އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު
ފުރަތަމަ ބަަލައިލަންވީ އަނބިމީހާގެ ވަޒީފާއަކަށް ވާންޖެހޭނެ ކަންތަކަށެވެ. އަނބިމީހާގެ ވަޒީފާއަކަށް ވާންޖެހޭނީ ފިރިމީހާއަށް ޚިދުމަތްކުރުމާއި ގޭގެ ކަންކަން ބެލެހެއްޓުމާއި އަދި ދަރިން ލިބުމުން އެދަރިންގެ ކަންކަން ބެލެހެއްޓުމެވެ. އެހެން ނަމަވެސް މިހާރުގެ ގިނަ ދެމަފިރިންނަށް ބަލައިފިނަމަ ދެމަފިރިންވެސް ވަޒީފާއަދާކުރެއެވެ. ވީމާ އަނބިމީހާލައްވައި އެކުރުވެނީ އިތުރު މަސައްކަތެކެވެ.
ތަނެއްގައި ވަޒީފާއަދާކުރާނަމަ ގިނަ ވަޤުތުތަކެއްގައި މަސައްކަތްކުރަން ޖެހެއެވެ. މަސައްކަތުން އެނބުރި ގެއަށް އަންނާނީ ވަރުބަލިވެގެނހް ހުރެއެވެ. ވީމާ ގެއަށް އައިސް ގޭގެ މަސައްކަތަށް ފަށައިގަތުމަކީ ލައިގެން ހުންނަ ހެދުން ބަދަލުކޮށްލާހައި ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ.
ވީމާ އަނބިންނާއިމެދު ޤަބޫލުކުރަންޖެހޭ 2 ކަމެއް އެބަ އޮތެވެ. ފުރަތަމަ ކަމަކީ އަނބިމީހާ ލައްވައި ވަޒީފާއަދާކުރުވާނަމަ ފިރިމީހާއަށާއި ގޭގެ ކަންކަން އަދި ދަރިން ބެލުމުގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ނުކުރެވޭނެކަމެވެ. ދެވަނަ ކަމަކީ އަނބިމީހާ ވަޒީފާއަދާނުކޮށް ގޭގައި ހުންނަމަ އޭނާއަށް ފައިސާ ލިބޭނެ އިތުރު ގޮތެއް ނުއޮންނާނެ ކަމާއި އޭނާއަށް ބޭނުންވާ ކަންކަން ވެވުނު އެންމެ ރަނގަޅަކަށް ކޮށްދޭންޖެހޭނެ ކަމެވެ.
ހަމައެއާއިއެކު މޮޅަށް ކިޔެވިފައި ނެތަސް ވިސްނުން ތޫނު އަންތބަކާއިއެކު ދިރިއުޅޭނަމަ ޤަބޫލުކުރަންޖެހޭނެ ކަމެއް އެބައޮތެވެ. އެއީ އޭނާގެ ބުއްދިން ވިސްނާ ކަންކަމަށް ތިމާވެސް ސަމާލުކަންދޭންޖެހޭނެކަމެވެ. އޭނާ ހުށަހަޅާ ރަނގަޅު ކަންކަން ޤަބޫލުކޮށް ޢަމަލުކުރަން ޖެހޭނެ ކަމެވެ. އެކަންކަން ފިރިމީހާއަށް ޤަބޫލުނުކުރެވޭނަމަ އުފަލުގައި ދިރިއުޅެވުމަކީ ވަރަށް ދުރުގައި އޮތްކަމެކެވެ.
ކޮންމެ ގޮތެއް ވިޔަސް ދިރިއުޅުން ކާމިޔާބުކުރެވޭނީ ދެމީހުންގެ މެދުގައި ކަންކަމަށް މަޝްވަރާކޮށްގެން ކަންކަން ކުރަން އުޅުމުންނެވެ. ކަމެއް ކުރަންވުމުން ބަލަންވީ އެކަމަކުން އެންމެ ބޮޑަށް ފައިދާކުރާނީ ކޮން ގޮތަކަށް އެކަމެއް ކުރުމުން ކަމެވެ. އެގޮތް ހުށަހެޅީ ކާކުކަން ބެލުމެއް ނެތެވެ. އަނބިމީހާ ހުށަހެޅި ނަމަވެސް އެކަން ޤަބޫލުކުރާށެވެ! ފައިދާކުރާނީ އެއިރުންނެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން-
Advertisement
13 މެއި 2025