އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު
މިއަހަރުގެ ހައްޖު މޫސުމުގައި ދިވެހިރާއްޖެއިން ހައްޖަށް ދާ މީހުންގެ ތެރެއިން 50 އިންސައްތަ މީހުން ދަތުރުކުރާނީ ޤައުމީ އެއަރލައިން އައިލެންޑް އޭވިއޭޝަންގައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވިދާޅުވީ، ފަހުގެ ތާރީޚެއްގައި ދިވެހި ޙައްޖުވެރިން ޤައުމީ އެއަރލައިނުގައި ފޮނުވޭ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. މިކަމަކީ ދިވެހި ހައްޖުވެރިންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އިއްޔެ ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ފުރާފައެވެ. އަދި އަންގާރަންގާރަ، ބުރާސްފަތި އަދި ހުކުރު ދުވަހުވެސް ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ.
ހައްޖުވެރިންގެ ދަތުރު ފަސޭހަކުރުމަށްޓަކައި، ސަރުކާރުން ވަނީ މާލެއާއި ހުޅުމާލެއިން އެއަރޕޯޓަށް ދިއުމަށް ޚާއްޞަ ބަސް ދަތުރުތަކެއް ހަމަޖައްސާފައެވެ. މާލެއިން 3 ރޫޓަކުން އަދި ހުޅުމާލެއިން 2 ރޫޓަކުން ބަސް ދަތުރުތައް ހަމަޖެހިފައިވާއިރު، މި ދަތުރުތައް ފެށުނީ ހެނދުނު 10:30 ގައެވެ.
މި އިންތިޒާމްތަކަކީ ކުރީ އަހަރުތަކެކޭ އެއްގޮތަށް ސަރުކާރުން ހައްޖުވެރިންނަށް ފޯރުކޮށްދޭ ޚާއްޞަ ޚިދުމަތްތަކެކެވެ. މިކަމުން ހައްޖުވެރިންނަށް އެއަރޕޯޓަށް ދިއުމުގައި ދިމާވާ ދަތިތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.
މިއަހަރުގެ ހައްޖު މޫސުމަކީ ދިވެހި ހައްޖުވެރިންނަށް އިތުރު ފަސޭހަތަކަކާއެކު ފާހަގަކުރެވޭ މޫސުމަކަށް ވާނެއެވެ. ޤައުމީ އެއަރލައިންގެ ބޭނުން ހިފުމާއި، ފަސޭހަ ދަތުރުފަތުރުގެ އިންތިޒާމްތަކާއެކު، ހައްޖުވެރިންނަށް މި އަޅުކަން އަދާކުރުމަށް އިތުރު ހިތްވަރަކާއި ފަސޭހައެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
Advertisement
27 މެއި 2025