އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 50 ސިކުންތު
ކައިވެނި ކުރުމުގެ ވާހަކަ ފުރަތަމަ ދެއްކިރޭވެސް އަޅުގަނޑު ބުނީމެވެ. "ފިރިހެނުންނަށް 4 އަނބިން ހުއްދަކަން އެނގެއެވެ. އެކަމަކު އެއީ އަހުރެންގެ ހިތަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ. ކައިވެނިކުރާނީ އިތުރު އަންތބަކު ނުހޯދަން އަހުރެން ކުރާ ޝަރުޠަސް އެއްބަސްވާނެނަމައެވެ."
އޭނާ އެޝަރުޠު ޤަބޫލުކުރިއެވެ. ލިޔުމެއްގައި ސޮއިވެސް ކުރިއެވެ. ނަމަވެސް ޝަރުޠު ދެމިއޮތީ 2 ދަރިން ލިބެންދެންނެވެ. ދެވަނަ ދަރިފުޅު ލިބުނުތަނާހެން އަޅުގަނޑަށް ސިއްރުކުރަން ބޭނުންވާތީ ލަންކާއަށް ގޮސް ދެވަނަ އަނބމީހާއާ ކައިވެނިކޮށްފިއެވެ.
ދިރިއުޅެނީ އަޅުގަނޑުގެ ގޭގައެވެ. އެހެންވީމާ ޝަރުޠު އުވާލީތީ އަޅުގަނޑު ކޯޓަށް ގޮސް ވަރިވެ ޢޭނާ ގެއިން ނެރެލިއްޔާ އަޅުގަނޑު ފާފަވެރިވާނެތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ
ކައިވެނީގެ ޢަގްދު ކުރުމުގެ ކުރިން އޭނާގެ މައްޗަށް އިތުރު ކައިވެންޏެއް ކޮށްގެން ނުވާނެ ކަމަށް އަންހެން ކުއްޖާ ޝަރްޠުކޮށް، އެކަމަށް ފިރިމީހާ އެއްބަސްވެފައިވާނަމަ، އެޝަރްޠު ފުއްދަން ޖެހޭނެއެވެ.
ކައިވެނީގެ ޢަގްދު ކުރުމުގެ ކުރިން އޭނާގެ މައްޗަށް އިތުރު ކައިވެންޏެއް ކޮށްގެން ނުވާނެ ކަމަށް އަންހެން ކުއްޖާ ޝަރްޠުކޮށް، އެކަމަށް ފިރިމީހާ އެއްބަސްވެފައިވާނަމަ، އެޝަރްޠު ފުއްދަން ޖެހޭނެއެވެ. ވަފާތެރިވާން ވާނެއެވެ. އިތުރު ކައިވެންޏެއް ކޮށްފިނަމަ ފަސްޚު ކުރުމަށް އެދުމުގެ ޙައްގު އޭނާ އަށް ލިބިގެންވެއެވެ. އިމާމް ބުޚާރީ އާއި މުސްލިމް ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ.
(أَحَقُّ الشُّرُوطِ أَنْ تُوفُوا بِهِ مَا اسْتَحْلَلْتُمْ بِهِ الْفُرُوجَ)
މާނައަކީ: "ތިޔަބައިމީހުން ވަފާތެރިވުން އެންމެ ޙައްގުކަން ބޮޑު ޝަރަޠުތަކަކީ، އެޝަރްޠުތަކުގެ މައްޗަށް ކައިވެނި ކުރި ޝަރްޠުތަކެވެ."
އަދިވެސް ޙަދީޘް ކުރެއްވިއެވެ. (الْمُسْلِمُونَ عَلَى شُرُوطِهِمْ ، إِلَّا شَرْطًا حَرَّمَ حَلَالًا ، أَوْ أَحَلَّ حَرَامًا)رواه الترمذي (1352) وأبو داود (3594) މާނައަކީ: "ޙަލާލު ކަމެއް ޙަރާމް ކުރުވާ ނުވަތަ ޙަރާމް ކަމެއް ޙަލާލު ކުރުވާ، ޝަރްޠުތައް މެނުވީ، މުސްލިމުންވާނީ އެބައިމީހުންގެ ޝަރްޠުތަކުގެ މަތީގައެވެ."
ތިމާގެ މައްޗަށް އެހެން މީހަކާ ނުއިނުމަށް ކުރެވޭ ޝަރްޠަކީ ޙަލާލު ކަމެއް ޙަރާމް ކުރުވާ ފަދަ ޝަރްޠެއް ނޫނެވެ. އެހެންނަމަވެސް، ފިރިމީހާގެ ބާރު ކުޑަ ކުރުވާ ފަދަ ޝަރްޠެކެވެ. އަދި ކައިވެނި ފަސްޚު ކުރުމުގެ ޙައްގު އަނބިމީހާ އަށް ލިބިދޭ ފަދަ ޝަރްޠަކަށެވެ.
ޞަޙާބީންގެ ޒަމާނުގައިވެސް މިފަދަ ޙާދިޘާ އެއް ވަނީ ހިނގާފައެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "އަންހެނަކު ކައިވެނި ކުރުމުގެ ކުރިން އޭނާގެ މައްޗަށް އިތުރު މީހަކާ ކައިވެނި ނުކުރުމަށް ފިރިމީހާގެ މައްޗަށް ޝަރްޠު ކުރިއެވެ. އަދި އެމައްސަލަ ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހަށް ގެންދެވުމުން ވިދާޅުވިއެވެ. (ޝަރްޠު ކަނޑައެޅި ހިސާބުން ޙައްގު އެއޮތީ ގެއްލިފައެވެ.) އަލްފަތާވާ އަލްކުބްރާ 3/124.
އިބްނު ގުދާމާ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ކުރުގޮތަކަށް ބުނަނީނަމަ ކައިވެނީގެ ޝަރްޠުތައް ތިނެކެވެ. އެއީ:
1. އެޝަރްޠަކަށް ވަފާތެރިވާން ޖެހޭ ޝަރްޠުތައް. އެއީ އޭގައި ފައިދާ އާއި ލާބަ ހުރި ޝަރްޠުތައް. މިޘާލަކަށް: އަންހެނާ ގެއިން ނުވަތަ ރަށުން ނުނެރޭނެ ކަމަށް ޝަރްޠު ކުރުން، ނުވަތަ އޭނާގެ މައްޗަށް ކައިވެނި ނުކުރުމަށް ޝަރްޠު ކުރުން ފަދަ ޝަރްޠެވެ. މިފަދަ ޝަރްޠެއް ކޮށްފައިވާނަމަ އެޝަރްޠަކަށް ވަފާތެރިވާން ޖެހޭނެއެވެ. ނުވެއްޖެނަމަ ކައިވެނި ރޫޅާލުމަށް އެދުމުގެ ބާރު އަނބިމީހާ އަށް ލިބިގެންވެއެވެ. މިފަދައިން ޢުމަރު ބިން އަލްޚއްޠާބު، ސަޢީދު ބިން އަބީ ވައްގާޞް، މުޢާވިޔާ، ޢަމްރު ބިން އަލްޢާޞް ރަޟިޔަﷲ ޢަންހުމް ގެ ކިބައިން ރިވާވެގެން ވެއެވެ. މީގެ އިތުރުން ޝުރައިޚް، ޢުމަރު ބިން ޢަބްދިލް ޢަޒީޒް، ޖާބިރު ބިން ޒައިދު، ޠާވޫސް، އައުޒާޢީ، އިސްޙާގް ގެ ކިބައިން ރިވާވެގެން ވެއެވެ. ނަމަވެސް މިއީ ބާޠިލް ޝަރްޠުތަކެއް ކަމުގައި ޒުހުރީ، ގަތާދާ، ހިޝާމް ބިން ޢުރްވާ، މާލިކް، އައްލައިޘް، އައްޘައުރީ، ލައިޘް، ޝާފިޢީ، އިބްނުލް މުންޛިރު. އަދި އަޞްޙާބުއްރައުޔު ވިދާޅުވެއެވެ. (އަލްމުޣްނީ 9/483.)
އަންހެނާގެ މައްޗަށް އެހެން މީހަކާ ނުއިނުމަށާއި، އެހެން ގެއަކަށް ބަދަލު ނުކުރުމަށާއ، އޭނާގެ މަންމަ ކައިރީ ބަހައްޓާނެ ކަމަށް ޝަރްޠުކޮށް ކައިވެނި ކުރިފިރިހެނަކާއި ބެހޭ ގޮތުން އިބްނު ތައިމިއްޔާ ރަޙިމަހުﷲ އާއި ސުވާލު ކުރެވުނެވެ. މި ޝަރްޠުތަކަށް ވަފާތެރިވާން ޖެހޭނެތޯ އާއި ނުވެއްޖެނަމަ ކައިވެނި ރޫޅާލުމުގެ ބާރު އަނބިމީހާ އަށް ލިބިގެންވޭތޯ ސުވާލު ކުރެވުނެވެ؟
ޖަވާބުގައި ވިދާޅުވިއެވެ. އާއެކެވެ. އިމާމް އަޙްމަދުގެ މަޛްހަބުގައްޔާއި، ގިނަ ޞަޙާބީންނާއި ތާބިޢީންގެ ރައުޔުގައި އެއީ ޞައްޙަ ޝަރްޠެކެވެ. (އަލްފަތާވާ އަލްކުބްރާ 3/90.)
މިފަދަ ޝަރްޠުތައް އިޢްތިބާރީ އެއްޗަކަށްވާނީ ކައިވެނީގެ ޢަގްދު ކުރެވުނު ހިނދުގައި ވެފައިވާނަމައެވެ. އޭގެ ފަހުން ޝަރްޠު ކުރެވިއްޖެނަމަ ބެލެވޭނީ ވަޢްދަކަށެވެ. އެވަޢްދު ނުފުއްދުމަކުން ކައިވެނި ފަސްޚު ކުރުމުގެ ބާރު އަނބިމީހާ އަށް ލިބިގެން ނުވެއެވެ. ނަމަވެސް ވަޢްދު ފުއްދުމަކީ ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ސޫރަތުލް އިސްރާގެ 34 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَأَوْفُوا بِالْعَهْدِ إِنَّ الْعَهْدَ كَانَ مَسْؤُولاً) މާނައަކީ: "އަދި ތިޔަބައިމީހުން، عهدފުއްދާށެވެ! ހަމަކަށަވަރުން، عهدއަކީ (އެއާމެދު) سؤالކުރައްވާނޭ ކަމެއްކަމުގައި ވިއެވެ."واللهأعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
9 މެއި 2025