އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު
ދައުލަތުގެ ބަޖެޓުން ރިކަރަންޓް ޚަރަދަށް މިހާތަނަށް ކުރި ހޭދަ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 3.8 އިންސައްތައިން ދަށްވެ، އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 70.3 އިންސައްތައިން އަދި ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ 15.7 އިންސައްތައިން ދަށްކޮށްފިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ 22 މެއި 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ފާއިތުވެދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ރިކަރަންޓް ޚަރަދުގެ 60.9 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ މަސައްކަތްތަކަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މިފަދަ ޚަރަދަށް ހޭދަކޮށްފައިވާ މިންވަރާ އަޅައިބަލާއިރު 8.7 އިންސައްތަ ދަށް ޢަދަދެކެވެ.
ރިކަރަންޓް ޚަރަދުތަކަށް ބަލާއިރު، އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 70.3 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ޚަރަދު ވަނީ 27.1 އިންސައްތައިން ދަށްވެފައެވެ. ހަމައެހެންމެ، ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ މިވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 15.7 އިންސައްތައިން ދަށްވެފައެވެ. މި ޚަރަދުތައް ދަށްކުރެވިފައިވީ ނަމަވެސް، އާސަންދައަށާއި، ޚިދުމަތްދިނުމުގެ ބޭނުމަށް ހޯދާ ތަކެއްޗަށާއި، ލޯނުގެ ޚިދުމަތަށް ޚަރަދުކޮށްފައިވާ މިންވަރު، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު އިތުރެވެ.
މިއާއެކު، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 13.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 17.9 އިންސައްތަ ދަށް ޢަދަދެކެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ޚަރަދު 3.8 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 64.2 އިންސައްތައިން ދަށްވެފައެވެ. އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް 1.1 ބިލިއަން ރުފިޔާގެ ސަރޕްލަސްއަކަށް ވަނީ އަރައިފައެވެ.
ހަބަރު: ސަރުކާރު
Advertisement
28 މެއި 2025