އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޚުޠުބާ: ސުންނަތަށް ދެކޮޅުހަދާނީ ސުވަރުގެ ވަންނަން ދެކޮޅުހަދާ މީހުން-

ޚުޠުބާ: ސުންނަތަށް ދެކޮޅުހަދާނީ ސުވަރުގެ ވަންނަން ދެކޮޅުހަދާ މީހުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 16 މިނެޓް, 32 ސިކުންތު

އިންސާނުން ދުނިޔޭގައި އުޅުމަށް މާތް ﷲ ޚިޔާރުކުރައްވައިފައިވާ މަގަކީ އިސްލާމް ދީންކަމުގައި ވީ ހިނދު، އެކަލާނގެ ޙަޟުރަތުން މީސްތަކުންނާ ހަމައަށް މި ދީން އައިސްފައިވަނީ، ކީރިތި ރަސޫލާ محمّد ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރިކުރައްވައެވެ. ޝައްކެއްނެތް ގޮތުގައި އެކަލޭގެފާނަށް ބާވައިލެއްވުނު މި ދީން އެކުލެވިގެންވަނީ މައިގަނޑު ދެ މަސްދަރުގެ މައްޗަށެވެ. އެއީ، ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަގުމާތްވި ސުންނަތެވެ. އެހެންކަމުން، މާތް ﷲއަށް ކިޔަމަންވުމަށް ކުރައްވައިފައިވާ އަމުރުފުޅާ ވިދިގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ކިޔަމަންވުމަށް، ކީރިތި ޤުރްއާނުގައި އެކަލާނގެވަނީ އަމުރުކުރައްވައިފައެވެ. 

އަދި އެކަލާނގެއަށް އުރެދުމެކޭ އެއްފަދައިން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ކިޔަމަންނުވުމުން މުއުމިނުން ކުރާ ހެޔޮ ޢަމަލުތައް ބާޠިލުވާނޭކަން ވެސް ވަނީ އަންގަވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---[1] މާނައީ:  "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ކިޔަމަންވާށެވެ! އަދި رسولއާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ عملތައް ތިޔަބައިމީހުން باطل ނުކުރާހުށިކަމެވެ!" 

މި އާޔަތުން ދޭހަވަނީ، ﷲއާއި އެކަލާނގެ ރަސޫލާ zއަށް ނުކިޔަމަންތެރިވުމަކީ މުއުމިނުން ކުރާ ހެޔޮ ޢަމަލުތައް ބާޠިލުވާނޭ ކަމެއްކަމެވެ. އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ---  މާނައީ: "އަދި رسولއާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!" އެހެންކަމުން އަހަރެމެންނަށް އެނގި ކަށަވަރުވާ ކަމަކީ، ރަސޫލާ zއަށް ކިޔަމަންނުވާ މީހާ މާތް ﷲއަށް ކިޔަމަންވާ މީހަކުކަމުގައި ނުވާނޭކަމެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---

މާނައީ: "رسولއާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން ﷲއަށް ކިޔަމަންވެއްޖެއެވެ. އަދި، ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކުކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ." 

ޝައްކެތްނެތް ގޮތުގައި މާތް ﷲ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވައިފައިވަނީ އަހަރެމެންނަށް ސީދާ މަގަށް މަގު ދެއްކެވުމަށެވެ. އެހެންކަމުން އެކަލޭގެފާނަށް ތަބާވުމީ އަހަރެމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަން ކަށަވަރެވެ. ދިރިއުޅުމުގެ ހުރިހައި ކަމެއްގައި ވެސް އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައިގަންނާން ޖެހެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ހަމަކަށަވަރުން، ﷲގެ رسولއާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲގެ ދަރުމައާއި، آخرةގެ ثوابއަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާކަމުގައިވާ މީހަކަށެވެ. " ﷲގެ ކަލާމުފުޅު، އަހަރެމެންނާ ހަމައަށް އައިސްފައިވަނީ ކައުއިތުރު ރަސޫލާ zގެ ދޫފުޅު މަތީންކަމުގައިވީ ހިނދު، އެކަލޭގެފާނުގެ ސުންނަތަށް އީމާން ނުވާ މީހާ ޙަޤީޤަތުގައި ޤުރްއާނަށް ވެސް އީމާންވާކަމުގައެއް ނުވާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި ﷲއާއި، އެކަލާނގެ رسولއާ، ކަމަކަށް ނިޔާކުރައްވައިފި ހިނދު، مؤمن ފިރިހެނަކަށް ވެސް، އަދި مؤمن އަންހެނަކަށް ވެސް، އެއުރެންގެ އެ ކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި ﷲއަށާއި، އެކަލާނގެ رسولއާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ." 

