އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު
ދިރިއުޅެން ކުރާ މަސައްކަތުގައި ކުރިއަރައިނުދާނމަ، ލިބޭ ޢާމްދަނީ މަދުވާނަމަ ކޮންމެ މީހަކުވެސް ކންބޮޑުވާނެއެވެ. ދެރަވެސްވާނެއެވެ. މާޔޫސްވެސްވާނެއެވެ. ނަމަވެސް ބުނަންހެއްޔެވެ؟ އެހިސާބުން އަދި ދެރަވެ މާޔޫސްނުވާށެވެ!
މިފަދަ މައްސަލަތަކުގައި ކަންބޮޑުވެ މަޝްވަރާކުރާ މީހުންގެ ގާތުގައި ބުނަމެވެ. ފުރަތަމަ ކަމަކަށް އިޚްލާޞްތެރިކަމާއިއެކު ތިބާގެ ނިޔަތް ބަދަލުކޮށްލައިބަލާށެވެ! ތަނަވަސްކަން އިތުރުކުރަން މަސައްކަތްކުރަނީ އަމިއްލަ ބޭނުންތައް ފުއްދަން ކަމުގެ ވިސްނުން ދޫކޮށްލާށެވެ! އަދި މަޤްޞަދަކީ ވެވުނުވަރަކުން ދަތިޙާލުގައި ތިބި މީހުންނަށް އެހީތެރިވުން ކަމުގައި ހަދާށެވެ.
އެއަށްފަހު މިހާރުލިބޭ މަދު އާމްދަނީންވެސް ކޮންމެވެސް މިންވަރެއް ﷲ ތަޢާލާގެ މަގުގައި ހޭދަކުރަންފަށާށެވެ. ޔަތީމުންނަށާއި މިސްކީނުންނަށާއި ދަތިޙާލުގައި އުޅެންޖެހިފައިވާ ހުވަފަތް އަންހެނުންނަށާއި އެކަނިވެރި މައިންނަށް އިސްކަންދޭށެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން އެންމެ މީހަކަށް ނަމަވެސް އެހީތެރިވެދޭންފަށާށެވެ. ދުވަސް ފަށަނީ މީހަކަށް އެހީތެރިވެދިނުމުން ކަމަށް ހަދަން މަސައްކަތްކުރާށެވެ.
މިގޮތަށް ޢަމަލުކުރާއިރު ތިމާގެ އަމިއްލަ ޢާއިލާގައި ތިބި ދަތިޙާލުގައި އުޅެންޖެހިފައިވާ މީހުންނަށް އިސްކަން ދިނުމަކީ އެންމެ ރަނގަޅު ގޮތެވެ. އެހީތެރިޥާން މިބުނި ފަދަ މީހަކު ނުވަތަ ބައަކު ނެތް ޢާއިލާއެއް ވަރަށް މަދުވާނެއެވެ.
ދެން މިފަދައިން ދުޢާކުރަމުން ގެންދާށެވެ!
"ޔާ ﷲ! މިއަޅާކުރާ މަސައްކަތުގައި ބަރަކާތް ލައްވަވާނދޭވެ! މިއަޅާއަށް ރިޒުޤް އިތުރުކޮށްދެއްވަވާނދޭވެ! ދަތިޙާލުގައި ތިބި މީހުންނަށް އެހީތެރިވުމުގެ ކުޅަދާނަކަން މިއަޅާއަށް ދެއްވަވާނދޭވެ! ޔާ ﷲ! އިނބަ ﷲ އީ މީސްތަކުންނަށް އެހީތެރިވެވޮޑިގަތުމުގައި ދީލަތިވަންތަ އިލާހްއެވެ! މިއަޅާއަށް އެހީތެރިވެވޮޑިގެންދެއްވަވާނދޭވެ!" އާމީން
ދެން މިބުނަނީ އެންމެ ބޮޑު ކަންތަކެވެ. ކިތަންމެ ކުޑަ މިންވަރެއްވެސް އިސްރާފުނުކުރާށެވެ! ކުރަންނުޖެހޭ ޚަރަދެއް ނުކުރާށެވެ! ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއް ކުރަން އެއްވެސް މިންވަރެއް ޚަރަދުނުކުރާށެވެ! ތަނަވަސްކަން ލިބޭވަރަކުން އަމިއްލަ ޢާއިލާއަށް ޚަރަދުކުރުމުގައި ދީލަތިކަން އިތުރުކުރާށެވެ!
އެމީހަކަށް ރަހްމަތް ލައްވަވާނެތެވެ. އެމިހާ ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
30 މެއި 2025