އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު
ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ޙަޤީޤީ މަންޒަރުތައް ފެނި މިދަނީ ކަށަވަރުވަމުން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޖޫން 1 ވަނަ ދުވަހުން ފެށިގެން ގޭބިސީތަކުގެ ކަރަންޓު ޓެރިފް ކުޑަކުރެއްވުމަށް ނިންމަވާފައެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންނަށް ހެޔޮލަފާ ވެރިކަމެއްގެ ޙަޤީޤީ މަންޒަރުތައް ފެނިގެންދާ ކަމަށެވެ.
"ކުރީގެ އެއްވެސް ސަރުކާރަކުން ކުރަން ކެރިފައިނުވާ ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ވަނީ ކުރައްވައި، އެކަން ރަސްމީކޮށް އިޢުލާންކުރައްވާފައި،" ފަހުމީ ވިދާޅުވިއެވެ.
އަދި ފަހުމީ ވިދާޅުވީ ރައްޔިތުންގެ މާލީ ބުރަ ލުއިކުރުމަށްޓަކައި، ދިގު މުއްދަތެއް ވަންދެން ބޭނުންކުރަމުން އައި ކަރަންޓުގެ ޓެރިފްތަކަށް ބަދަލުގެނެސް، އަގު ދަށްކުރެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ޝުކުރު ދަންނަވާ ކަމަށެވެ.
މި ނިންމެވުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް ފާހަގަކުރެވެއެވެ. ޚާއްޞަކޮށް މިފަދަ އިޤްތިޞާދީ ގޮންޖެހުންތަކެއް ހުރި ދަނޑިވަޅެއްގައި ކަރަންޓު ބިލަށް ލުޔެއް ލިބިގެންދިއުމަކީ ގިނަ ރައްޔިތުންނަށް އުފާވެރި ޚަބަރެއް ކަމުގައި ވެގެންދާނެއެވެ.
Advertisement
31 މެއި 2025