އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު
މިދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރާ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭގެ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕިއޭ އިން ވަނީ 2024 އަދި 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 6 ން ފެށިގެން މިހިނގާ މެއި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ރިޕޯޓް ކުރެވުނު އަރިދަފުސް ރޯގާގެ ކޭސްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ.
އެގޮތުން މި މުއްދަތުގައި މިއަހަރު އަރިދަފުސް ރޯގާގެ 43882 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރު ރިޕޯޓް ކޮށްފައިވާ ކޭސްތަކުގެ އަދަދަކީ 36048 އެވެ.
އަރިދަފުސް ރޯގޭގެ އިތުރުން އިންފުލުއެންޒާ ވެސް ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު 50 ކޭސް ރިޕޯޓް ކޮށްފައިވާއިރު މިއަހަރު މި މުއްދަތުގައި 254 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ.
ނަމަވެސް މި މުއްދަތުގައި ކޮވިޑް ކޭސްތައް މާބޮޑު ތަފާތެއް ނާދެއެވެ. މިދިޔަ އަހަރު 38 ކޭސް ރިޕޯޓްކުރިއިރު މިއަހަރު ރިޕޯޓް ކުރީ 37 ކޭސް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އެޗްޕީއޭ އިން ބުނީ މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވެފައިވާއިރު، ކޮވިޑް އަދި އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައި ވަނީ މާލެ ސަރަހައްދުންކަމަށެވެ. އެހެން ކަމުން މިފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު ޑެންގީ ހުންޖެހިގެން ރިޕޯޓް ކުރެވުނު އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ދަށެވެ.
Advertisement
27 މެއި 2025