އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 55 ސިކުންތު
ޢާއިޝަތު ރަފާޙް ޢަލީ
މުދަލާއި ފައިސާއަށް ލޯބިކުރުމަކީ އިންސާނުންގެ ޠަބީޢަތުގައި އެކުލެވިގެންވާ ކަމެކެވެ. އަދި މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުތަކުންގެ ކިބައިގައި ލައްވާފައިވާ ސިފައެކެވެ. ނަމަވެސް، މުދަލާއި ފައިސާ ހޯދުމުގައި ހަލާލު މަގުތައް އިޚްތިޔާރުކޮށް، އެ ތަކެތި ހެޔޮގޮތުގައި ހޭދަކޮށް، އަދި ޒަކާތް ފަދަ ވާޖިބު ޙައްޤުތައް އަދާކުރުމަކީ އިސްލާމްދީނުގައި ވަރަށް މުހިއްމު ކަމެކެވެ.
މުދަލާއި ފައިސާ އިތުރުކުރުމުގެ އެއް ވަސީލަތެއްގެ ގޮތުގައި ރަސޫލު ﷺ އަޅުގަނޑުމެންނަށް އުނގަންނައިދެއްވާފައިވަނީ ދުވަސް އަވަހަށް ފެށުމެވެ. މިކަން ސާބިތުވަނީ ޞަޙާބީ ޞަޚްރު އަލްޣާމިދީ ރިވާކުރައްވާފައިވާ ޙަދީޘަކުންނެވެ. އެ ޙަދީޘްގައި ރަސޫލު ﷺ ދުޢާކުރައްވާފައިވެއެވެ:
"اللهمَّ بارِكْ لأُمَّتِي في بُكورِها"
މާނައީ: "އޭ ﷲ އެވެ! އަޅުގަނޑުގެ އުއްމަތުގެ ތެރެއިން އެމީހުންގެ ދުވަސް އަވަހަށް ފަށާ މީހުންނަށް ބަރަކާތްލައްވާނދޭވެ!"
މި ދުޢާގައި ބަޔާންކުރެވިފައިވާ ބަރަކާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްޗެއްގެ ނުވަތަ މީހެއްގެ ކިބައިގައި ނުފެންނަ ގޮތްގޮތުން އޭގެ މިންވަރާއި ފެންވަރު އިތުރުކޮށްދެއްވާ އިލާހީ ދަރުމައެކެވެ. މި ބަރަކާތް ލިބިދާނެ ދާއިރާތަކުގެ ތެރޭގައި މުދަލާއި ފައިސާ، ޢިލްމު، ވަގުތު، އަދި އެހެނިހެން ކަންކަން ހިމެނެއެވެ.
އަބޫ ޛައްރު ވިދާޅުވެއެވެ:
"ތިބާގެ ދުވަހަކީ ތިބާގެ ޖަމަލެއް ފަދައެވެ. ތިބާ އޭގެ ފެށުން ހިފަހައްޓައިފިނަމަ، އޭގެ ބާކީ ބައި ތިބާއާ އެކުގައި ވާނެއެވެ."
އަދި ތިބާ ދުވަސް ފެށުމުގެ ވާހަކަ މީހަކާ ސުވާލުކޮށްބަލާށެވެ. މިސާލަކަށް މީހަކު އޭނާގެ ދުވަސް އަވަހަށް ފަށައިފިނަމަ، ހެނދުނު 9:00 އަށް އޭނާ ވަރަށް ގިނަ ކަންތައްތަކެއް ހާސިލުކޮށްފައިވާކަން ތިބާއަށް ފެންނާނެއެވެ. އެހެންނަމަވެސް ހެނދުނު 10:00 ނުވަތަ 11:00 އަށް ދުވަސް ފަށާ މީހަކަށް، އެއް މަސައްކަތެއް ނިންމުމަށް 2 ގަޑިއިރު ނަގާއިރު، އަނެއް މީހާއަށް އެ މަސައްކަތުގެ ދެބައިކުޅަ އެއްބައި ނިންމުމަށް 6 ނުވަތަ 7 ގަޑިއިރު ނަގައެވެ.
ދުވަސް އަވަހަށް ފެށުމުގެ މުހިންމުކަން ދުނިޔަވީ ގޮތުންވެސް ސާބިތުވެފައިވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ދުވަސް އަވަހަށް ފެށުމުން އުފެއްދުންތެރިކަން އިތުރުވެ، ސިކުނޑި ރަނގަޅުވެ، އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެއެވެ. އަދި ގިނަ ކާމިޔާބު މީހުންގެ އާންމު ސިފައެއްގެ ގޮތުގައި ދުވަސް އަވަހަށް ފެށުން ފާހަގަކުރެވެއެވެ.އިސްލާމީ ނަޒަރަކުން ބަލާއިރު، ދުވަސް އަވަހަށް ފެށުމުގެ އެންމެ މާތް ގޮތަކީ ފަތިސް ނަމާދު ޖަމާޢަތުގައި އަދާކުރުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ޤުރުއާނުގައި އިސްރާ ސޫރަތުގެ 78 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ: إِنَّ قُرْءَانَ ٱلْفَجْرِ كَانَ مَشْهُودًا ﴿٧٨﴾
މާނައީ: ހަމަކަށަވަރުން، ފަތިސްނަމާދަކީ، (ރޭގަނޑުގެ ملائكة ންނާއި ދުވާލުގެ ملائكة ންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއް ކަމުގައިވިއެވެ. (78)
މިކަމުންވެސް ޖަމާޢަތުގައި ފަތިސް ނަމާދު އަދާކުރުމުގެ މުހިންމުކަން އިތުރަށް ހާމަވެގެންދެއެވެ.
ނިންމާލުމުގެ ގޮތުން ދަންނަވާނީ، ދުވަސް އަވަހަށް ފެށުމަކީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއަށް މަގުފަހިކޮށްދޭ ވަސީލަތެކެވެ. މި އާދަ އަށަގެންނެވުމަށްޓަކައި އަޅުގަނޑުމެން އެންމެން މަސައްކަތްކުރަންޖެހެއެވެ. ޚާއްޞަކޮށް ފަތިސް ނަމާދު ޖަމާޢަތުގައި އަދާކުރުމަށް އިސްކަންދީ، އޭގެ ފަހުން ދުވަހުގެ މަސައްކަތްތައް ފެށުމަކީ އަޅުގަނޑުމެންގެ ދުނިޔެއާއި އާޚިރަތުގެ ކަންކަމަށް ބަރަކާތް ލިބުމުގެ ސަބަބަކަށް ވެގެންދާނެއެވެ.
މި މަތިވެރި އުޞޫލު އަޅުގަނޑުމެންގެ ދިރިއުޅުމުގައި ތަޠްބީޤުކުރުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. އަދި މިކަމުގައި އެކަކު އަނެކަކަށް ނަސޭހަތްތެރިވެ، އެހީތެރިވުމަކީވެސް މުހިންމު ކަމެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް މި ހެޔޮ އާދަ އަށަގެންނެވުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން.
Advertisement
15 މެއި 2025