އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 30 ސިކުންތު
ދުނިޔޭގައި ފާހަގަކުރާ ދުވަސްތައް ގިނަވެއްޖެއެވެ. މިގޮތަށް ގިނަވަމުންދާނަމަ ކަލަންޑަރުގެ ކޮންމެ ދުވަހަކީވެސް ކޮންމެވެސް ކަމަކާއި ގުޅުވައިގެން ފާހަގަކުރާ ދުވަހަކަށްވުން އޮތީ ދާދި ގާތުގައެވެ. ސުވާލަކީ ކަލަންޑަރުގެ ކޮންމެ ދުވަހަކީވެސް ކޮންމެވެސް ކަމަކާއި ގުޅުވައިގެން ފާހަގަކުރާ ދުވަހަކަށް ހެދިއްޔާ އެކަމުން ތިބާގެ އެންމެ މުހިންމު ދުވަހަށް އެއްވެސް ފައިދާއެއް ކުރާނެ ހެއްޔެވެ؟
މުސްލިމުންގެ ތެރެއިންވެސް އެތައް ބައަކު އެމީހުންގެ އުފަން ދުވަސް ފާހަގަކުރަން ބޮޑެތި ހަފްލާތައް ބާވައެވެ. ގިނަބައަކަށް ދަޢުވަތުދެއެވެ. އެކަމަށް ބޮޑެތި ހޭދަތަކެއް ކުރެއެވެ. އެހެނަސް މިއީ ﷲ ތަޢާލާ ކުރަން އަންގަވާފައިވާ ކަމެއް ނޫނެވެ. އެއީ ދުނިޔެއަށް އުފަންވި ދުވަހަކީ އެއްވެސް މުހިންމު ދުވަހަކަށް ނުވާތީއެވެ.
މިއަދު މީސްތަކުން އެންމެ ބޮޑަށް ޣާފިލުވެގެން މިއުޅެނީ އެދުވަހަކަށް ސަމާލުވެ ރައްކައުތެރިވާން ﷲ ތަޢާލާ އަންގަވާފައިވާ ދުވަހަށެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތަށް އެނބުރި ދާންޖެހޭނެ ދުވަހެވެ.
"އެދުވަހެއްގައި، اللَّه ގެ ޙަޟްރަތަށް ތިޔަބައިމީހުން ރުޖޫޢަ ކުރައްވާނޭ ދުވަހަކަށް، ތިޔަބައިމީހުން ރައްކާތެރިވެ ބިރުވެތިވާށެވެ! ދެން، ކޮންމެ ނަފްސަކަށްމެ، އެ ނަފަސެއް ހޯދި ކަމެއްގެ ޖަޒާ (އެދުވަހުން) ލިބޭނެތެވެ. އަދި، އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ."
(އަލް ބަޤަރާ: 281)
އެދުވަހަކީ ކޮބައިކަން ﷲ ތަޢާލާ ވަނީ ވަންހަނާ ކުރައްވަވައިފައެވެ. އެއީވެސް ޙިކުމަތަކަށެވެ. ދުނިޔޭގައި އުޅޭނެހައި ގޮތަކަށް އުޅެ ކުރާނެހައި ކަމެއް ކޮށްފައި އެދުވަހު ތައުބާވެ ހެޔޮ ޢަމަލުކުރާ މީހަކަށް ނުވުމަށްޓަކައެވެ. އެކަމުންވެސް އަނަގައިދެނީ ކޮންމެ ދުވަހަކީވެސް އެދުވަހަށް ވެދާނެކަމަށްޓަކައި އެކަމަށް އަބަދު ތައްޔާރަށް ހުންނަންޖެހޭނެ މިންވަރެވެ!
އެދުވަހުގެ ކަންތަކާއިބެހޭ ގޮތުން ކުރިއަށް ހިނގާށެވެ! އެދުވަސް ފެށެނީ ކޮން ވަޤުތަކުކަން އެނގޭހެއްޔެވެ؟ އެވަޤުތުވެސް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެވަޤުތު ޖެހުމުން އެމީހާގެ ފުރާނަ ހިއްޕަވަން ﷲ ތަޢާލާ މަލާއިކަތުން ފޮނުއްވަވާނެތެވެ. ސުވަރުގޭގެ ހުވަނދާއި ފޭރާން އެބޭކަލުންގެ އަތްޕުޅަށް ދެއްވަވައިފައެވެ. ނުވަތަ އެމީހަކަށް ޙައްޤުވެގެންވަނީ ނަރަކަ ކަމަށްވާނަމަ ނަރަކައިގެ ފޭރާން ދެއްވަވާފައެވެ. އެކަމުންވެސް އެނގިގެންދަނީ އަހުރެމެން ދުނިޔޭގައި ތިބެ ކުރާ ހުރިހާ ޢަމަލުތަކެއް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާކަމެވެ. އެމީހަކީ ސުވަރުގެ ޙައްޤު މީހަކުކަން ނުވަތަ ނަރަކަ ޙައްޤު މީހަކުކަން ކަނޑައަޅުއްވަވަނީ އެމީހަކު ދުނިޔޭގައި ހުރެ ކުޅަ ހުރިހާ ކަންކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާތީއެވެ.
"---ދެން، ކޮންމެ ނަފްސަކަށްމެ، އެ ނަފަސެއް ހޯދި ކަމެއްގެ ޖަޒާ (އެދުވަހުން) ލިބޭނެތެވެ. އަދި، އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ." ވަޙީކުރައްވަވާފައި އެއޮތީ އެކަންކަމަށް ޝައްކުކުރަންވެސް ނުޖެހޭނެތީއެވެ.
މީސްތަކުންނޭވެ! އަބަދުވެސް މަރަށް ތައްޔާރުވެހުންނަންޖެހެނީ މި ބަޔާންކުރި ސަބަބުތަކަށްޓަކައެވެ. ﷲ ތަޢާލާ ނަހީކުރެއްވެވި އެއްވެސް ކަމެއް ނުކޮށް އެކަންކަން ކުރުމަށް އަންގަވާފައިވާ ކަންކަން ކުރުންމަތީގައި ދެމިހުންނަންވީވެސް އެހެންވެގެންނެވެ.
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން
Advertisement
25 މެއި 2025