އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަސްކޮށް ޢަމަލުކުރަން އެންމެ ފައިދާހުރި ކަންތައް-: ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ދުވަސް ހޭދަ ކުރައްވަވާ ގޮތް-

ދަސްކޮށް ޢަމަލުކުރަން އެންމެ ފައިދާހުރި ކަންތައް-: ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ދުވަސް ހޭދަ ކުރައްވަވާ ގޮތް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 13 ސިކުންތު

ޢާއިޝަތު ރަފާޙް ޢަލީ

 

ޔަޤީންކަމަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވެވި ގޮތަށް ޢަމަލުކުރަން މަސައްކްތްކުރާ މީހަކަށް ސުންނަތް ދިރުވި ކަމުގެ ޘަވާބު ދެއްވަވާނެކަމެވެ. ދެއްވަވާނެ މިންވަރު ދެނެވޮޑިގެންވަނީ ހަމަ އެކަނި ﷲ ތަޢާލާއެވެ. އަނެއްކާވެސް ބުނެލަން އޮތީ ސުންނަތަށް ތަބަޢަވެ ސުންނަތަށް ޢަމަލުކުރަން މަސައްކަތްކުރި މީހަކަށް ޮތީ ދުނިޔޭގައިވެސް އަދި ޢާޚިރަތުގައިވެސް އުފާވެރިކަމެވެ. 

ތިރީގައި އެވަނީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް، އިތުރު އެކަލޭގެފާނުގެ ދުވަސް ހޭދަކުރައްވަވާ ގޮތާއި ބެހޭ ގޮތުން ލިޔެވިފައިވާ ވަރަށް ކުރުކުރު ޚުލާޞާއެކެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އެންމެ ފުރަތަމަ އަވަހާރަފުޅުން ހޭފުޅު ލެއްވުމަށްފަހު، މިސްކިތުގައި އަޞްހާބުންނާ އެކީގައި ނަމާދު ކުރައްވަވައެވެ. ނަމާދު ނިމިވަޑައިގަތުމަށްފަހު، ނަމާދުކުރެއްވެވި ތަނުގައި އިށީނދެވަޑައިގެން އިންނަވައި، އިރު އަރަންދެން ﷲ ގެ މަތިން ހަނދުމަ ކުރައްވަވައެވެ.  ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ އަސްޙާބު ބޭކަލުން ވެސް މިގޮތަށް ޢަމަލު ކުރައްވައެވެ. ބައެއްފަހަރަށް އެގޮތަށް ތިއްބަވާއިރު އިސްލާމްދީން އައުމުގެ ކުރީގައި ހިނގާފައިވާ ޙާދިޘާތަކުގެ ވާހަކަތައް ދައްކަވާ ކަމުގައިވެއެވެ. އަސްހާބު ބޭކަލުން އެވާހަކަތައް އަޑުއައްސަވާފައި ހިނިވަރުނަ ކުރައްވާއިރު ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހިނިތުންވެލައްވައެވެ. 

ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޤަވާޢިދުން ޟުޙާ ނަމާދު ކުރައްވަވައެވެ. 4 ރަކުޢަތް ނުވަތަ އެއަށްވުރެ ގިނަ ރަކުޢަތް ކުރައްވާ ކަމުގައިވެއެވެ. އެގޮތުން ޢާއިޝާ ރަޟިޔަ ﷲ ޢަންހާ ވިދާޅުވެފައިވެއެވެ. "ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޤަވާޢިދުން ކޮންމެ ދުވަހަކު ޟުޙާ ނަމާދު ކުރައްވާއިރު 4 ރަކުޢަތް ނުވަތަ އެއައްވުރެ ގިނައިން ކުރައްވާ ކަމުގައިވެއެވެ." ޞަޙީޙް މުސްލިމް. 

ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ގެކޮޅުގައި ޢާއިލާއަށް ޚިދުމަތް ކުރުމުގައި ވަގުތުކޮޅެއް ހޭދަކުރައްވަވައެވެ. އެގޮތުން ބަކަރިއަށް ކާންދެއްވެވުމާއި، ލިބާސްކޮޅުގައި ފޮތި އެޅުއްވުމާއި، ފައިވާންޖޯޑުކޮޅު ފަދަ އެއްޗެހި މަރާމާތު ކުރައްވަވައެވެ. 

އަދި ނަމާދު ވަގުތު ޖެހުމުން ނަމާދަށް ވަޑައިގެން އިމާމްވެ ނަމާދު ކުރައްވައެވެ. އަދި ނަމާދުން ނިމިވަޑައިގެން އަސްހާބު ބޭކަލުންނާއި އެކީގައި މިސްކިތުގައި މަޑުކުރައްވަވައި ވާހަކަފުޅުދައްވާ ހައްދަވައެވެ. އެބޭކަލުންނަށް ކިޔަވައިދެއްވާ، އެބޭކަލުންނަށް ނަސޭހަތް ދެއްވަވާ، ޝަކުވާތައް އަޑު އައްސަވާ ދެމީހުންގެ ދެމެދުގައި ޖެހިފައިވާ މައްސަލަތައް ޙައްލު ކޮށްދެއްވާ ހައްދަވައެވެ. އެއަށްފަހު ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެކޮޅަށް ވަޑައިގަންނަވައެވެ. 

ޢާއިޝާ ރަޟިޔަ ﷲ ގެ އަރިހުގައި ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެކޮޅުގައި ކީއްކުރައްވަނީތޯ އެއްސެވުމުން ވިދާޅުވިއެވެ. އެހެން އިންސާނުން ފަދައިން، ހެދުން ދޮވެ ސާފުކޮށް، ބަކަރިއަށް ކާންދިނުމާއި، އަމިއްލަފުޅަށް ކަންކަން ކުރައްވާ ހައްދަވައެވެ. 

ބައެއްފަހަރަށް މަހެއް ނުވަތަ އެއަށްވުރެ ގިނައިން އެކަލޭގެފާނުގެ ގެކޮޅުގައި ކާނެ އެއްޗެއް ނުހުރެ ދެއެވެ. އަދި ބައެއްފަހަރަށް ހަމައެކަނި ކަދުރުކޮޅެއް ނުވަތަ ފެން އެކަނި ހުންނަ ފަހަރުވެސް ދެއެވެ. 

އަބޫހުރައިރާ ރިވާ ކުރައްވާފައިވާ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ކާއެއްޗެއްސަށް ފާޑުވިދާޅު ނުވެއެވެ. އެކަލޭގެފާނު ގަޔާވާ ކެއުމެއްނަމަ ފަރީއްކުޅިއްވައެވެ. ނަމަވެސް ގަޔާނުވާނަމަ ދޫކޮށްލައްވަވައެވެ. 

ރޭގަނޑުވުމުން ރަސޫލާ ޢިޝާ ނަމާދު ކުރެއްވުމަށްފަހު، މުސްލިމުންގެ ނުވަތަ އަޞްހާބުންނާއި މަޝްވަރާ ކުރައްވަން ޖެހިވަޑައިގަތް ކަމެއް އޮވެއްޖެނަމަ ވާހަކަދައްކަވަން މަޑުކުރައްވައެވެ. އެހެންނޫންނަމަ ޢާއިލާ އާއި އެކީގައި ވަގުތު ހޭދަކުރައްވައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް