އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1 ކިލޯއަށްވުރެ ގިނަ މިންވަރެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މި މަސްތުވާތަކެތި ހިފަހައްޓާފައިވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
ކަސްޓަމްސްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަސްތުވާތަކެތި ހިފަހައްޓާފައިވަނީ 2025 އޭޕްރީލް 27 ވަނަ ދުވަހުއެވެ. އެ ޕެކޭޖްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުން މި މަސްތުވާތަކެތި ފެނިފައިވެއެވެ.
ހިފަހައްޓާފައިވާ މަސްތުވާތަކެތީގެ ފުރަތަމަ މަރުހަލާގެ ތަހުލީލު ނަތީޖާއިން ދައްކާގޮތުގައި މިއީ ކޮކެއިން (Cocaine) އެވެ. މި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ ޕެކިންއާއެކު 1020 ގްރާމެވެ. އަދި މި މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 2.5 މިލިއަން ދިވެހި ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި، ހިފަހައްޓާފައިވާ މަސްތުވާތަކެތި ވަނީ ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފާއިތުވި އަހަރުތަކުގައިވެސް ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ މައްސަލަތައް އިތުރުވަމުން އައިސްފައިވާއިރު، ކަމާބެހޭ އިދާރާތަކުން މިފަދަ މައްސަލަތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރެވެއެވެ.
Advertisement
19 މެއި 2025