އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު
މިފަދަ ވާހަކަތައް ދައްކާ ކޮންމެ ތަނެއްގައިވެސް އަހުރެން އެންމެ ފުރަތަމަ ކަމަކަށްވެސް ނަޞީޙަތްތެރިވަނީ ލޯބިވެރިޔާ ދައްކާ ވާހަކަތަކަށް ބުރަވުމުގެ ބަދަލުގައި އޭނާގެ ޢަމަލުތަކުން ފެންނަ ގޮތަށް ބުރަވުމަށެވެ. ސަބަބަކީ އަނެކާ ދެނެގަންނަން ޖެހޭނީ ދައްކާ ވާހަތަކުން ނޫނެވެ. އެވާހަކަތަކަކީ ޙަޤީޤަތްކަން ދަސްކުރަންޖެހޭނީ އޭނާގެ ޢަމަލުތަކުންނެވެ.
މިޘާލަކަށް ވަރަށް ބޮޑަށް އަޅައިލާނެ ކަމަށްބުނެފާނެއެވެ. އެކަމަކު ބަލިވެގެން އެކަން އެންގީމާ ޙާލުބަލަން ގުޅަނީ ޑޮކްޓަރަށް ދައްކައި ބޭސްނަގައިފާނެކަން ޔަޤީންވާހާއިރު ފަހުން ކަމަށްވާނަމަ އެއޮތީ އަޅައިނުލެވިފައެވެ.
ލޯބިވެރިޔާކަމަށްވުމަކީ ގެންގޮސް ޑޮކްޓަރަށް ދައްކައިދީ އަދި ބޭސްނަގައިދޭން ޖެހޭ ސަބަބެއް ނޫނެވެ. ނަމަވެސް ބަލިވެއްޖެކަން އެނގޭނަމަ ޑޮކްޓަރަށް ދައްކައި ބޭސްނަގައިފިކަން ބަލަންޖެހޭނެއެވެ. އެކަން ކުރިއަށްދާ ގޮތްވެސް ބަލަންޖެހޭނެއެވެ. އެކަން ކުރިއަށްދާކަން ޔަޤީންކުރަންވެސް ޖެހޭނެއެވެ. ތެދުވެރި ލޯބިވެރިއަކު ނަމަ އެކަންކަން މިބުނި މަގުން ބަލާނެއެވެ.
ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް މިފަދަ ކަންކަމަށް ނުބަލައި ކައިވެނިނުކުރާށެވެ! ދުލުން ބުނާ ބަސްތައް ގިންފަހަރު ވެފައި އޮންނާނީ ދައްކާ ހުވަފެނަށެވެ. ކިތަންމެ ކުލަތައް ރީތި ކިތްނމެ އުފާވެރި ހުވަފެނެއް ފެނުނަސް އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. މިޘާލަކަށް ހުވަފެނުގައި ތިބާއަށް 1 މިލިއަން ޑޮލަރާއި ލަގްޒަރީ އެޕާޓްމަންޓެއް ލިބިދާނެއެވެ. އެއެޕާޓްމަންޓްގައި ވަރަށް އުފަލުގައި އުޅެވޭތަންވެސް ފެނިދާނެއެވެ.
އެކަމަކު ނިދީން ހޭލެވުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ވޮލެޓަށް އެންމެ ޑޮލަރެއްވެސް އިތުރެއް ނުވާނެއެވެ. ދިރިއުޅެން ޖެހޭނީވެސް މިހާރުވެސް ދިރިއުޅޭ ތަނުގައެވެ. ވީމާ ހުވަފެން ފެނުނުކަމުން ތިބާގެ ޙަޤީޤީ ދިރިއުޅުމަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ މިދެއްކި ވާހަކަކޮޅަށް ވިސްނައި ސަމާލުކަންދީފިނަމަ އެމީހަކަށް އުފާވެރި ދިރިއުޅުމެއް ލިބޭނެއެވެ. އިން ޝާ ﷲ
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން
Advertisement
13 މެއި 2025