކުރަން ފެށުމާ ގުޅިގެން، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 21.3 އިންސައްތަ ދަށްވެފައެވެ.

ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ޕީއެސްއައިޕީ މަޝްރޫޢުތަކަށް އިސްކަންދިނުމުގެ ސިޔާސަތު ތަންފީޒުކުރުމާއެކު، ކެޕިޓަލް ޚަރަދު 75.8 އިންސައްތަ ދަށްވެފައިވެއެވެ. މީގެ އިތުރުން، ދަތުރުފަތުރުގެ ޚަރަދު 21.8 އިންސައްތަ އަދި ހިންގުމުގެ ޚަރަދު 8.6 އިންސައްތަ ދަށްވެފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

އެހެންނަމަވެސް، ޕޭ-ހާމަނައިޒޭޝަންގެ ދަށުން ފުލުހުންނާއި ސިފައިންގެ މުސާރައަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، މުވައްޒަފުންނަށް ކުރާ ޚަރަދު 7.5 އިންސައްތަ އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

އާމްދަނީގެ ގޮތުގައި ލިބުނު 13.5 ބިލިއަން ރުފިޔާގެ ތެރެއިން 78 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިައި ލިބުނު އާމްދަނީއެވެ. ނަމަވެސް، މިދިޔަ އަހަރާ އަޅާބަލާއިރު ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވެފައިވާކަން ފާހަގަކޮށްފައިވެއެވެ. މިއާ ޚިލާފަށް، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުވެފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ޓެކްސް ނޫން އާމްދަނީ 32.3 އިންސައްތަ އިތުރުވެފައިވާއިރު، މީގެ 20.1 އިންސައްތައަކީ ރިސޯޓް ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. މިއަހަރަށް ލަފާކުރި ބަޖެޓުގައި ހިމެނޭ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ 34 އިންސައްތަ މިހާރު ވަނީ ލިބިފައިކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ބުނެފައިވެއެވެ.

މި ރިޕޯޓުން ދައްކާ ގޮތުގައި، ސަރުކާރުން އަޅަމުންދާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ނަމަވެސް، މުވައްޒަފުންގެ މުސާރައަށް އައި ބަދަލުތަކާ ގުޅިގެން ބައެއް ދާއިރާތަކުން ޚަރަދު އިތުރުވެފައިވާކަންވެސް ފާހަގަކުރެވެއެވެ.

މާލީ ވުޒާރާގެ މި ހާމަކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މިއީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކުގެ ކާމިޔާބީގެ ނަތީޖާއެއް ކަމަށެވެ. އެހެންނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މި ހިސާބުތަކަކީ ވަގުތީ ހިސާބުތަކެއް ކަމަށާއި، އަހަރުގެ ފަހު ކުއާޓަރގައި ޚަރަދުތައް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު