އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު
ކުޅުދުއްފުށި ސިޓީގައި ޒަމާނީ ވަޞީލަތްތަކާއެކު ތަރައްގީކުރާ ޓިވެޓް ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މުހިއްމު މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދެވެ.
27,600.2 އަކަފޫޓުގެ ބިމެއްގައި ތަރައްޤީކުރާ މި ސެންޓަރަކީ 3 ފަންގިފިލާއަށް އިމާރާތްކުރެރާތްކުރެވޭ ތަނެކެވެ. މި ސެންޓަރުގައި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން 7 ކްލާސްރޫމާއި، އައި.ސީ.ޓީ ލެބޯޓަރީއާއި، އިދާރީ ޚިދުމަތްތަކަށް ޚާއްޞަ ސަރަހައްދެއް ހިމެނޭނެއެވެ. މީގެ އިތުރުން ސްޓާފް ރޫމަކާއި، ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ ސަރަޙައްދެއްގެ އިތުރުން އޮޑިޓޯރިއަމަކާއި، މީޓިންގ ރޫމްތަކާއި، ސްޓަޑީ ރޫމްތަކާއި ލައިބްރަރީއެއްވެސް ހިމެނޭނެއެވެ.
މި ސެންޓަރުގައި 3 ފަންގިފިލާއަށް ހަދާ ދަނާލެއްގައި 32 ޝެއަރިންގ ރޫމް ހުންނާނެއެވެ. އަދި ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކިޗަނަކާއި ޑައިނިންގ އޭރިއާއެއް ހިމެނޭނެއެވެ. މީގެ އިތުރުން ލޯންޑްރީ ފަދަ ޚިދުމަތްތަކާއި، ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ އެކްޓިވިޓީ އޭރިއާއަކާއި ޖިމެއްވެސް ހުންނާނެއެވެ.
މި ޓިވެޓް ސެންޓަރުގައި ކިޔަވައިދިނުމުގެ ޒަމާނީ ވަޞީލަތްތަކާއެކު، ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއާ ގުޅުންހުރި ތަފާތު ލެވެލްތަކުގެ ކޯސްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގައި ކުރިއަށްދާ އެކިކަހަލަ ސިނާޢީ މަސައްކަތަށް ބޭނުންވާ ފަންނުވެރިން ބިނާކުރުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢަކީ އާރް.ޑީ.ސީ އާ ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މި ސެންޓަރު ނިމުމުން، ހއ. އަތޮޅާއި ހދ. އަތޮޅުގެ ޒުވާނުންނަށް ފަންނީ ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
Advertisement
28 މެއި 2025