އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް ގޯތި ނުވަތަ ފްލެޓް ދޫކުރުމުގެ މަޝްރޫޢު މިއަހަރު ފަށާނަން: ރައީސް

18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް ގޯތި ނުވަތަ ފްލެޓް ދޫކުރުމުގެ މަޝްރޫޢު މިއަހަރު ފަށާނަން: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ އަމާޒުކަމަށާއި، 18 އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް "ފުރަތަމަ ގެ" ނުވަތަ "ފަސްޓް ހޯމް" ކަށަވަރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ ސަރަޙައްދުން ގޯތި ނުވަތަ ފްލެޓް ދޫކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ގެދޮރާއި ގެދޮރުވެރިކަމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމާއި، އެކަމަށް ވަށާޖެހޭ، ދެމިގެންވާ ޙައްލެއް ހޯއްދެވުމަށް ސަރުކާރުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، އެކި މަޝްރޫޢުތަކުގެ ދަށުން ގިރާވަރުފަޅާއި، ގުޅީފަޅު ހިމެނޭހެން، ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓް، މިދައުރުގެ ތެރޭގައި ދޫކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މާލެ ސަރަޙައްދަށް އެކަނި، 4000 ފްލެޓް އެކަށައެޅިފައިވާ ކަމަށާއި މީގެ ސަބަބުން މިސަރަޙައްދުގައި ޒަމާންތަކަަކަށް ދެމިގެންދިޔަ ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ލިބިގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

18 އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް "ފުރަތަމަ ގެ" ނުވަތަ "ފަސްޓް ހޯމް" ކަށަވަރުކޮށްދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއްކަމަށާއި އެވަޢުދު ފުއްދެވުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް މާލެ ސަރަޙައްދުން ގޯތި ނުވަތަ ފްލެޓް، ކަށަވަރުކޮށްދިނުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިބަސްދީގަތުމުގައި ވިދާޅުވިއެވެ. އަދި، މިކަމަށް އެދޭ، ޝަރުތު ހަމަވާ ފަރާތްތަކަށް މިއަހަރު ނިމުމުގެ ކުރިން ގޯތި ނުވަތަ ފްލެޓް ހަވާލުކުރެވޭކަމުގެ ލިޔުން އެރުވުމަކީ ސަރުކާރުގެ އަމާޒުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ 57 ރަށެއްގައި ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުގެ ދަށުން ނުވަތަ ދައުލަތުގެ ބަޖެޓުގެ ތެރެއިން، ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސޯޝަލް ހައުސިންގ މަޝްރޫޢުތަކުގައި ބޭއިންސާފުން ކުރީގެ ސަރުކާރުތަކުން ކަންތައްތަކެއް ކޮށްފައިވާކަމަށް އިޝާރާތްކުރައްވަވައި، ނޫސްވެރިޔާ ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ފްލެޓް ގެއްލުނު ފަރާތްތަކަށް، މިސަރުކާރުގެ ފުރަތަމަ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން ފްލެޓް ހަވާލުކުރެވޭނެކަމަށެވެ. އަދި، މިއަށް އޮތް ހަމައެކަނި އިސްތިސްނާއަކީ އެހެން ސްކީމެއްގެ ދަށުން ގެދޮރު ކަށަވަރުވެފައިވުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުންކަމަށާއި އެކަންކަން ފުއްދައިދީ، ދިވެހި ރައްޔިތުންގެ ޢާންމު ދިރިއުޅުން ފަސޭހަކޮށްދިނުމުގައި ސަރުކާރާއި އެމަނިކުފާނު ދެމިތިއްބަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު