އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 38 ސިކުންތު
ޝައިޠޯނާ އުޑުތަކުން ބޭރުކޮށްލެވުނީ އާދަމްގެފާނުގެ ދެކަނބަލުން ދުނިޔެއަށް ފޮނުއްވެވުމުގެ ކުރިންނެވެ. ވީމާ މިބިންމަތީގައި އިންށާނުންނަށްވުރެ ކުރިން އުޅެން ފެށީ ޝައިޠޯނާއެވެ. އަދި ދުނިޔޭގައި އިންސާނުން އުޅޭހައި ދުވަހަކު ޝައިޠޯނާވެސް އުޅޭނެއެވެ. އޭތީގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
ވީމާ ކޮންމެ މުސްލިމަކުވެސް ވިސްނައިލުން މުހިންމު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
ދުނިޔޭގައި ފައިސާވެރިންނާއި ސިޔާސީވެރިން އުޅޭނީ އެތެރެއިން ޖެކެޓް ލައްވައި ވަޒަނެއް ޖެހިނަމަވެސް އޭނާގެ ހަށިގަނޑަށް ނުވަންނާނެކަން ޔަޤީންކޮށްގެންނެވެ. އަދި ބޮޑީ ގާޑުންވެސް ބައިތިއްބައިގެނެވެ. ސުވާލަކީ ތިބާއަށް އެންމެ ބޮޑުވެގެންދާނީ ޝައިޠޯނާ ދޭ ހަމަލާގެ ނުރައްކައުތެރިކަން ކަމުގައިވާއިރުވެސް ތިމާއަށް ޝައިޠޯނާ ދީފާނެ ހަމަލާއަށް ވިސްނައި ރައްކައުތެރިވާން ކުރަނީ ކޮން ކަމެއްހެއްޔެވެ؟
ޝައިޠޯނާއަށް ތިބާ އާއި ކައިރި ނުވެވޭނެ ގޮތް ހަދަން އެދޭމީހާ ފުރަތަމަކަމަކަށް ޛިކުރުކުރުން ގިނަކުރާށެވެ! ޛިކްރުކުރުންމަތީގައި ތިބޭ މީހުންނާއި ކައިރިވުމަކީ ޝައިޠާނާއަށް ފަސޭހަކަމަކަށް ނުވާނެއެވެ. ޝައިޠޯނާ ކައިރިވިއަ ނުދިނުމަކީ ނުބައި ވަސްވާސްތަކުންވެސް މީހާ ސަލާމަތްވާނެ ކަމެކެވެ. އެހެންކަމުން ނަރަކައިން ސަލާމަތްވުމަށް އެދޭ މީހާއަށް މިއީ ކުރަން އެންމެ ފައިދާހުރި ކަންތައް ނޫން ހެއްޔެވެ؟
ވިސްނާށެވެ! ޝައިޠޯނާއަށް ތިބާއާއި ކައިރިވެވި ވަސްވާސް ދެވެނީ އެމީހެއްގެ ކިބައިގައި ހުންނަ ނުރަނގަޅު ކަންކަމުގެ ސަބަބުން ނުވަތަ ފާފަކުރަން އުޅޭތީ ރަޙްމަތުގެ މަލާއިކަތުން އެމީހަކާއި ދުރަށް ވަޑައިގަންނަވާތީއެވެ. މިޘާލަކަށް ދޮގުހެދުން ފަދަ ފާފައެއް ކުރަން އުޅުނަސް އެކަން މަލާއިކަތުންނަށް ކުރިއާލައި އެނގިވަޑައިގަންނަވާނެއެވެ. އެއީ އޭނާގެ ގައިން ނުބައިވަސްދުވަން ފަށާތީއެވެ.
ޛިކްރު ކުރުންމަތީގައި ދެމިހުރުމަކީ ހަމައެކަނި ނަމާދުތަކަށްފަހު ޛިކްރުކުރުމެއް ނޫނެވެ. ޛިކްރުކުރުން މަތީގައި ދެމިހުރުމަކީ ތިމާއަށް ލިބޭ ހުސްވަގުތުތަކުގައިވެސް ޛިކުރުކުރުންމަތީގައި ދެމިހުރުމެވެ. ނަމާދު ކުރުމަށްފަހު ޛިކްރު ކުރުމަކީ ވަރަށް މުހިންމު އަޅުކަމެކެވެ. ހަމަ އެއާއިއެކު ތިމާއަށް ލިބޭ ހުސްވަގުތުތަކުގައި ޛިކްރު ކުރުމަކީ އެންމެ ފައިދާ ހުރި ގޮތެވެ.
ޛިކްރްކުރުން މަތީގައި ދެމިހުރުމަކީ ފާފަކުރެވުމުން ނަފްސް ސަލާމަތްކޮށްދޭ ބާރެއް ކަމުގައި ބުނެވެނީ ޛިކްރުކުރުން މަތީގައި ހުންނަ މީހާއަށް އެކަމުގެ ސަވާބު ލިބުމުގެ އިތުރުން އެފަދަ މީހުން ފާފަތައް ކުރުމުން ސަލާމަތް ކުރައްވަވާނެތީއެވެ. ފާފައެއް ކުރެވެން އުޅުނު ނަމަވެސް ބިރުވެރިކަން ހިތަށް ވަދެ އެކަމާއި ދުރުހެލިވާނެތީއެވެ. ބެލުން ހުއްދަ ނޫން މަންޒަރުތައް ފެނުނު ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ބވެލުންތައް ތިރިކުރެވޭނެތީއެވެ. އެފަދަ ވާހަކައެއްގެ އަޑު އިވުނު ނަމަވެސް އޮޓޮމެޓިކުން އެއަޑުތަކާއި ދުރުހެލިވެވޭނެތީއެވެ.
ގިނަ މީހުންނަކީ ކޮންމެވެސް މަސައްކަތެއްގައި އަވަދި ނެތި އުޅޭ ބައެކެވެ. އެހެންކަމުން ނަމާދަށްފަހު ޛިކްރުކުރަން ގިނައިރު މަޑުކުރުން އޮންނަނީ ފަސޭހަ ކަމަކަށް ނުވެފައެވެ. އޮންނަނީ އަވަހަށް މިސްކިތުން ނުވަތަ މުސައްލަ މަތިން ފައިބަން ޖެހިފައެވެ.
ޛިކްރުކުރުމަކީ ވަކި ވަގުތުތަކު އެކަނި ކުރަން އޮތް ކަމެއް ނޫނެވެ. ތިމާއަށް ލިބޭ ކޮންމެ ހުސްވަގުތަކުވެސް ކުރަން އޮތް ކަމެކެވެ. އަދި މަސައްކަތުގައި އުޅެމުންވެސް ކުރެވެން އޮތް ކަމެކެވެ. މަސައްކަތް ކުރަމުން ވެސް ކުރަން އޮތް ކަމެކެވެ. ކުރަން ޖެހޭނެ ވެސް ކަމެކެވެ.
އަންހެނުން ޢާންމުކޮށް ކުރާ ކަންކަމަށް ބަލާއިރު ބަދިގޭގަގައި ހޭދަކުރާ ވަގުތު އެ މަސައްކަތްކުރަމުން ވެސް ޛިކްރު ކުރެވޭނެއެވެ. އެއްޗެތި ދޮވުމުގެ މަސައްކަތުގައި އުޅޭ ވަގުތުތަކުގައިވެސް ކުރެވޭނެއެވެ. އަދި އެނޫން މަސައްކަތްތަކުގައި އުޅެމުން ވެސް ޛިކްރު ކުރެވޭނެއެވެ. ފިރިހެނުންނަށް ބެލި ނަމަވެސް މަސައްކަތުގައި އުޅެމުން ވެސް ޛިކްރު ކުރެވޭނެ ވަގުތުތައް ބައިވަރު ލިބޭނެއެވެ.
ހިނގާފައި ނަމަވެސް، ބަހެއް ނުވަތަ ކާރެއްގައި ތަނަކަށް ދާން ހޭދަކުރާ ވަގުތަކީވެސް ޛިކްރުކުރާ ވަގުތު ކަމުގައި ހެދޭނެއެވެ. ޕާކެއް ފަދަ ތަނަކަށް ކުދިން ގޮވައިގެން ގޮސް ހުންނަ ވަގުތުވެސް ޛިކްރު ކުރެވޭނެއެވެ.
ޛިކްރުކުރުމުގެ ލަފްޒީމާނައަށް ބަލައިފިނަމަ އެއީ ކަމެއް ހަނދާންކުރުމެވެ. ކަމަކާއިމެދު ވިސްނުމެވެ. ނަމަވެސް ދީނީ ގޮތުން ބަލައިފިނަމަ އެއީ ﷲ ތައާލާގެ މަތިން ހަނދުމަ ކުރުމެވެ. ﷲ ތައާލާގެ މަތިން ހަނދުމަކޮށް މަތިވެރިވެގެންވާ އިސްމްފުޅުތައް ކިޔުމެވެ. އިސްމުފުޅުތައް ކިޔާއިރު ކޮންމެފަހަރަކު ކޮންމެހެން ގުނާކަށްވެސް ނުޖެހެއެވެ. ތިބާ އިސްމުފުޅުތައް ކިޔާ އަދަދު މަލާއިކަތުން ލިޔުއްވަވަތެވެ. ވީމާ ކިޔެވި އަދަދުގެ ހިސާބު ދާނީ ތިބާގެ ހެޔޮކަމުގެ ފަތުގައި ބަރާބަރަށް ލިޔެވެމުންނެވެ.
ކުރިންވެސް ބަޔާންކުރި ފަދައިން ޛިކުރު ކުރުމަކީ ﷲ ތައާލާގެ މަތިން ހަނދުމަ ކުރުމެވެ. ﷲ ތައާލާގެ މަތިން ހަނދުމަކުރާ މީހާގެ މަތިން ﷲ ތައާލާ މާބޮޑަށް ހަނދުމަފުޅު ކުރައްވަވާނެތެވެ. އެމީހަކީ ﷲ ތައާލާގެ މަތިން ހަނދުމަކުރުނަމަތީގައި ދެމިހުންނަ މީހަކަށް ވެއްޖެނަމަ އެމީހާގެ މަތިން ﷲ ތަމާލާ ހަނދުމަފުޅު ކުރައްވަވާނެ މިންވަރު ހިތަށް ގެނެސްބަލާށެވެ. އެފަދަ މީހަކަށް ވެވިއްޖެ ނަމަ ދެއްވަވާނެ ސަވާބާއި ދަރުމަ ހިތްމައްޗަށް ނިކަން ގެނެސްބަލާށެވެ.
ޛިކްރު ކުރުމަށް ކިޔަން ހުރި ގިނަ ކަލިތަކަކީ ދޫ މައްޗަށް ފަސޭހަ، އެކަމުގެ ސަވާބާއި ދަރުމަ ނުހަނު ގިނަ ކަލިތަކެކެވެ. އަދި އަބަދު ކިޔައި އުޅޭ ވެސް ކަލިމަތަކެކެވެ. ވީމާ ދަސްނުވެގެން އުޅޭކަށްވެސް ނުޖެހޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
15 މެއި 2025