އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 51 ސިކުންތު
ސިޙުރު ހެދުމަކީ ކުރެވޭ އެންމެ ބޮޑު އެއްފާފައެވެ. އެހެންކަމާއިއެކުވެސް ސިޙުރު ހެދުން ގިނަވެ ރުޤްޔާކުރަންޖެހުން މިވަނީ ޢާންމު ކަމަކަށްވެފައެވެ. ގިނަ ބައަކު ކަންބޮދުވަނީ އިތުބާރުކުރެވޭ ރާޤީން މަދުކަމުންނެވެ. އެހެންކަމުން މިކަންކަމަށް ހޭލުންތެރިވުމުގެ ގޮތުން މަޢުލޫމާތު މުއްސަނދިކުރަން މިވަނީ ޖެހިފައެވެ.
ތިރީގައިވާ ލިޔުމަކީވެސް މުހިންމު ގިނަ މަޢުލޫމާތުތަކެއް ލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
ޢަރަބި ބަހުގައި "ސިޙުރު" އެތައް ކަމެއްގައި ބޭނުން ކުރެވެއެވެ.
ފުރަތަމަ: އޯގާތެރި ކަމާއި އެކުގައި ކަމެއް ކޮށްދިނުން.
ދެވަނަ: މަކަރާއި ޙީލަތުން، އެއްވެސް ޙަގީގަތެއް ނެތްގޮތުގައި މީސްތަކުންގެ ސިކުނޑި އަށް ވަސްވާސް ވެއްދުން.
ތިންވަނަ: ޝައިޠާނުންގެ އެހީގައި މީހަކަށް ގެއްލުމެއް ދިނުން.
ހަތަރުވަނަ: ތަރިތަކަށް މުޚާޠަބުކޮށް، އެބައިމީހުންގެ ގަބޫލުކުރާ ގޮތުން އެތަކެތީގެ ރޫޙާނިއްޔަތު ފައިބައެވެ.
(عَنْ عَائِشَةَ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ طُبَّ حَتَّى إِنَّهُ لَيُخَيَّلُ إِلَيْهِ أَنَّهُ قَدْ صَنَعَ شَيْئًا ، وَمَا صَنَعَهُ)
މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން ރިވާވެގެން ވެއެވެ. "ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަށް ސިޙުރު ޖެހުނެވެ. އޭގެ ސަބަބުން އެކަލޭގެފާނު ނުކުރައްވާ ކަމެއްވެސް ކުރެއްވި ކަމެއްގެ ގޮތުގައި އެކަލޭގެފާނަށް ޚިޔާލު ކުރެވެއެވެ."
ސިޙުރަށް ފަރުވާ ކުރުމުގައި ވެސް ދެޙާލަތެއް ވެއެވެ.
ސިޙުރު ހަދާފައި ހުރިތަން އެނގޭނަމަ އެތަނަކު އެހަދާފައި ހުރި ސިޙުރެއް ނެރެ، އެއެއްޗެއް ބާޠިލް ކުރުން ހުއްޓެވެ. ސިޙުރު ހަދާފައި ހުރީ ކޮންތަނަކަށް ކަމެއް ނޭނގޭނަމަ، ރުގްޔާ ޝަރްޢިއްޔާ ހަދަން ޖެހެއެވެ.
ސިޙުރުވެރިޔާގެ ޙުކުމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚީލާފު އުފެދިފައިވެއެވެ.
ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ ސިޙުރުވެރިޔާ އަކީ ކާފަރެއް ކަމަށެވެ.
އިމާމް ޝާފިޢީ- ރަޙިމަހުﷲ- ގެ ރައުޔަކީ ސިޙުރުގައި ކާފަރުވުންވެސް ހިމެނިގެންވެއެވެ. އަދި އޭގެ ތެރޭގައި ކާފަރުނުވެ އެހެންނަމަވެސް ބޮޑުފާފަ އަކަށްވާ ގޮތެއްވެސް ވެއެވެ.
ކާފަރުވާ ގޮތަކީ ޝައިޠާނުންގެ އެހީތެރިކަން ހޯދައިގެން ސިޙުރު ހަދާ މީހުންނެވެ. ޝައިޠާނާ އޭނާ އަށް އެހީތެރިވަނީ އޭނާގެ ރީތި ކަމަށްޓަކައެއް ނޫނެވެ. އޭނާ ﷲ އަށް ކުފުރުވުމުގެ ސަބަބުންނެވެ. އަނެއްބައި ސިޙުރުވެރިން ތަރިތައް މެދުވެރިކޮށްވެސް ސިޙުރު ހަދައިއުޅެއެވެ. މިދެގޮތަކީވެސް ކުފުރުގެ ދެގޮތެވެ.
ސިޙުރުވެރިޔަ ސިޙުރު ހެދުމުގައި ބޭނުން ކުރަނީ ދުންއެރުވުން ފަދަ ވަސީލަތްތައް ކަމަށްވަނީނަމަ އެވާނީ ބޮޑު ފާފަ އަކަށެވެ. ނަމަވެސް ކުފުރަކަށް ނުވާނެއެވެ.
ރުގްޔާ ޝަރްޢިއްޔާ އަކީ ކޮބާ؟ އަދި އޭގެ ވައްތަރު ތަކަކީ ކޮބާ؟
ޢަރަބި ބަހުގައި "ރުގްޔާ" ކިޔަނީ ސަލާމަތް ވުމަށް ކުރެވޭ ކަންތަކަށެވެ. ބޮޑު މުޞީބާތެއް ޖެހިފައިވާ މީހަކު، ނުވަތަ ބައްޔެއް ވެފައިވާ މީހަކު، ނުވަތަ ޖިންނި އަވަލާފައިވާ މިހަކު އެކަމުން ސަލާމަތް ކުރުމަށް "ރުގްޔާ" އޭ ކިޔެއެވެ.
"ރުގްޔާ" ގެ ހަތަރު ވައްތަރެއް ވެއެވެ.
ފުރަތަމަ: ގުރްއާނުގެ އާޔަތްތަކާއި، ﷲ ގެ އިސްމުފުޅުތަކާއި، ޞިފަ ފުޅުތައް ކިޔަވައިގެން ރުގްޔާ ހެދުން. މިއީ، ހުއްދަ އަދި އެދެވިގެންވާ ވައްތަރެކެވެ.
ދެވަނަ: ގުރްއާނުގެ އާޔަތް ތަކާއި، ﷲ ގެ އިސްމުފުޅުތަކާއި، ޞިފަ ފުޅުތައް ކިޔެވުމަށް ފަހު، ސުންނަތްތުން ވާރިދުވެފައިވާ ދުޢާތައް ކިޔައިގެން ރުގްޔާ ހެދުން. މިއީވެސް ހުއްދަ އަދި އެދެވިގެންވާ ވައްތަރެކެވެ.
ތިންވަނަ: ވާރިދުވެފައިވާ ދުޢާ ތަކާއި ފުށުނާރާ ގޮތައް އަމިއްލަ އަށް ދުޢާ ކޮށްގެން ރުގްޔާ ހެދުން. މިއީވެސް ހުއްދަ ވައްތަރެކެވެ.
ހަތަރުވަނަ: ޖާހިލިއްޔަ ޒަމާނުގައި ހަދާކަހަލަ، އިންސާނެއްގެ ބުއްދި އަށް އެކިޔާ އެއްޗެއްގެ މާނަވެސް ނުވިސްނޭ ފަދަ ތަކެތި ކިޔަވައިގެން ރުގްޔާ ހެދުން. މިގޮތަށް ރުގްޔާ ހެދުމުން ދުރުހެލިވާން ޖެހޭނެއެވެ. ސަބަބަކީ އޭގައި ޝިރްކު ހިމެނިގެން ވުން އެކަށީގެން ވެއެވެ. ނުވަތަ ޝިރްކަށް މަގުފަހިކޮށްދޭ ފަދަ ކަމެއްވެސް ހިމެނިފައި ވެދާނެތީވެއެވެ.
ރުގްޔާ ޝަރްޢިއްޔާގެ މިންގަނޑުތައް:
ތިން ޝަރްޠެއް ހަމަވާނަމަ ރުގްޔާ ހެދުން ހުއްދަ ކަމުގައި ޢިލްމުވެރިން އިޖްމާޢު ވެލައްވައެވެ.
1. ރުގްޔާ ހަދަންވާނީ ގުރްއާނުގެ އާޔަތް ތަކާއި، ﷲ ގެ އިސްމުފުޅުތަކާއި ޞިފަފުޅު ތައް ބޭނުން ކޮށްގެން.
2. ރުގްޔާ ގައި ކިޔަވާ ތަކެތި ބަލިމީހާ އަށް އެނގޭނެފަދަ ގޮތަކަށް ކިޔެވުން.
ރުގްޔާ އަކީ އޭގެ ޛާތުގައި އެއްވެސް އަޘަރެއް ކުރުވާ އެއްޗެއް ނޫން ކަމާއި، ރުގްޔާ އިން ފައިދާ އެއް ކުރާނީ ﷲ ގެ އިޛްނަ އާއި އެކުގައި ކަން ރުގްޔާ ހަދާ މީހާ އާއި ބަލި މީހާ ތެދު ހިތުން ގަބޫލުކޮށް ޔަގީން ކުރުން.
ރުޤްޔާކުރާ ރާޤީ ކައިރިއަށްދާ ބަލިމީހާގެ ގައިގާ ހުންނަ އުނި ސިފަތައް ނޫނީ އެބަލިމީހާގެ ވާހަކަ ރާޤީމީހާ އެހެން މީހުން ކައިރީގައި ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެނީ އަނެކާ ނުރުހޭފަދަ ވާހަކަ އެއް އޭނާ ނެތްތަނުގައި ދެއްކުމަށް ކިޔަނީ ޣީބަ ބުނުމެވެ. ޣީބަ ބުނުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް މަނާ ކުރައްވާފައިވާ ކަމެކެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
16 މެއި 2025