އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު
ދިވެހިރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ކުންފުނި ދިރާގުން ދަޢުލަތުގެ ބެލުމުގެދަށުގައި ތިބި ކުދިންނަށް 230،380 ރުފިޔާ ހަދިޔާކޮށްފިއެވެ. މި ފައިސާ ހަދިޔާކޮށްފައިވަނީ "ޑޮނޭޓް އޮން ދިރާގު އެޕް" މެދުވެރިކޮށެވެ.
ދިރާގުން މައުލޫމާތު ދެއްވިގޮތުގައި، މި ފައިސާގެ ތެރޭގައި ހިމެނެނީ ދިރާގުން ސީދާ ހަދިޔާކުރި 150،000 ރުފިޔާއާއި، ވޭތުވެދިޔަ ރަމަޟާން މަހު ދިރާގު އެޕް މެދުވެރިކޮށް އާންމުންގެ އެކި ފަރާތްތަކުން ހަދިޔާކޮށްފައިވާ ފައިސާއެވެ.
މި ފައިސާ ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް ރަޝީދެވެ. އަދި އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ފަރާތުން މި ފައިސާއާއި ހަވާލުވެވަޑައިގަތީ ވަޒީރު ޑރ. އާއިޝަތު ޝިހާމެވެ.
ދިރާގުން މި ފައިސާ ހަދިޔާ ކޮށްފައިވަނީ ފިޔަވަތި، އަމާން ވެށި އަދި އަމާންހިޔާއަށެވެ. މި ހިޔާތަކަކީ އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރސް (އެފްސީއެސްސީ) މެދުވެރިކޮށް ދައުލަތުގެ ދަށުން ކުދިން ބަލަހައްޓާ ހާއްސަ ހިޔާތަކެކެވެ.
މި ހަދިޔާއަކީ ދިރާގުން ކުރިއަށްގެންދާ އިޖުތިމާޢީ ޒިންމާގެ ޕްރޮގްރާމްގެ ބައެކެވެ.
Advertisement
27 މެއި 2025