އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހިރާއްޖޭގެ ކުޅިވަރު ޙަޔާތުގައި މިއަދަކީ މުހިންމު ޞަފުޙާއެއް ހުޅުވިގެންދާ ދުވަހެއް: ރައީސް

ދިވެހިރާއްޖޭގެ ކުޅިވަރު ޙަޔާތުގައި މިއަދަކީ މުހިންމު ޞަފުޙާއެއް ހުޅުވިގެންދާ ދުވަހެއް: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

މާތް ﷲ ގެ ވާގިފުޅާއެކު މިއަދު އެޅިގެން މިދަނީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، އަދި ދިވެހިރާއްޖޭގެ ކުޅިވަރު ޙަޔާތުގައި މިއަދު ހުޅުވިގެން މި ދަނީ ވަރަށް މުހިންމު ޞަފުޙާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް ގެނެވުނު ފުރަތަމަ އިޞްލާޙާއިއެކު ކުޅިވަރު ކުރިއެރުވުން ލާމަރުކަޒުވެ، ކުޅުންތެރީންނަށް ފުރުޞަތު ފަހިވެ، ކޮންމެ ދާއިރާއަކުންވެސް ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ކުޅިވަރު ކުރިއަރުވައި ތަރައްޤީ ކުރުމުގައި މިއަދު އަޅުގަނޑުމެން ކުރިއަށް މި އަޅަނީ ވަރަށް ތާރީޚީ އަދި ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން ނޫސްވެރިން ދެންނެވި ސުވާލުތަކަށްވެސް ޖަވާބުދެއްވާފައެވެ. އެގޮތުން، ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއެކު ޤާއިމުކުރެވޭ ޤައުމީ ކުޅިވަރު ފަންޑުގެ އެހީގައި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ ޚަރަދު ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަލަށް ގެނެވުނު ބަދަލުތަކާއިއެކު އުވޭ ކުޅިވަރު ކުންފުނީގެ މުވައްޒަފުންނަށް އެހެން ފުރުޞަތުތައް ހޯއްދަވައިދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް ގެނައި އިޞްލާޙުގެ ސަބަބުން ދެފުށްފެންނަ މިންވަރު އިތުރުކުރެވި، ހިންގުން ހަރުދަނާކުރެވި، ގުޑްގަވަރނަސްގެ އުސޫލުން ކަންކަން ކުރެވޭނެ ފިޔަވަޅުތަކެއް ފަހިވެ، ކަށަވަރުކުރެވިގެންދާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ކުޅިވަރު ކުރިއެރުވުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދޭ މޮޅު ކުޅުންތެރީންނަށާއި އެތުލީޓުންނަށް، ޤައުމީ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށް ދިއުމާއި، ހުނަރު ތަރައްޤީކުރުމުގެ ފުރުޞަތު މި ބަދަލާއެކު އަދަށް ވުރެ ފަހިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއަދު މި ތަސްދީޤުކުރެއްވި ބިލުގެ ސަބަބުން، ކުޅިވަރުގެ ދާއިރާއަށް އަންނާނެ އެންމެ ހެޔޮ ބަދަލަކީ، ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއަދުން ފެށިގެން ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ޤާނޫނީ ބާރުވެރިކަން ފުރިހަމައަށް ލިބިފައިވާ ކުޅިވަރުގެ އިދާރާއަކަށް ވެގެން ދިއުމާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ކުޅިވަރުގެ މައިދާނުން ހަމަހަމަ ފުރުޞަތުތަކެއް ލިބޭނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. ހަމަ މިއާއެކު، ކުޅިވަރުގެ މައިދާނުގައި ޖިންސުގެ ތަފާތުކުރުންތައް ގެންގުޅެގެން ނުވާނެކަން، ޤާނޫނެއްގައި ލިޔެވިގެން ތަސްދީޤުކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު