އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 13 ސިކުންތު
އިންސާނާއަށް އެންމެ ބޮޑަށް ކަންބޮޑުވާ 3 ކަމަކީ ކޮބައިތޯ ސުވާލުކުރެވިއްޖެނަމަ ގިނަ ބައަކު ބުނާނީ އެމީހުން ކުރާ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވުމާއި ކޮންމެވެސް ބައްޔަކަށް ޝިފާ ނުލިބި ލަސްވުމާއި ރިޒްޤް ލިބުން މަދުވުން ފަދަ ކަންކަމުގެ ވާހަކައެވެ. އެހެނީ ކޮންމެ މީހަކަށްވެސް އުފާވެރިކަން ލިބުންވަނީ އެކަންކަން ޙާޞިލުކުރެވުމުންނެވެ.
މިމޭރުމުން ގިނަބައަކު ބުނި ނަމަވެސް މިކަންކަން މެދުވެރިވުމުގައި ތިމާގެ އިހްމާލްވުން ހުރި މިންވަރާއިމެދު ވިސްނައިލަނީ މަދު މީހެކެވެ.
ތިބާއަށް ދުޅަހެޔޮ ޞިއްޙަތެއް ލިބިފައިވަނީ ކީއްވެގެންތޯ ސުވާލުކޮށްފިނަމަ ތިބާ ބުނާނީ ޞިއްޙަތަށް ފައިދާހުރިތަކެތި ކައި ކަސްރަތުކޮށްހަދާތީކަމަށެވެ. އެއީ ހަމަ ރަނގަޅު ޖަވާބުކަމަށް ނިންމުމުގެކުރިން ވިސްނައިލަމާ ހިނގާށެވެ! އެއީ އެކަމުގެ ސަބަބުކަމުގައިވާނަމަ ޞިއްޙަތަށް ފައިދާހުރިތަކެތި ކައި ކަސްރަތުކުރަނިކޮށް ބަލިވަނީ ކީއްވެގެން ހެއްޔެވެ؟ އެއީ ސަބަބު ކަމުގައިވާނަމަ އެސަބަބުތަކަށް ތިމާގެ ޞިއްޙަތު ދިފާޢުނުކުރެވެނީ ކީއްވެގެންހެއްޔެވެ؟
ބައެއް މީހުންނަށް އުޅެނީ އެމީހުން ތަޤްވާވެރިވާން މަސައްކަތްކުރިނަމަވެސް އެކަން ނުކުރެވިގެންނެވެ. ގިނައިން އަޅުކަންކުރަން ބޭނުންވި ނަމަވެސް އެކަންވެސް ނުކުރެވިގެންނެވެ. އޭނާއަށް އެ ޙާލަތު މެދުވެރިވާ ސަބަބުވެސް ގާތީ ހަމަ ކައިބޮއިހެދޭތަކެއްޗާއި ގުޅިފައިވުމެވެ. އަދި ކީއްހެއްޔެވެ؟ މީހަކަށް ފާފަކުރެވޭ ނަމަ އެކަންވެސް އެމީހަކަށް ކައިބޮއިހެދޭތަކެއްޗާއި ވަނީ ގުޅިފައެވެ.
ގިނަ ބައަކު އެމީހުން ކުރާ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވެގެން ތެޅިފޮޅެނީއެވެ. ކޮންމެވެސް ބައްޔަކަށް ޝިފާ ނުލިބި ލަސްވާތީ ކަންބޮޑުވަނީއެވެ. ރިޒްޤް ލިބުން މަދުވެގެން ކަންބޮޑުވަނީއެވެ.
ހަނދާނަށް ގެންނާށެވެ! ދެއަތް އުފުލާލައިގެން ދުޢާކުރަން އިން މީހަކަށް ރަސޫލް ﷺ މިމޭރުމުން ޙަދީޘްކުރެއްވެވިހިނދެވެ. "(އޭނާގެ ބަނޑުގައިވަނީ ޙަރާމްތަކެއްޗެވެ.) ކަނީ ޙަރާމްތަކެއްޗެވެ. ބޮނު ޙަރާމްތަކެއްޗެވެ! ލާފޭރާން ޙަރާމެވެ! ދެން އޭނާގެ ދުޢާ ޢިޖާބަކުރައްވަވާނީ ކޮންފަދައަކުން ހެއްޔެވެ؟"
މިހެން މިޙަދީޘްފުޅު ކުރެއްވެވީ އޭނާ ބަނގުރާ ބޮއިފައި އޫރުމަސްކައި އަދި ސިލްކްފޭރާންލާތީކަމަށްނުވެދާނެއެވެ. ކައިބޮއިހަދާތަކެތި ހޯދަނީ ޙަލާލް ނޫން ގޮތުގައި ހޯދާ ފައިސާއިން ނުވަތަ ޙަލާލް ނޫން ގޮތްގޮތަށް ކަމުގައިވާނަމަ އެއީ އެމީހަކަށް ޙަރާމް ތަކެއްޗެވެ.
އެހެންވެ ބައެއް ޢިލްމްވެރިން ވިދާޅުވެއެވެ. "ޙަލާލް ފައިސާއަށް ޙަރާމް އެއްޗެއް ގަނެގެން ކެއުމުގެ ފާފައަށްވުރެ، ޙަރާމް ފައިސާއަށް ޙަލާލް އެއްޗެއް ގަނެގެން ކެއުމުގެ ފާފަ މާބޮޑެވެ!" އެހެން އެވިދާޅުވަނީ ޙަރާމް ފައިސާ ލިބުމުގައި އެހެން ބައެއްގެ ނުވަތަ އެހެން މީހެއްގެ ޙައްޤުތައް ހިމެނިގެންދާތީއެވެ.
އަދިވެސް ވިސްނައިލަންޖެހޭ ވަރަށް ބޮޑުކަމެއް އެބައޮތެވެ. މުސްލިމުންނަށް ހަލާލު ޖަނަވާރުގެ މަސްވެސް (ކުކުޅު، ގެރި، ފަދަ) ކެއުން ހުއްދަވެގެންވަނީ ﷲ ތަޢާލާގެ ނަންފުޅުގައި ޤުރްބާންކުރެވުމުންނެވެ. އެކަމަށްނުބަލައި ފެންނަހާ އެއްޗެއް ކެއުން ހުއްދަވެގެނެއް ނުވެއެވެ. ޙަލާލް ލިޔެފައި އޮތްނަމަވެސް އެއީ ކިހަވަރެއްގެ އިތުބާރުކުރެވޭ "ޙަލާލެއް" ކަން ބަލަންވާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
9 މެއި 2025