އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު
ނ. ކުޑަފަރީގައި އަލަށް ޤާއިމްކުރެވުނު އޭޓީއެމްގެ ސަބަބުން އެތައް ދުވަހެއް ވަންދެން ރައްޔިތުން އުފުލަމުން ދިޔަ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ނ. ކުޑަފަރީގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މި އޭޓީއެމްގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފައިސާ ނެގުމުގައި ދިމާވަމުން އައި ގިނަ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި ނ. އަތޮޅަކީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ އަތޮޅެއްކަން ފާހަގަކުރައްވައި، މި އޭޓީއެމްގެ ސަބަބުން ރަށު ފަތުރުވެރިކަމަށްވެސް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިހާތަނަށް ގިނަ ރަށްރަށުގެ ރައްޔިތުން ބޭންކުން ފައިސާ ނަގަން ޖެހެނީ ކައިރި ރަށްރަށަށް ދަތުރުކޮށްގެން. މިސާލަކަށް ނ. އަތޮޅުގެ ބައެއް ރަށްރަށުގެ ރައްޔިތުން މަނަދޫ ނުވަތަ ކެނދިކުޅުދޫއަށް ދަތުރުކުރަން ޖެހޭ. ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި މިފަދަ ދަތުރުތަކުގައި ލޯންޗު ޚަރަދަށް އެކަނި ގާތްގަނޑަކަށް 1200 ރުފިޔާ ޚަރަދުވޭ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން އޭޓީއެމްތައް ބެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މިހާރުވެސް ބައެއް ރަށްތަކުގައި އޭޓީއެމް ބަހައްޓާފައިވާއިރު ނ. އަތޮޅުގެ ރަށްތަކުގައިވެސް އޭޓީއެމްތައް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި އައު އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު ނ. ކުޑަފަރީގެ ރައްޔިތުންނަށާއި އެ ސަރަހައްދުގެ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ. މިއީ ރަށުގެ އިޤްތިޞާދީ ދުވެލި އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.
Advertisement
15 މެއި 2025