އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 29 ސިކުންތު
ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ އަޅެކެވެ. ދަރަޖަ މަތިވެރިކުރަން ކުރަންޖެހޭ ކަމަކީ ތަޤްވާވެރިކަން އިތުރުކުރުމެވެ. ތަޤްވާވެރިކަމުގެ ތެރޭގައި އެމީހަކު އަދާކުރަން ޙަވާލުވާ މަސްއޫލިއްޔަތު ފުރިހަމަގޮތުގައި ވީހާރަނގަޅަކަށް އަދާކުރުންވެސް ހިމެނެއެވެ.
ކައިވެނިކުރުމާއިއެކު އިސްމީހަކަށް ވެވެއެވެ. ނަމަވެސް ޝަރުޠުތަކަކާއިއެކުގައެވެ. އެޝަރުޠުތަކާއިއެކު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކެއްވެސް އޮވެއެވެ. ޢާއިލާގެ ވެރިމީހާ ކަމަށްވުމުން ފަޚުރުވެރިވާއިރު ލިބޭ ވެރިކަމާއިއެކު ބޮލުގައި އެޅޭ ޒިންމާ އަދާކުރަން އޮތް ގޮތަށް އަދާކުރަން ސަމާލުކަން އެބަ ދެވޭ ހެއްޔެވެ؟ އަހުރެންނަށް ބުނަންޖެހެނީ އެކަން ކުރެވެނީ ވަރަށް މަދު މީހަކަށް ކަމަށެވެ. މިހެން މިބުނީ ޒިންމާތައް އަދާނުކުރާތީ ކޮންމެ ދުވަހަކު ލިބޭ ޝަކުވާތައް ގިނަކަމުންނެވެ.
"އެންމެ ރަނގަޅު މީހާއަކީ އެމީހާގެ ޢާއިލާއަށް އެންމެ ރަނގަޅު މީހާ" ކަމަށް އޮތް ޙަދީޘްފުޅުގެ މާނައަށް ބަލައިފިނަމަ ފުރަތަމަ އޮތީ އަނބިމީހާއަށް ހެޔޮވުމެވެ. ޢާއިލާގެ އެހެން މީހުންނަށް ހެޔޮވުން އޮތީ އެއިގެ ފަހަތުންނެވެ.
އެއީ ކީއްވެގެން ހެއްޔެވެ؟ ރަނގަޅު ފިރިއަކު ނަމަ މަސައްކަތް ނިމުމުން އަވަހަށް ގެއަށް ދާނެއެވެ. ވަގުތުހޭދަކުރާނީ ޢާއިލާ އާއިއެކުގައެވެ. އެއިގެ މާނައަކީ މަސައްކަތުގައި ހޭދަކުރާ 7 ގަޑިއިރަށްފަހު ދެން އޮތް ވަގުތުތައް ޢާއިލާ އާއިއެކު ހޭދަކުރުމެވެ. ވީމާ 24 ގަޑިއިރުން 7 ގަނޑިއިރު ކަނޑައި ދެން އޮތް 17 ގަޑިއިރު އެމީހާ ހޭދަކުރާނީ ޢާއިލާ އާއިއެކުގައެވެ.
ވީމާ ތިބާގެ އަޚްލާޤާއިމެދު ޤިޔާމަތްދުވަހު ﷲ ތަޢާލާ ސުވާލުކުރައްވަވާހިނދު އެންމެ ފުރިހަމަ ގޮތުގައި ހެކިބަސް ދެވޭނީ އަނބިމީހާއަށާއި ޢާއިލާގެ މީހުންނަށެވެ. ތިބާ އެމީހުންގެ ޙައްޤުތައް އަދާނުކޮށް، އެމީހުންގެ ހިތުގައި ޖައްސާފައިވާނަމަ ހެކިބަސް އަންނާނެ ގޮތާއިމެދު ވިސްނާށެވެ!
މިކަންކަމަށް ވިސްނައި ނިކަން ބުނެބަލާށެވެ! ތިމާގެ އަނބިދަރިންނަށް، ޢާއިލާގެ މީހުންނަށް ދުލުން ބުނާ ބަސްތަކާއި އަތުންކުރާ ޢަމަލުތައް އޯގާތެރި، ހެޔޮ ބަސްތަކަށް، ހެޔޮ ޢަމަލުތަކަށް ނުހަދައި ޤިޔާމަތް ދުވަހު ތިބާއަށް އޮތީ ކޮން ޙާލަތެއް ހެއްޔެވެ؟
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
10 މެއި 2025