ބައެއް މީހުން ދެކޭ ގޮތުގައި، މުސްލިމުން ޢަމަލުކުރާންޖެހޭ ހުރިހައި ކަމެއް، ކީރިތިވަންތަ ﷲ ވަނީ ޤުރްއާނުގައި ބަޔާންކުރައްވައިފައެވެ. އެހެންކަމުން، ޤުރްއާން ފިޔަވައި އެހެން މަޞްދަރަކަށް ބަލާކަށް ނުޖެހޭނެއެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ ވަރަށް ގޯސް ވިސްނުމެކެވެ. އެހެނީ، އިސްލާމީ ޝަރީޢަތުގެ ގިނަ ކަންތައްތައް ސުންނަތަށް ރުޖޫޢަވުމަކާ ނުލައި، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން ޢަމަލުކުރުމީ މުސްތަޙީލު ކަމެކެވެ. އެ ގޮތުން، ނަމާދަކީ ދީނުގެ އެންމެ މުހިންމު އެއް ރުކުނެވެ. އެއީ އިސްލާމް ދީނުގެ ތަނބެވެ. ޝަހާދަތުގެ ދެ ކަލިމައަށް ފަހު ދީނުގައި އަދާކުރުމަށް އައިސްފައިވާ އެންމެ މުހިންމު ކަމަކީ ނަމާދުކުރުމެވެ. ނަމާދު ފަރުޟު ކުރެއްވިކަން ކީރިތި ޤުރްއާނުން އެނގޭން އޮތްކަމުގައިވީ ނަމަވެސް، ނަމާދު އަދާކުރާންވީ ގޮތެއް ކީރިތި ޤުރްއާނުގައި އައިސްފައެއް ނުވެއެވެ.  ހަމަ އެހެންމެ ފަރުޟުކުރެވުނީ ކިތައް ނަމާދު ކަމެއް ވެސް ކީރިތިޤުރްއާނުން އެނގޭކަށް ނެތެވެ. މި ކަންކަން އެނގެނީ ކީރިތި ރަސޫލާ zގެ ސުންނަތުންނެވެ. އެހެންކަމުން ނަމާދުކުރާންވީ ގޮތް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދަސްކޮށް ދެއްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (صَلُّوا كَمَا رَأَيْتُمُوْنِيْ أُصَلِّيْ)[2] މާނައީ: "ތިމަންކަލޭގެފާނު ނަމާދުކުރައްވަނިކޮށް ތިޔަބައިމީހުން ދުށް ގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށެވެ!" ހަމައެފަދައިން ޙައްޖުގެ އަޅުކަން އަދާކުރާންވީ ގޮތް ވެސް ދަސްކޮށްދެއްވަމުން އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (لِتَأْخُذُوْا مَنَاسِكَكُمْ)[3] މާނައީ: "ޙައްޖުގެ އަޅުކަން އަދާކުރާންވީ ގޮތް (ތިމަންކަލޭގެފާނުގެ ކިބައިން) ތިޔަބައިމީހުން ލިބިގަންނާށެވެ!" 

