އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު
ރާއްޖެ ޑިޖިޓަލައިޒްކުރުމުގެ މަޝްރޫޢު "މޯލްޑިވްސް 2.0" އަކީ ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް އަދި ދައުލަތުގެ ތިން ބާރުގެ ފުރިހަމަ ބައިވެރިވުން ހިމެނޭ މަޝްރޫޢެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
"މޯލްޑިވްސް 2.0" ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެއްކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، "މޯލްޑިވްސް 2.0" އާއެކު ފެށިގެންދަނީ ރާއްޖެ އިންޤިލާބީގޮތުން ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްކަމަށެވެ. މި މަޝްރޫޢަކީ ރައީސް ޑރ. މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ ދަށުން، މި ދާއިރާއިން ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގެ ފަންނީ ލަފަޔާއި ރާއްޖޭގެ ފުންނާބު އުސް މާހިރުންގެ ޚިޔާލާ މަޝްވަރާއާއެކު އެކުލަވާލެވުނު މަޝްރޫޢެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ރައީސް ޑރ. މުޢިއްޒުގެ ޑިޖިޓަލައިޒްކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ފެށިގެންދާނެ" ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މުޅި މަސައްކަތް ކުރިއަށްގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޗެއަރކުރައްވާ، މި ދާއިރާގެ އެކްސްޕާޓުން ހިމެނޭ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލުގެ ބެއްލެވުމުގެ ދަށުންކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ހިންގޭ އެންމެހާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން އަދި އެމަނިކުފާނު ޗެއަރކުރައްވާ ޚާއްސަ ކައުންސިލުގެ ބެއްލެވުމުގެ ދަށުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
Advertisement
10 މެއި 2025