އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަލަގޮވުމާ އަނިޔާވެރިވުމަކީ ކުރާ ހެޔޮޢަމަލުތައް ބާޠިލްކޮށްލާނެ ކަންކަން-: ޔާސިރް ޤާޟީ

ކަލަގޮވުމާ އަނިޔާވެރިވުމަކީ ކުރާ ހެޔޮޢަމަލުތައް ބާޠިލްކޮށްލާނެ ކަންކަން-: ޔާސިރް ޤާޟީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 17 މިނެޓް, 6 ސިކުންތު

ޢާއިޝަތު ރަފާޙް ޢަލީ

 

އަޅުގަނޑު ބަޤަރާ ސޫރަތުގެ 262 ވަނަ އާޔަތް ކިޔަވަމުން ދިޔައީމެވެ. 

އެއާޔަތުގައި ވަނީ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ فِى سَبِيلِ ٱللَّهِ ثُمَّ لَا يُتْبِعُونَ مَآ أَنفَقُوا۟ مَنًّا وَلَآ أَذًى لَّهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٢٦٢﴾‏

މާނައީ: "އެއުރެންގެ މުދާ، اللَّه ގެ މަގުގައި ހޭދަކޮށް، ދެން އެއަށްފަހު، އެއުރެން ހޭދަކުރި އެއްޗަކާ ގުޅިގެން ކަލަގޮވުމެއްނުވާ، އަދި (ބަހުން ނުވަތަ عمل ން ވިޔަސް) އުނދަގުލެއް ނުދޭ މީހުންނަށް އެއުރެންގެ އުޖޫރަ (އެބަހީ: ثواب) އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެންނަށް ވެއެވެ. އަދި، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. (262)" 

އެގޮތުން މިއާޔަތުގައިވާ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ޞަދަޤާތްތައް ބާޠިލު ނުކުރާށެވެ." އަދި އަހަރެން މި ދެ ބަސް ތަރުޖަމާކުރަން ފެށުމުން، ސުބްޙާނަﷲ، އަހަރެން ވިސްނަން ފެށީމެވެ. އަޅުކަމެއް ކުރުމަށްފަހު އެ އަޅުކަން ބާޠިލުވާނެ ކަމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވަވާފައިވާ ކަންތައްތަކެއް މަދުންނޫނީ ނުހުރެއެވެ. ނަމަވެސް އަޅުކަމެއް ކުރުމަށްފަހު އެ އަޅުކަން ބާޠިލުކޮށްލާނެ ކަންތައްތަކުގެ ތެރެއިން ﷲ ބަޔާންކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ އަލްމަންނު ވަލްއަޛާއެވެ. 

އަލްމަންނު ވަލްއަޛާގެ ނަތީޖާއަކީ ކޮބައިތޯއެވެ؟ ﷲ ސުބްޙާނަހޫ ވަތަޢާލާ ޤުރުއާނުގައި ބަޔާންކުރައްވާފައިވާ އަލްމަންނުގެ މަފްހޫމަކީ މީހަކަށް އެމީހާ ކޮށްދީފައިވާ ހެޔޮކަމެއް އެހެން މީހުންނަށް ހަނދާންކޮށްދިނުމެވެ. އަލްމަންނަކީ އެމީހުންނަށް ކޮށްދީފައިވާ ކަމެއް އެމީހުންނަށް ކިޔައިދިނުމެވެ. މި އާޔަތް ކިޔުމަށްފަހު އަހަރެން މިއާ މެދު ވިސްނަން ފެށީމެވެ. މަޚްލޫޤުންގެ މެދުގައި އަލްމަންނަކީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫނެވެ. ޙަޤީޤަތުގައި އަލްމަންނަކީ އަބަދުވެސް ނުރުހުން ފާޅުކުރެވޭ، ދެކޮޅުހެދެވޭ ކަމެކެވެ. އަދި މަޚްލޫޤުންނަށް ހަނދާންކޮށްދެވެނީ އަހަރެމެން އެކަކު އަނެކަކަށް ކޮށްދޭ ކަންތައްތަކާމެދު ފަޚުރުވެރިވުމުގެ ބަދަލުގައި، އަހަރެމެންގެ މައްޗަށް ﷲ ދެއްވާފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވާން ޖެހެއެވެ. 

ﷲ ތަޢާލާ ޙުޖުރާތު ސޫރަތުގެ 17 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

يَمُنُّونَ عَلَيْكَ أَنْ أَسْلَمُوا۟ قُل لَّا تَمُنُّوا۟ عَلَىَّ إِسْلَٰمَكُم بَلِ ٱللَّهُ يَمُنُّ عَلَيْكُمْ أَنْ هَدَىٰكُمْ لِلْإِيمَٰنِ إِن كُنتُمْ صَٰدِقِينَ ﴿١٧﴾‏

މާނައީ: "އެއުރެން إسلام ވީކަމަށް ކަލޭގެފާނަށް އެއުރެން ކަލަގޮވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން إسلام ވީކަމަށްޓަކައި ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ކަލަނުގޮވާށެވެ! އަދި ކިއެއްތަ! ތިޔަބައިމީހުންނަށް إيمان ކަމަށް މަގުދެއްކެވިކަމަށްޓަކައި اللَّه، ތިޔަބައިމީހުންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންވެތެވެ. (އެއީ) ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާނަމައެވެ. (17)"

އަދި ﷲ ވަޙީކުރައްވަނީ ތިބާ މަޚްލޫޤުންނަށް އަނިޔާވެރިވެއްޖެނަމަ، ތިބާއާ ﷲ ތަޢާލާ އާއި ދެމެދު އޮތް ހެޔޮ ޢަމަލުތައް ހަލާކުކޮށްލާނެކަމަށެވެ. އެކަމާމެދު ވިސްނާށެވެ. ތިބާ އަހުރެންގެ މަޚްލޫޤުންނަށް އަނިޔާވެރިވެއްޖެނަމަ، އެއީ މަންނާއި އަޛާ އޮންނަނީ މަޚްލޫޤުންނާ ދެމެދުގައި ކަމަށްވާތީއެވެ. އަދި ޞަދަޤާތް އޮންނަނީ ތިބާއާއި ﷲ އާ ދެމެދުގައެވެ. އަދި ﷲ ވަޙީކުރައްވަނީ ތިބާ ޞަދަޤާތް ދޭ ހިނދު، އެއީ އަހުރެންނާއި ތިބާއާ ދެމެދުގައި އޮތް ކަމެކެވެ. ތިބާ ޞަދަޤާތް ދިނުމަށްފަހު، އެމީހާގެ ހިތުގައި އުނދަގޫކަން އުފެދޭގޮތަށް، ތިބާ އެމީހާއަށް އެހީތެރިވެދިންކަން ހަނދާންކޮށްދީފިނަމަ، ޙަޤީޤަތުގައި އަހުރެންނާއި ތިބާއާ ދެމެދުގައި އޮތް އެންމެހައި ހެޔޮ ޢަމަލުތައް ހަލާކުވެގެން ދާނެއެވެ. 

އަދި މިއިން އަހަރެމެންނަށް ދައްކުވައިދެނީ އިސްލާމްދީނުގައިވާ ރިވެތި އާދަތަކުގެ އުޞޫލެކެވެ. އަދި އެއީ އަހަރެމެން އެންމެންނަށްވެސް އެނގިފައިވާ ކަމެކެވެ. އެއީ މަޚްލޫޤުންގެ މެދުގައި އޮންނަ ޙައްޤުތަކަކީ އެންމެ މަތިވެރި އަދި އެންމެ މުޤައްދަސް ޙައްޤުތަކެވެ. ﷲ އާއި މަޚްލޫޤުންނާ ދެމެދުގައި އޮންނަ ޙައްޤުތަކަށްވުރެ މަޚްލޫޤުންގެ މެދުގައި އޮންނަ ޙައްޤުތަކުގެ ދަރަޖަ މަތިވެރިވެގެންވެއެވެ. އެއީ ކީއްވެގެންތޯއެވެ؟ އެއީ ﷲ އާއި މަޚްލޫޤުންނާ ދެމެދުގައި އޮންނަ ޙައްޤުތަކުގައި، ﷲ އީ ޣަފޫރުވަންތަ އަދި ރަޙީމްވަންތަ ފަރާތް ކަމަށްވާތީއެވެ. އަދި އިންސާނާ ތައުބާވެއްޖެނަމަ، ﷲ ސުބްޙާނަހޫ ވަތަޢާލާ މާފުކުރައްވާނެތީއެވެ. 

ޞަދަޤާތަކީ ހަމައެކަނި މާލީ އެހީތެރިކަމެއް ނޫނެވެ. ޞަދަޤާތަކީ ހަމައެކަނި މީހަކަށް ފައިސާގެ އެހީތެރިކަން ދިނުމެއް ނޫނެވެ. ޞަދަޤާތަކީ ވަގުތު ދިނުމާއި ހަކަތަ ދިނުން ވެސް މެއެވެ. ޞަދަޤާތަކީ މީހަކަށް ދަތުރުފަތުރުގައި އެހީތެރިވުމެވެ. ޞަދަޤާތަކީ މީހަކަށް އޭނާގެ ކަމެއްގައި އެހީތެރިކަމެއް ބޭނުންވެއްޖެ ޙަލަތެއްގައި އެހީތެރިވެދިނުމެވެ. 

މިސާލަކަށް "އާނ، އަހަރެން އެކަން ކޮށްދޭނަން. އަހަރެން އެކަން ތިބާއަށް ކޮށްދޭނަން. އެއީ އަހަރެންނަކީ އެކަމުގެ މާހިރެއް ކަމުގައިވާތީއެވެ. އަހަރެންނަށް ކޮމްޕިއުޓަރ ޕްރޮގްރާމިންގ އެނގެއެވެ. އަހަރެންނަށް މިވެނި އެވެނި ކަމެއް އެނގެއެވެ." އެއީ ތިބާގެ ވަގުތުންނާއި، ތިބާގެ ހުނަރުންނާއި، ތިބާގެ ހަކަތައިންނެވެ. ނަމަވެސް ތިބާ އެހީތެރިވެދިނުމަށްފަހު މީހަކަށް އުނދަގޫވާފަދަ ގޮތަކަށް އެކަމެއް ހަނދާންކޮށްދީފިނަމަ، އެއީ އަނިޔާއެކެވެ. 

މިސާލަކަށް، ތިބާ މީހަކަށް ފައިސާ ދިނީމެވެ. އަދި "މަންނު" ގެ މާނައަކީ ތިބާ އެކަން އޭނާއާއި ދިމާއަށް އެވާހަކަ ކިޔުމެވެ. އަހަރެން ތިބާއަށް ފައިސާ ދިނީމެވެ. އެހެންވީމާ، ތިބާ އަހަރެންނަށް ދަރަނިވެރިވީއެވެ. "އަޛާ" އަކީ ފުރައްސާރައިގެ ބަހެއް ކަމުގައިވެއެވެ. މިސާލަކަށް ތިބާ މަޖިލީހެއްގައި އިންދާ މީހަކު ގަންނަން ބޭނުންވާ އެއްޗެއްގެ ވާހަކަ ދައްކައިފިއެވެ. ތިބާ ބުނެފާނެއެވެ، "އާނ، ތިބާއަކަށް އެ އެއްޗެއް ނުގަނެވޭނެއެވެ. އަހަރެމެންނަށް އެނގެއެވެ." މިފަދައެވެ. އަހަރެން ތިބާއަށް ދަރަންޏެއް ދިނީމެވެ. ތިބާއަކަށް އެ އެއްޗެއް ނުގަނެވޭނެއެވެ. މިއީ އަޛާއެކެވެ. ތިބާ މީހަކަށް ދޭ ކޮންމެ އުނދަގުލަކީ އަޛާއެކެވެ. އަދި ﷲ ވަޙީކުރައްވައެވެ، ތިބާ މިފަދަ ކަމެއް ކޮށްފިނަމަ، ތިބާގެ ޞަދަޤާތް ބާޠިލުވާނެއެވެ. 

އަދި މީހުން، ޞަދަޤާތެއް ދިނުމަށްފަހު އެ ޞަދަޤާތްތަކާ ގުޅިގެން މީސްތަކުންނަށް ހަނދާންކޮށްދިނުމެއް ނުވަތަ އުނދަގޫކުރުމެއް ނުކުރާނަމަ، އެއީ އެމީހުންގެ ދަރުމަ ﷲ ގެ ޙަޟްރަތުގައި ލިބިގެންވާ މީހުންނެވެ. 

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 263 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

قَوْلٌ مَّعْرُوفٌ وَمَغْفِرَةٌ خَيْرٌ مِّن صَدَقَةٍ يَتْبَعُهَآ أَذًى وَٱللَّهُ غَنِىٌّ حَلِيمٌ ﴿٢٦٣﴾‏

މާނައީ: "އެ صدقات އަކާ ގުޅިގެން އުނދަގުލެއްދޭ صدقات އަކަށްވުރެ ރަނގަޅު ހެޔޮބަހެއް ބުނުން، އަދި عفو ކުރުން، ހެޔޮކަން މާބޮޑެވެ. اللَّه އީ، ފުދިވޮޑިގެންވާ، حليم ވަންތަ ރަސްކަލާނގެއެވެ. (263)" 

ޢިލްމުވެރިން މިސާލެއް ދެއްވާފައިވެއެވެ. މިސާލަކަށް ގާތްތިމާގެ މީހަކު ނުވަތަ ފަޤީރު މީހަކު އައިސް ބުނެފާނެއެވެ: "އަޅުގަނޑަށް އެހީތެރިވެދެއްވާށެވެ. ﷲގެ ވަޖުހައަށްޓަކައި އަޅުގަނޑަށް އެއްޗެއް ދެއްވާށެވެ." މާތްﷲ ވަޙީކުރައްވަނީ ތިބާ އެމީހަކަށް ފައިސާ ދީފައި، އެއީ އެމީހަކު ތިބާއަށް ދަރަނިވެރިވާ ކަމެއްގެ ގޮތުގައި ހަދާނަމަ، އެކަން ނުކުރުން މާ ރަނގަޅު ކަމަށެވެ. ތިބާ އެކަން އެމީހެއްގެ މޫނުމައްޗަށް އަޅުވައި، އަބަދުމެ އެކަމުގެ ވާހަކަ ދައްކާނަމަ، ރަނގަޅީ އެކަން ނުކުރުމަށެވެ. އޭގެ ބަދަލުގައި އެމީހަކަށް ހެޔޮ ބަހެއް ބުނެދޭށެވެ. "އިންޝާﷲ، މާތްﷲ މަގެއް ދައްކަވާނެއެވެ. ކަންބޮޑުނުވާށެވެ. މާތްﷲ ތިބާއަށް އެހީތެރިވެވޮޑިގަންނަވާނެއެވެ." މިއީ ދެން މަޣްފިރާއެވެ. 

ހަމަކަށަވަރުން މީހަކު ކަމަކަށް އެދުނީމާ އަދި އެހެން މީހަކު ހަރުކަށިކޮށް ޖަވާބުދިނުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ. މާތްﷲ ވިދާޅުވަނީ އެމީހުންނަށް މާފުކުރުމަށެވެ. އެމީހުންނާ މެދު ހަރުކަށިނުވުމަށެވެ. އަދި ތިބާ ޞަދަޤާތް ނުދީ ހެޔޮ ބަހެއް ބުނެ، އެމީހުންގެ ހަރުކަށިކަމަށް މާފުކުރުމަކީ ތިބާ ފައިސާ ދީފައި އޭގެ ފަހުން އެކަން އެމީހުންގެ މޫނުމަތީގައި އެކަން ކިޔުމަށްވުރެ މާތްﷲ ގެ ޙަޟްރަތުގައި ލޮބުވެތި ކަމެކެވެ. ސުބްޙާނަﷲ! އަނެއްކާވެސް މިއީ ﷲގެ ޙައްޤާއި އަޅުކަމުގެ ޙައްޤުގެ ވާހަކައެވެ. 

ސުންނަތުން އަޅުގަނޑުމެންނަށް ދަސްވާ ވަރަށް ބާރުގަދަ، ވަރަށް ބިރުވެރި ޙަދީޘެއް އެބައައޮތެވެ.

عَنْ أَبِي سَعِيدٍ، أَنَّ رَسُولَ اللهِ قَالَ: “لَا يَدْخُلُ الْجَنَّةَ مَنَّانٌ، وَلَا عَاقٌّ، وَلَا مُدْمِنُ خَمْرٍ

(މާނައީ: އިޙްސާންތެރިކަމުގެ މައްޗަށް މިންނަތު ކުރާ މީހަކާއި(އެބަހީ އެކަން ތަކުރާރުކޮށް ހަނދާންކޮށްދޭ ނުވަތަ އޭގެ މައްޗަށް ބޮޑާވާ) މީހާ، މައިންބަފައިންނަށް އުރެދޭ މީހަކާއި، ރާބުއިމަށް ދެވިހިފާފައިވާ މީހަކު އެބަހީ ރާބުއިން ޢާދަޔަކަށް ހަދާފައިވާ)މީހާ. ސުވަރުގެއަކަށް ނުވަންނާނެއެވެ "                  

އެހެންކަމުން މުސްލިމުންނޭވެ! ތިބާ ހެޔޮ ޢަމަލެއް ކުރާނަމަ، ﷲގެ ވަޖުހުފުޅައްޓަކާ އެކަން ކުރާށެވެ. ދުނިޔަވީ މަންފާއަކަށް ނުވަތަ އިތުރު ފައިދާއަކަށް އެކަން ނުކުރާށެވެ.

މިއީ ވަރަށް މުހިންމު ޙަދީޘެކެވެ. މި ޙަދީޡުންވެސް އެނގެނީ އަޅުގަނޑުމެން ހެޔޮ ޢަމަލެއް ކުރާއިރު، އެކަން ކުރަންވާނީ ހަމައެކަނި މާތްﷲ އަށްޓަކައެވެ. އެކަން ކުރުމުގައި އެއްވެސް ދުނިޔަވީ މަޤްޞަދެއް ނުވަތަ އަމިއްލަ ފައިދާއެއް ހޯދުމުގެ ނިޔަތެއް އޮވެގެން ނުވާނެއެވެ. އަޅުގަނޑުމެން ކުރާ ހެޔޮ ޢަމަލުތަކުގެ އަޖުރު ލިބޭނީ އެކަން ކުރަނީ ހަމައެކަނި މާތްﷲ އަށްޓަކައި ކަމުގައިވާނަމައެވެ. އެހެން މީހުންނަށް އެހީތެރިވެދިނުމަށްފަހު އެކަމުގެ ވާހަކަ ދެއްކުމާއި، އެކަން ހަނދާންކޮށްދިނުމަކީ އިސްލާމްދީނުގައި ނަހީކުރެވިފައިވާ ކަމެކެވެ. އެފަދަ ޢަމަލުތަކަކީ އަޅުގަނޑުމެންގެ ހެޔޮ ޢަމަލުތަކުގެ އަޖުރު ގެއްލިގެން ދިއުމަށް މެދުވެރިވާނެ ކަންތައްތަކެވެ. 

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 264 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُبْطِلُوا۟ صَدَقَٰتِكُم بِٱلْمَنِّ وَٱلْأَذَىٰ كَٱلَّذِى يُنفِقُ مَالَهُۥ رِئَآءَ ٱلنَّاسِ وَلَا يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ فَمَثَلُهُۥ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُۥ وَابِلٌ فَتَرَكَهُۥ صَلْدًا لَّا يَقْدِرُونَ عَلَىٰ شَىْءٍ مِّمَّا كَسَبُوا۟ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْكَٰفِرِينَ ﴿٢٦٤﴾‏

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ صدقات ތައް باطل ނުކުރާ ހުށިކަމެވެ! މީހުންނަށް ދެއްކުމަށްޓަކައި އެމީހެއްގެ މުދާ ހޭދަކުރާ މީހެއްގެ مثال ފަދައިންނެވެ. اللَّه އަށާއި آخرة ދުވަހަށް އޭނާ إيمان އެއް ނުވެތެވެ. ފަހެ، އޭނާގެ مثال އީ، އެ ހިލަޔެއްގެ މަތީގައި ވެލިތަކެއް ހުށްޓައި އެ ހިލައިގެ މައްޗަށް ބޯވާރޭގަނޑެއް ވެހި، އޭގެ މަތީގައި އެއްވެސް އެއްޗެއް ނެތިގޮސްފައިވާ އޮމާން، ހިލަޔެއްގެ مثال އެވެ. އެއުރެން ކުޅަ މަސައްކަތުގެ ތެރެއިން އެއްވެސް އެއްޗެއްގެ މައްޗަށް އެއުރެންނަކަށް ކުޅަދާނަކަމެއް ލިބިގެނެއް ނުވެތެވެ. (އެބަހީ: އެއުރެން ކުޅަ عمل އަށް آخرة ދުވަހުން އެއުރެންނަކަށް އެއްވެސް ثواب އެއް ނުލިބޭ ހުށްޓެވެ.) كافر ވެގެންވާ قوم އަކަށް اللَّه ތެދުމަގެއް ނުދައްކަވައެވެ. (264)"

އެހެންކަމުން ނިންމާލުމުގެ ގޮތުން، އަހަރެމެން ކުރާ ކޮންމެ ހެޔޮ ޢަމަލެއްގައި، އަހަރެމެންގެ ނިޔަތް ﷲ އާ ދެމެދު ސާފުކަން ކަށަވަރުކުރަންޖެހެއެވެ. އަދި އަޅުގަނޑުގެ ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންނަށް އަބަދުވެސް އިޚްލާޞްތެރިވުމުގެ ތައުފީޤު ދެއްވުމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް