އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު
ގުޅިފަޅުގެ ހިއްކާފައިވާ ސަރަޙައްދަށް ގޯތިތައް ބަދަލުކޮށް މިމަހުގެ ތެރޭގައި ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދައިދޭން ފަށާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްޠަލިބު ވިދާޅުވި ގޮތުގައި، ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިޢުލާން ކުރީ ކުރީ ސަރުކާރުގައި 2023 ވަނަ އަހަރުގެ އޮގަސްޓު 24 ވަނަ ދުވަހުއެވެ. އޭރުގެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަންޖެހޭ މުހިންމު ބައިތައް ނެތުމާ ގުޅިގެން މި ސަރުކާރުން ވަނީ އެ ޕްލޭން ބަދަލުކޮށް 2024 ވަނަ އަހަރުގެ އޮކްޓޯބަރު 27 ވަނަ ދުވަހު އައު ޕްލޭނެއް އިޢުލާނުކޮށްފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ގޯތިތަކުގެ ރަޖިސްޓްރީ ވީހާވެސް އަވަހަކަށް ދެއްވުން ކަމަށްވުމާއެކު، ގުޅީފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަޙައްދުން ދިނުމަށް ނިންމައި ޕްލޭނަށް ބަދަލު ގެނެސް މިހާރު ވަނީ ގެޒެޓުކޮށްފައެވެ.
"މި ބަދަލު ގުޅީފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރައްވާ ޖަމްޢިއްޔާއާ ޙިއްސާކުރެވި ބިންތައް ދޭނެ ގޮތަކާމެދު ވަނީ މަޝްވަރާކުރެވިފައި. މާތްﷲ ގެ އިރާދަފުޅާއެކު މިމަހުގެ ތެރޭގައި ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދައިދޭން ފެށޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މި ގެނެވުނު ބަދަލާއެކު ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަޙައްދަށް ބަދަލުކުރެވިފައިވެއެވެ. އަދި ސާވޭ ނިމުނުހާ އަވަހަކަށް ޙަވާލުކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ޙަވާލުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
Advertisement
18 މެއި 2025