އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު
އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ 'ބެޑްރިޑަން ޕްރޮގްރާމް' ގެ ދަށުން އިސްރަށްވެހިންނާއި ގާލް ގައިޑް ކުދިންނާއެކު އިސްރަށްވެހިންގެ ތެރެއިން ދާންމަތިވެފައި ތިބޭ މީހުންގެ ގާތަށް ޒިޔާރަތްކުރަން ފަށައިފިއެވެ.
މި ޕްރޮގްރާމަކީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ދާންމަތިވެފައިވާ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަމާއި އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ.
އާ ބަދަލުތަކާއެކު އިއްޔެ ފަށައިގަތް 'ބެޑްރިޑަން ޕްރޮގްރާމް' ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ އިސްރަށްވެހިންގެ ނާދީގައި ރަޖިސްޓްރީކުރެވިފައިވާ މެންބަރުންގެ ތެރެއިން ވޮލަންޓިއަރކޮށް ގެތަކަށް ޒިޔާރަތްކުރަން ބޭނުންވާ މީހުންނަށް ފުރުޞަތު ހުޅުވާލައިގެންނެވެ. އެގޮތުން، އެ މީހުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސް، ގެތަކަށް ޒިޔާރަތްކުރާއިރު މުޢާމަލާތުކުރަންވީ ގޮތުގެ ފުރިހަމަ ތަމްރީނު ވަނީ ދެވިފައެވެ. އަދި އެމީހުންނާއެކު ގާލް ގައިޑްގެ ކުދިންވެސް ބައިވެރިވާނެއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ތެރެއިން މަހަކު އެއްފަހަރު ވޮލެންޓިއާރ ޓީމުތަކުން ގެތަކަށް ޒިޔާރަތްކޮށް ދާންމަތިވެފައި ތިބޭ އިސްރަށްވެހިންނާއި ޢާއިލާތަކުގެ ޙާލު ބަލާގޮތަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު، އެ މީހުންނާއެކު ހިތްހަމަޖައްސާލުމަށް ކުރެވިދާނެ ތަފާތު ކަންކަމާ ގުޅޭ މަޝްވަރާތައްކޮށް، އެ ވަސީލަތްތައް ޒިޔާރަތްތަކުގެ ތެރެއިން ފަހިކޮށްދޭނެއެވެ.
އިސްރަށްވެހިންނާއި ގާލް ގައިޑް ކުދިންނާއެކު މިނިސްޓްރީއިން މިފަދަ ޕްރޮގްރާމެއެއް ފަށައިގަތުމުގެ މައިގަނޑު މަޤްޞަދަކީ ދާންމަތިވެފައިވާ އިސްރަށްވެހިންނާއި، އެ ފަރާތްތައް ބަލަހައްޓާ ފަރާތްތަކަށް ޒިޔާރަތްކޮށް ޙާލު ބަލައި އެ ޢާއިލާ ތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމެވެ. މިކަމުގެ ސަބަބުން، މުޖުތަމަޢުގައި އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިކަމާއެކު އަޅާލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސަޤާފަތް ދިރުވުމާއި، އެހީތެރިކަން ފޯރުކޮށްދޭ މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.
ހަމައެއާއެކު، ޒުވާނުންނާއި އިސްރަށްވެހިން ޝާމިލުވެގެން މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ޒުވާނުން އިޖުތިމާޢީ ކަންކަމުގައި ޝާމިލުކުރުން އިތުރުކުރުމާއި، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ހުރި އޯގާތެރިކަމާއި އަޅާލުމުގެ މަތިވެރި ސިފަތައް އެއްޖީލުން އަނެއް ޖީލަށް ދަސްކޮށްދިނުމާއި އަށަގެންނެވުމެވެ. އަދި މިއީ ޖީލުތަކުގެ މެދުގައި އޮންނަ ހުސްކަން ކުޑަކޮށް ޒުވާނުންނާއި އިސްރަށްވެހިންގެ އިޖުތިމާޢީ ގުޅުން ބަދަހިކޮށްދޭނެ ހަރަކާތްތަކެކެވެ.
އިސްރަށްވެހިންގެ ތެރެއިން އެކި ސަބަބުތަކާހުރެ ދާންމަތިވެފައިވާ ފަރާތްތަކަކީވެސް ޝާމިލުވާ، އަބުރުވެރިކަމާއެކު އުޅޭ ބަޔަކަށް ހެދުމަށް މަގުފަހިކޮށްދިނުމަކީ އޯގާތެރި މުޖުތަމަޢެއްގެ މުހިންމު ސިފައެކެވެ.
ހަބަރު: ސަރުކާރު
Advertisement
14 މެއި 2025