އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު
މާލޭގައި އިމާރާތްކުރަން ދަތިވެފައިވާ ބިންތައް، ލާޖައްސާ އުސޫލުން ސަރުކާރަށް ދޫކޮށްލުމުން މާލެ ސަރަހައްދުން ހިލޭ ގޯތި ހޯދުމުގެ ފުރުސަތު މިއަހަރު ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވި ގޮތުގައި، މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތަށް އުނދަގޫވާ ގޮތަށް ހަނި ގޯޅިތަކާއި ކުދި ކަންމަތިތަކުގައި ހުރި ގޯތިތައް އެބަހުރި ކަމަށާއި، މިފަދަ ބައެއް ބިންތަކަކީ ލޯނު ހޯދައިގެން ނުވަތަ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންވެސް އިމާރާތްކުރެވޭނެ ގޮތެއް ނެތް ތަންތަން ކަމަށެވެ. މީގެ ސަބަބުން އެފަދަ ގެތަކުގެ ވެރިންނަށް ދިރިއުޅެވޭނެ ގޮތެއް ހޯދިފައި ނުވާކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މިފަދަ ގެތަކުގެ މީހުން ގެދޮރުވެރިކުރުމަށްޓަކައި، އެ ބިންތައް ލާޖައްސާ އުސޫލުން ސަރުކާރަށް ދޫކޮށްލުމުން، މާލެ ސަރަހައްދުގައި ހިއްކާ ބިންތަކުން އެ ގޯއްޗާ އެއް ސައިޒުގެ ގޯއްޗެއް ދިނުމަށް ވަނީ ނިންމާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެކެވެ.
"މިއަހަރު ތެރޭގައި މި މަސައްކަތް ކުރިއަށް ގެންދާނަން. އެމީހުންނަށް ގޯތި ލިބޭ ތަނަކާ ގުޅޭ ލިޔުން އަހަރު ނިމުމުގެ ކުރިން ހަވާލުކުރާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި މިގޮތަށް މާލެއިން ދޫކޮށްލާ ބިންތައް ތަރައްގީކުރާނީ އާންމުންނަށް ހިތްހަމަޖެހޭ ގޮތަށް، ހުސް ޖާގަތަކެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ. "ވީހާވެސް ގިނަ ބަޔަކަށް ގޯތި ހޯދުމުގެ ފުރުސަތު ދޭން ބޭނުންވަނީ. ހުސްވާ ބިންތައް ބޭނުންކުރާނީ އޯޕަން ގްރީން ޖާގަތަކެއްގެ ގޮތުގައި. ލިވަބަލް ހިތްގައިމު ތަންތަނަށް ހަދާނީ" ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
Advertisement
31 މެއި 2025