އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު
ފަންނިއްޔާތުގެ ގޮތުން ދުނިޔެ ކުރިއަރަމުންދާ މިންވަރަކުން ތަންފީޒީ އިދާރާތަކުން ބޭނުންކުރަންޖެހޭ އުކުޅުތަކަށްވެސް ބޮޑެތި ބަދަލުތަކެއް ދަނީ އަންނަމުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ތަމްރީން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ޒަމާން ބަދަލުވެ، ފަންނިއްޔާތުގެ ގޮތުން ދުނިޔެ ކުރިއަރަމުންދާ މިންވަރަކުން ޤާނޫނު ތަންފީޒްކުރުމުގައި ތަންފީޒީ އިދާރާތަކުން ބޭނުންކުރަންޖެހޭ އުކުޅުތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ.
"ދެމެހެއްޓެނިވި ގޮތެއްގައި އައު މަޢުލޫމާތުތަކަށް މުވައްޒަފުން އަހުލުވެރިނުކޮށް، ތާޒާ ނުކުރެވޭނެމަ، މަސައްކަތުގައި ތިބެވޭނީ ވަރަށް ފަހަތުގައި," ވަޒީރު ވިދާޅުވިއެވެ.
މިކަން ފާހަގަކުރައްވާ ވަޒީރު އިތުރަށް ވިދާޅުވީ ޒަމާނީ ފަހުގެ އުކުޅުތަކަށް އަހުލުވެރިވުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުން ތާޒާކުރުމުގެ ތަމްރީން ޕްރޮގުރާމްތައް ހިންގުން ވަރަށް މުހިންމު ކަމަށެވެ.
"ޢާންމު ރައްޔިތުންނާ ކުރިމަތިލައި ޚިދުމަތްދޭއިރު، ތަމްރީންތަކުގެ ބޭނުން ހިފޭ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑު އެދެނީ ފަންނީ ގޮތުން ބޭނުންވާ ތަމްރީންތައް އަދިވެސް ދީ، ފުރުޞަތުތައް ހޯދާދިނުމަށް." ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ވަޒީރުގެ މި ބަސްފުޅުތަކުން ދޭހަވަނީ، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުންނަށް މުހިންމު ތަމްރީނުތައް ދިނުމަށް ސަރުކާރުން އިސްކަންދޭކަމާއި، އެފަދަ ތަމްރީނުތަކަކީ މުވައްޒަފުންގެ ހުނަރު އިތުރުކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މުހިންމު ވަސީލަތެއްކަމެވެ.
Advertisement
8 މެއި 2025