އިސްވެދިޔަ ދަލީލުތަކާއި މިނޫނަސް މި މާނައިގައި ވާރިދުވެފައިވާ ގިނަގުނަ ދަލީލުތަކުން އެނގޭ ގޮތުގައި، ރަސޫލު ﷲ zގެ  ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ މަޞްދަރެއްކަން ކަށަވަރުވެއެވެ. އެހެންކަމުން، ސުންނަތާ ނުލައި ދީނުގެ ޙުކުމްތައް ނޭނގޭނޭކަން އަހަރެމެން ދަންނާން ޖެހޭނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.  ---- މާނައީ: "(ތިމަންރަސްކަލާނގެ އެ رسولން ފޮނުއްވީ) ބަޔާންވެގެންވާ ހެކިތަކާއި، ފޮތްތަކާއިގެންނެވެ. އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނަށް قرآن ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށްދެއްވުމަށް ޓަކައެވެ. އަދި އެއުރެން ފިކުރުކުރުމަށް ޓަކައެވެ."

އިސްލާމީ ޝަރީޢަތުގެ ފުރަތަމަ މަޞްދަރުކަމުގައި ކީރިތި ޤުރްއާން ވީފަދައިން، ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތަކީ އެޝަރީޢަތުގެ ދެވަނަ މަޞްދަރުކަން ކަށަވަރެވެ. އެހެންކަމުން، ކީރިތި ޤުރްއާން ޤަބޫލުކުރިއަސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތް ޤަބޫލުނުކުރާ ނަމަ، އެއްވެސް މީހެއްގެ ދީން ފުރިހަމައެއް ނުވާނެއެވެ. ކީރިތި قرآنއާއި سنةއާ ދެމެދުގައި ވާ ގުޅުމަކީ، ޝަހާދަތުގެ ދެކަލިމަ، އެއްކަލިމަ އަނެއް ކަލިމައާ ދެމެދުގައި ވާ ގުޅުމެވެ. އެ ދެކަލިމައިގެ ގުޅުން ވަކިނުކުރެވޭނޭ ފަދައިން ކީރިތި قرآنއާ سنة ވަތްކެއްނުކުރެވޭނެއެވެ. ޙަޤީޤަތަކީ މިއީ ކަމުގައިވީ ނަމަ ވެސް، ސުންނަތް ދޫކޮށްލައި ހަމައެކަނި އަހަރެމެން ޤަބޫލުކުރާނީ ޤުރްއާނޭ ބުނާނޭ ބަޔަކު ފަހު ޒަމާނުގައި އަންނާނޭކަމުގެ ޚަބަރު ރަސޫލާ z ވަނީ އުއްމަތަށް ދެއްވައިފައެވެ. އަދި މިފަދަ މީހުންނާ މެދު ރައްކާތެރިވެ ތިބުމަށް ވެސް އެކަލޭގެފާނުވަނީ އިރުޝާދުދެއްވައިފައެވެ. އެކަލޭގެފާނުގެ ސުންނަތަށް އިންކާރުކުރާ ބައެއް މީހުން ބުނަނީ އަހަރުމެންނާ ހަމައަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތް އައިސްފައިވަނީ އެހައި އިތުބާރު ހުރި ގޮތަކަށް ނޫންކަމަށެވެ. އެހެންކަމުން އެއީ ޤަބޫލުކުރެވޭނޭ އެއްޗެއް ނޫންކަމަށް ވެސް އެބައިމީހުން ބުނެއެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި މިއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ. އެހެނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ދީނުގެ ބައެކެވެ. އެ ދީން ކީރިތި ﷲ ވަނީ ޤިޔާމަތާ ހަމައަށް ދާންދެން ރައްކާތެރިކުރައްވާނޭކަމަށް ވަޢުދުވެވޮޑިގެންފައެވެ. އެކަލޭގެފާނުގެ ސުންނަތް އަހަރެމެންނާ ހަމައަށް އައިސްފައިވަނީ، ޤުރްއާން ވެސް އަހަރެމެންނާ ހަމައަށް އައިސްފައިވާ ރޮނގުންނެވެ. އެހެންކަމުން ޤުރްއާނާ ސުންނަތް ރައްކާތެރިކުރެވިގެން މެނުވީ ދީން ރައްކާތެރިއެއް ނުކުރެވޭނެއެވެ. އަދި ފުރިހަމައެއް ވެސް ނުވާނެއެވެ. جابر رَضِيَ عَنْه ވިދާޅުވިއެވެ. اَلْـمِقْدَامُ بْنُ مَعْدِي كَرِب رَضِيَ عَنْه ވިދާޅުވަނިކޮށް އަހުރެން އަޑުއެހީމެވެ. 

ޚައިބަރު ހަނގުރާމައިގެ ދުވަހު ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަންތައްތަކެއް ޙަރާމްކުރެއްވިއެވެ. އެއަށް ފަހު ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނުގެ ބަސްފުޅު ދޮގުކުރާ ބަޔަކު އަންނާނޭ ދުވަސް އައުން ވަރަށް ގާތްވެއްޖެއެވެ. އެ ފަދަ މީހަކަށް ތިމަންކަލޭގެފާނުގެ ޙަދީޘްފުޅު އިވޭ ހިނދު (ބޮޑާކަމާ އެކު) ބޮޑު ގޮނޑީގައި ލެނގިގެން އިނދެ ބުނާނެއެވެ. އަހަރެމެންނާ ތިޔަބައިމީހުންނާ ދެމެދު މި ވަނީ ﷲގެ ފޮތެވެ. ފަހެ މި ފޮތުގައި ޙަލާލުކަމުގައި އައިސްފައިވާ ކަމެއް ނަމަ އެއީ ޙަލާލުކަމެއް ކަމުގައި އަހަރެމެން ބަލައިގެންފާނަމެވެ. އަދި މި ފޮތުގައި ޙަރާމްކަމެއްކަމުގައި އައިސްފައިވާ ކަމެއް ނަމަ، އެއީ ޙަރާމްކަމެއްކަމުގައި ބަލައިގެންފާނަމެވެ. އެއަށް ފަހު، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން ﷲގެ ރަސޫލާ ޙަރާމްކުރެއްވި ކަންތައް، ﷲ ޙަރާމްކުރެއްވި ކަންތައްފަދައެވެ."[4] 

ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (كُلُّ أُمَّتِىْ يَدْخُلُوْنَ الْـجَنَّةَ إِلَّا مَنْ أَبَى، قَالُوْا: يَا رَسُوْلَ اللهِ وَمَنْ يَأْبَى؟ قَالَ: مَنْ أَطَاعَنِيْ دَخَلَ الْـجَنَّةَ ومَنْ عَصَانِيْ فَقَدْ أَبَى)[5] މާނައީ: "ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ދެކޮޅުހަދައިފި މީހަކު މެނުވީ އެންމެން ވެސް ސުވަރުގެ ވަންނަ ހުއްޓެވެ. އެހިނދު އަޞްޙާބު ބޭކަލަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ސުވަރުގެ ވަންނާން ދެކޮޅު ހަދާނީ ފަހެ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ކިޔަމަންގެންފި މީހެއް ނަމަ ސުވަރުގެ ވަންނަ ހުއްޓެވެ. އަދި ތިމަން ކަލޭގެފާނަށް ނުކިޔަމަންތެރި ވެއްޖެ މީހާ ހަމަކަށަވަރުން ދެކޮޅު ހަދައިފިއެވެ!" ﷲގެ ރުއްސެވުން ލިބޭހުށީ އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ކިޔަމަންގަނެގެންކަން ތިޔަބައިމީހުން ދަންނާށެވެ! އެހެންކަމުން މި ފަދަ ކަންކަމާ މެދު ވިސްނައި ފިކުރުހިންގައި މާތް ﷲއަށް ބިރުވެތިވެ ދީނުގެ ދެ އަސްލުކަމުގައިވާ ކީރިތި ޤުރްއާނާއި ކީރިތި މާތްރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތުގައި ހިފަހައްޓައިގެން ތިބޭށެވެ! މާތް ﷲ ތިޔަ އެންމެތަކުންނަށް ރަޙްމަތްލައްވާށިއެވެ. އާމީން!

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު