އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފެއްދުންތެރިކަމުގެ މައުރަޒު 2025 ވަރަށް ކާމިޔާބު، އަންނަ އަހަރުވެގެންދާނީ އުފެއްދުންތެރިކަމުގެ އަހަރަކަށް: ރައީސް

އުފެއްދުންތެރިކަމުގެ މައުރަޒު 2025 ވަރަށް ކާމިޔާބު، އަންނަ އަހަރުވެގެންދާނީ އުފެއްދުންތެރިކަމުގެ އަހަރަކަށް: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 23 ސިކުންތު

މިހާރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަކީ ވަރަށް ކާމިޔާބު މައުރަޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި މައުރަޒުގެ މަޤްޞަދަކީ ދިވެހިންގެ އުފެއްދުންތެރިކަމަށް ފުރުޞަތު ދިނުން ކަމަށާއި، ވަރަށް ގިނަ ބޭފުޅުން އެ ފުރުޞަތުގެ ބޭނުން ވަރަށް ބޮޑަށް ހިފައިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިއީ ވަރަށް ގިނަ އަހަރުތަކަކަށްފަހު އަލުން ފެށުނު ކަމެއް ކަމަށާއި، ރައްޔިތުން މިކަން ވަރަށް ބޮޑަށް ބަލައިގެންފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މައުރަޒުގައި އައިޓީ އާއި ޑިޖިޓަލް ދާއިރާގެ ވަރަށް އުފެއްދުންތެރި މަސައްކަތްތަކެއް ހިމެނިފައިވާކަން ފާހަގަކުރެއްވިއެވެ.

" އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަކީ ވަރަށް ކާމިޔާބު މައުރަޒެއް. އެއީ އަޅުގަނޑުމެންގެ މަގްސަދަކަށްވީ ދިވެހިންގެ އުފެއްދުންތެރިކަމަށް ފުރުސަތު ދިނުން. އެ ފުރުސަތުގެ ބޭނުން ވަރަށް ބޮޑަށް ފުޅާކޮށް ހިއްޕަވައިފި ވަރަށް ގިނަ ބޭފުޅުން. މިއީ ފެށުމެއް. ފެށުމެކޭ މި ދެންނެވީ ވަރަށް ގިނަ އަހަރުތަކަކަށްފަހު މި ފެށުނީ، ރިސްޓާޓްވީ. ރީސްޓާޓްވިއިރު މި ފެށުން ރައްޔިތުން ވަރަށް ބޮޑަށް ބަލައިގެންފިކަން ފެނިގެންދަނީ. ރޭގަވެސް ކޮންމެވެސް ވަރަކަށް ބަލާލިން. އަޅުގަނޑު ހީކުރީ މި ނިމުނީ ކަމަށް އެކަމަކު އަޅުގަނޑު ދަންނަވާލާނީ ތިންބައިކުޅަ އެއްބައި ތިފެނުނީ. ދެން ވަރަށް ބޮޑަށް އުފާކުރަން މިތަނުން ބޮޑަށް މިފެންނަނީ އައިޓީ، ޑިޖިޓަލް ދާއިރާ ވަރަށް ކްރިއޭޓިވް. " ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމުކުރުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގެ މުހިންމު ވަޢުދެއް ކަމަށާއި، 2030 އާ ހަމައަށް މުޅި ޖީޑީޕީގެ 15 ޕަސެންޓަކީ ކްރިއޭޓިވް އިންޑަސްޓްރީއަށް ކޮންޓްރިބިއުޓްކުރާ އެއްޗަކަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ފެންނަމުންދާ ޝައުޤުވެރިކަމަށް ބަލާއިރު، މި ލަނޑުދަނޑި އެއަށްވުރެ ކުރިން ހާސިލުކުރެވިދާނެ ކަމަށް ފެންނަ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ހާމަކުރެއްވި ގޮތުގައި، އަންނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުމަށް ރޭވިފައިވެއެވެ. މިކަމަކީ ސަރުކާރާއި އުފެއްދުންތެރިންނާ ގުޅިގެން ހިންގޭ ވަށާޖެހޭ ޕްރޮގްރާމެއް ކަމަށާއި، މިކަމުގެ މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވިއެވެ.

"ދަންނަވާލަން ބޭނުންވަނީ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވެލެއްވި ހުރިހާ ފަރާތްތަކަށްވެސް، އަޅުގަނޑުމެން މިތިބީ ތިބޭފުޅުންނާއެކުގައޭ، އެއީ ތިބޭފުޅުންނާއެކުގައި މިގައުމު ތަރައްގީކުރުމަށް، އަމިއްލަ މުއްސަދިކަމާ، ގައުމަށް މުއްސަދިކަން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރިޔަށްދާނަމޭ." ރައީސް ވިދާޅުވިއެވެ.

ނިންމާލަމުން ރައީސް މުއިއްޒު ވިދާޅުވީ، އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވި ހުރިހާ ފަރާތްތަކާއެކު ޤައުމު ތަރައްޤީކުރުމަށާއި، އަމިއްލަ މުއްސަނދިކަމާއި ޤައުމަށް މުއްސަނދިކަން ހޯދައިދިނުމަށް ކުރިއަށްދާނެ ކަމަށެވެ.

މި މައުރަޒުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ގައިދީންގެ ހުނަރާއި މަސައްކަތްތައް ދައްކާލައިފައި ވަނީ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ) މެދުވެރިކޮށެވެ.

އެގޮތުން މި މައުރަޒުގައި ބައިވެރިކުރި އައިޓަމްތަކުގެ ތެރޭގައި 21 ގައިދީންގެ 16 އައިޓަމް އާއި ހަތަރު އޮފިސަރުންގެ ހަތަރު އައިޓަމް ހިމެނެއެވެ.

ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަގްސަދުގައި ވިޔަފާރި އާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މި މައުރަޒު ބާއްވަން ނިންމާފައި ވަނީ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި މައުރަޒަކީ އެ ވުޒާރާއާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެން ކުރިއަށް ގެންދާ މައުރަޒެކެވެ.

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު