އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު
އަހުރެންނާއި ބައްދަލުކުރި މީހެކެވެ. އޭނާގެ ކަންބޮޑުވުމަކީ އޭނާ ދުޢާކުރަމުން އަންނަ ކަންކަމުގެ ތެރެއިން ބައެއް ކަންކަން ފުއްދަވައި ނުދެއްވަވާ ކަމެވެ. (ފުއްދަވައިދެއްވެވުން ލަސްވާ ކަމެވެ.)
އަހުރެން ސުވާލުކުރީމެވެ! "ކަލޭ ދުޢާކުރި ކަންތައްތަކުގެ ތެރެއިން ގިނައީ ފުއްދަވައިދެއްވެވި ކަންތައްތައް ހެއްޔެވެ؟ ނޫނީ ފުއްދަވައި ނުދެއްވަވާ ކަންތައްތައް ހެއްޔެވެ؟" އޭނާ ބުނީ ގިނަ ކަންތައްތަކެއް ފުއްދަވައި ދެއްވަވައިފިކަމަށެވެ.
އަހުރެން ސުވާލުކުރީމެވެ! "ފަރުޟް ނަމާދުތައް އަދާކުރެވޭހެއްޔެވެ؟ ފަތިސްނަމާދު ޤަވާއިދުން ކުރަން ހެއްޔެވެ؟" ޖަވާބަކަށްވީ ގިނަ ދުވަސް ދުވަހު ފަތިސްނަމާދު (ނަމާދުގެ ވަޤުތުގައި) ނުކުރެވޭ ކަމަށެވެ. ހުރިހާ ފަރުޟް ނަމާދުތަކެއް ކުރަންވެސް މަސައްކަތްކުރާކަމަށެވެ.
އެހިސާބުން ސުންނަތް ނަމާދުތަކުގެ ވާހަކައިން ސުވާލުކުރުމުގެ ބޭނުމެއް ނެތްކަމަށް ވިސްނި އެސުވާލެއް ނުކުރަމެވެ.
ނިކަން ވިސްނައިލަބަލާށެވެ! ދުޢާކުރި ކަންތައްތަކުގެ ތެރެއިން ގިނަ ކަްނތައްތަކެއް ފުއްދަވައި ދެއްވަވައިފިއެވެ. މަދު ކަންތައްތަކެއް އަދި ފުއްދަވައި ނުދެއްވަވާތީ ކަންބޮޑުވެ ޝަކުވާކުރަނީއެވެ. އެކަމަކު ފަތިސްނަމާދެއް ނުކުރެވެއެވެ. ދެންހުރި ފަޜުޟް ނަމާދުތަކެއްވެސް ޤަވާއިދަކުން ނުކުރެވެއެވެ. އެކަމަކުވެސް ޝަކުވާކުރަން އެބަ ބޭނުންވެއެވެ.
މީސްތަކުންނޭވެ! ކުރާ އެއްވެސް ދުޢާއެއް ޢިޖާބަ ނުކުރެއްވެވިޔަސް ޝަކުވާ ކުރުމެއް ނެތެވެ. އެއީ އެއްވެސް އިންސާނަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ﷲ ތަޢާލާ އެވަނީ މިހާރުވެސް އޭނާގެ ގިނަ ބޭނުންތަކެއް ފުއްދަވައި ދެއްވަވައިފައެވެ. އެކަމަކު އޭނާ ޝުކުރުވެރިއެއް ނުވެއެވެ. އެންމެ ކުޑަމިނުން ފަރުޟް ފަސް ނަމާދުވެސް ފުރިހަމައަކަށް ނުކުރެއެވެ. ފަތިސްނަމާދެއް ނުކުރެއެވެ. މިއީ ކިހައިދެރަކަމެއް ހެއްޔެވެ؟
ކުރާ ދުޢާ ޢިޖާބަކުރެއްވެވުމަށް އެދޭނަމަ ފުރަތަމަ ކަމަކަށް ފަރުޟް 5 ނަމާދަށް ރައްކައުތެރިވާށެވެ! ފަތިސްނަމާދުކުރަން އޮތީ ހޭލެވުނު އިރަކުންނޫނެވެ. ކޮންމެ ނަމާދެއްވެސް ކުރަން އޮތީ އެނަމާދެއްގެ ވަޤުތުގައެވެ. ޚާއްޞަކޮށް ދުވަސް ފަށަނަ އޮތީ ފަތިސްނަމާދު އެނަމާދުގެ ވަޤުތުގައިކޮށްގެންނެވެ. އެކަމަށް ކަންނެތްވެގެން ހުންނަ މީހަކީ ﷲ ތަޢާލާގެ ރަޙްމަތަށް ބޭނުންވެގެން ހުރި މީހަކު ކަމުގައި ނުބެލެވޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
4 ޖޫން 2025