އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޚުޠުބާ: ޢީދު ދުވަހު އޮތީ ޝުކުރުވެރިވުން! ޢީދުފާހަގަކުރުމުގެ ނަމުގަ ﷲ ރުހިވޮޑިނުގަންނަވާނެ ކަންކަން ކުރަން ހެޔޮނުވާނެ!

ޚުޠުބާ: ޢީދު ދުވަހު އޮތީ ޝުކުރުވެރިވުން! ޢީދުފާހަގަކުރުމުގެ ނަމުގަ ﷲ ރުހިވޮޑިނުގަންނަވާނެ ކަންކަން ކުރަން ހެޔޮނުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 57 ސިކުންތު

މުސްލިމް އަޚުންނޭވެ! މި މައްސަރުގެތެރޭގައި އަންނަ އަނެއް ދުވަހަކީ އަޟުޙާ ޢީދު ދުވަހެވެ. އަޟުޙާ ޢީދު ދުވަހަކީ އެހެން މީހުންނަށް ހެޔޮކަން ފޯރުވައި އެހީތެރިވުމުގެ ދުވަހެވެ. އަދި އުޟުޙިޔާ ކަތިލުމުގެ ދުވަހެވެ. އެއީ ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ  އެ ކަމަށް ބާރުއަޅުއްވައި، އެކަލޭގެފާނު ޢަމަލީ ގޮތުން އެ ކަން ކުރައްވައި ނަމޫނާ ދައްކަވައިފައިވާ ކަމެކެވެ. އުޟުޙިޔާ ކަތިލުމަކީ، ޙައްޖު މަހުގެ ދިހަވަނަ ދުވަހު އިރު އެރީއްސުރެ ތޭރަވަނަ ދުވަހުގެ އިރު އޮއްސިއްޖައުމަށް ދާންދެން ގެރި ބަކަރި، ޖަމަލު ފަދަ ނަޢަމްސޫފި اللهގެ މަގުގައި ޤުރުބާންކުރުމެވެ. އުޟުޙިޔާ ކަތިލުމަކީ ތަނަވަސްކަން ލިބިގެންވާ މީހުންނަށް ގަދަވެގެންވާ ސުންނަތެކެވެ. ގިނަގުނަ ދަރުމައާއި ސަވާބު ހުރި ކަމެކެވެ.

މުސްލިމް އަޚުންނޭވެ! ޙައްޖުގެ ބުރަ އަޅުކަމަށް ފަހު، އަންނަނީ އަޟުޙާ ޢީދުގެ އުފާވެރި ދުވަސްތަކެވެ. އެއީ ކެއިންބުއިމާއި، ޒީނަތްތެރިވެ އިސްލާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުޅިވަރުކުޅުމާއި، އުފާ ފާޅުކުރުމުގެ ދުވަސްތަކެކެވެ. ނަމަވެސް އިސްލާމްދީނުގައި މިއިން ކޮންމެ މުނާސަބަތެއް ވެސް ފާހަގަކުރެވެނީ މާތް اللهއަށް ކުރެވޭ މަތިވެރި އަޅުކަމަކުންނެވެ. ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ނަމާދަކުންނެވެ. اَلْإِمَامُ اِبْنُ الْقَيِّمِ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. "މާތް ﷲއަށް ޝުކުރުކުރުމަކީ، އެކަލާނގެ ދެއްވި ނިޢުމަތްތަކަށް އިޢުތިރާފުވެ، ހިތުން ލޮބުވެތިކަން ފާޅުކޮށް ﷲ سُبْحَانَهُ وَتَعَالَىގެ ޙަޟުރަތަށް ރުޖޫއަވެ ތައުބާވުމެވެ. ދުލުން އެކަލާނގެއަށް ޙަމްދާއި ސަނާކިޔުމެވެ. އަދި ގުނަވަންތަކުން އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމެވެ."[1] އެހެންކަމުން ޢީދު ނަމާދަކީ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދީންނާއި ދަތުރުވެރީންނާއި ރަށުގައި ޤާއިމުވެ ތިބޭ މީހުން ކުރުން ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. އަދި އަންހެނުންގެ ތެރެއިން ޢީދުނަމާދުގައި ބައިވެރި ނުވެވޭ ޢުޒުރުވެރީން ވެސް ޢީދު ޚުޠުބާ އަޑުއެހުމަށް، رسول الله z ބާރު އަޅުއްވައިފައި ވެއެވެ. 

މުސްލިމް އަޚުންނޭވެ! ޢީދު ދުވަހަކީ މުސްލިމުން އުފާ ފާޅުކުރުމުގެ ދުވަހެވެ. ރީތި ހެދުންލައި ޒީނަތްތެރިވުމުގެ ދުވަހެވެ. އެކަކު އަނެކަކަށް ޒިޔާރަތްކޮށް، ތަހުނިޔާކިޔުމުގެ ދުވަހެވެ. ޢީދު ދުވަހު މުސްލިމުން އެކަކު އަނެކަކާ ބައްދަލުވެ، ހެޔޮ ދުޢާއާއި އުފާވެރިކަމުގެ ޝުޢޫރުތައް ފާޅުކުރާން ޖެހެއެވެ. ޢީދު ދުވަހަކީ އެކަކު އަނެކަކާ ސަލާމްކޮށް އެކަކު އަނެކަކަށް ޒިޔާރަތްކުރުމުގެ ދުވަހެވެ. ޢީދު ނަމާދަށްފަހު ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރީންނަށް ޒިޔާރަތްކޮށް، ޢީދުގެ ތަހުނިޔާކިޔުމާއި ޢީދު ސަލާމްކުރުން މުސްތަޙައްބުވެގެން ވެއެވެ. ސަލާމްކުރުމާއި ހިތްހެޔޮކަމުގެ ޝުޢޫރުތައް ފާޅުކުރުމަކީ ރަޙުމަތްތެރިކަމާއި އެކުވެރިކަން އިތުރުވާ ކަމެކެވެ. رسول الله z ޙަދީޘްކުރައްވައިފައި ވެއެވެ. (مَا مِنْ مُسْلِمَيْنِ يَلْتَقِيَانِ فَيَتَصَافَحَانِ إِلَّا غُفِرَ لَهُمَا قَبْلَ أَنْ يَفْتَرِقَا)[2]  މާނައީ: "ދެ މުސްލިމަކު ބައްދަލުވެ، އަތާއި އަތް ޖޯޑުކޮށް ސަލާމްކޮށްފި ނަމަ، އެ ދެމީހުން ވަކިވުމުގެ ކުރީން އެ ދެ މީހުންގެ ފާފަތައް މާތް ﷲ ފުއްސަވައިދެއްވައެވެ."

މުސްލިމް އަޚުންނޭވެ! ޢީދު ދުވަހު އުފާކުރުމާއި އުފާފާޅުކުރުމަކީ ހުއްދަކަމެކެވެ. ނަމަވެސް ޢީދު ދުވަހު ކުޅިވަރުތައް ކުޅެ، އުފާ ފާޅުކުރާން ޖެހޭނީ އިސްލާމީ ހަމަތަކާއި އަޚުލާޤީ އިމުން ބޭރުނުވާ ގޮތަށެވެ. އަދި ތިމާގެ އަމިއްލަ ނަފުސަށް ވެސް އަދި އެހެން މީހުންނަށް ވެސް ގެއްލުމާއި އުނދަގޫތައް ނުވާނޭ ގޮތަކަށެވެ. އަދި ޢާއްމު މަޞްލަޙަތަށް ޓަކައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާ ވެސް ޚިލާފު ނުވާ ގޮތެއްގެ މަތީންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް