އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު
ފުރަތަމަ ކަމަކީ ރުޅިއައިސް ހުތުރުބަސްތައް ބުނެ އެއްޗެތި ގޮވާނަމަ އެމީހަކު އެހުރީ ޝައިޠޯނާގެ އަޅުވެތިކަމުގައެވެ. އެޙާލަތުގައި އެމީހަކަށް ވިސްނައިދިނުމަކީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. ގިނަ މާހިރުންގެ ބަހަކީ އެއީ ކުރެވޭނެ ކަމެއް ނޫންކަމެވެ.
ހަމަ އެއާއިއެކު ގިނަ ޢިލްމްވެރިން ވިދާޅުވަނީ ރުޅި އައިސްގެން އެއްޗެތިގޮވަމުންދާ ވަޤުތު ޙަޤީޤަތް ހާމަކުރަން ނަމަވެސް ބަސްބުނުމަކީ ރޯވެފައިވާ ހުޅުގަނޑު އިތުރަށް ބޮޑުކުރަން ޕެތްރޯލް އުކުން ފަދަ ކަމެއް ކަމަށެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އަރާނެ ހިސާބަކަށް އަރާފައި ފައިބަންދެން މަޑުކޮސްލުން ކަމަށެވެ.
މިކަމަށް ދަލީލުލިބިގެންދާ ޙަދީޘްފުޅެއްވެސް އޮވެއެވެ. އެޙަދީޘްފުޅުގައި އޮންނަނީ ތިބާހުރީ ޙައްޤުގައި ނަމަވެސް ރައްދުނުދީ ޒުވާބުކުރުން ހުއްޓާލާއިފިނަމަ އެމީހަކަށް ސުވަރުގެއިން ގަނޑުވަރެއް ދެއްވަވާނެ ކަމަށެވެ. ވީމާ ތިބާ ކުށެއް ނުކުރިނަމަވެސް ބަސްމަދުކޮށް ހިމޭނުން ހުރުމުގެ ފައިދާ މާބޮޑު ނޫންހެއްޔެވެ؟
ހަމަ އެއާއިއެކު މާހިރުން ވިދާޅުވާ ބަސްފުޅެއް އޮވެއެވެ. އެއީ ރުޅިއަތުވެއްޖެނަމަ ރުޅިމައިތިރިވަންދެން ހަނުހުންނާށެވެ! ރުޅީގައި ބުނެވޭ ބަސްތަކަކީ އަނެކާއަށް އަމާޒުކޮށް ފޮނުވައިލެވޭ ތީރުތަކެއް ނުވަތަ ބަޑީގެ ވަޒަން ފަދަ އެއްޗެކެވެ. ފޮނުވައިލެވުމާއިއެކު ތިބާގެ ބާރުކަނޑިގެންދާނެއެވެ.
ޙަދީޘްފުޅުގައި އޮތީ އެންމެ ބާރުގަދަ މީހާއަކީ އަތުގެ ބާރު އެންމެ ގަދަ މީހާ ނޫންކަމަށާއި ރުޅިއަންނަހިނދު ރުޅި ކޮންޓްރޯލްކުރެވޭ މީހާ ކަމަށެވެ. މިޙަދީޘްފުޅުގައިވާ ފަދައިން ރުޅި ކޮންޓްރޯލްކުރެވުމަކީ ރުޅިއައިސްގެން ހުރެ ބަސްތައް ނުބުނެވެ. އަތްފައި ކޮންޓްރޯލް ކުރެވުމެވެ.
މިނަޞޭޙަތް ޤަބޫލުކޮށް ރުޅި މަތަކުރަން މަސައްކަތްކުރާ މީހަކަށް ކުރާނެ ފައިދާތައް މާބޮޑުވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
13 މެއި 2025